ރަމަޟާން މަސް ފެށުމުން ޖަމާޢަތުގައި ނަމާދުކުރަން ގިނަ ބައަކު ސަމާލުކަން ދެއެވެ. އެހެންކަމާއިއެކުގައިވެސް އަދިވެސް "ފަހުން ކޮށްލަން" މަޑުކުރެވޭ ބައަކުވެސް އުޅެއެވެ. އެމީހުންނަށްވެސް ބުނެލަން އޮތީ ތިއަ ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ބަންގީގެ ކުރިއަށް މިސްކިތަށް އަރަން މަސައްކަތްކުރާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ނަމާދުގެ ޖަމާޢަތް ލިބިގަންނަން މަސައްކަތްކުރާށެވެ. ތިބާއަކީ ނަމާދުކުރުމަށް ދަހިވެތިވެގެން ހުރި މީހަކު ކަމުގައި ވެވޭނީ އެއިރުންނެވެ.
އަންހެނުންނަށް ބުނެލަން އޮތީ ނަމާދު ވަޤުތު ޖެހުމުން ކުރަންހުރި މަސައްކަތް މަޑުޖައްސާލާފައިވެސް ނަމާދުކުރަން އަވަސްވެގަންނާށެވެ! ނަމާދުކުރަން އަވަސްވެގަތުމަކީ ކުރަންހުރި މަސައްކަތް ކުރަން ފަސޭހަވާނެ ސަބަބެކެވެ. އިން ޝާ ﷲ
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ކޮންމެ ނަމާދެއްކުރަންވެސް އިތުރުވަގުތު ދެއްވަވާފައި އޮތުމަކީ ކޮންމެ ނަމާދެއް ވަގުތުގެ އެންމެފަހުކޮޅު ކުރަން އޮތް ހުއްދައެއް ނޫނެވެ. ގިނަ ވަގުތު ދެއްވަވާފައި އެވަނީ ސަބަބެއް މެދުވެރިވެގެން ފަހަރެއްގައި ބައެއް ނަމާދުކުރުން ލަސްވެދާނެކަމަށްޓަކައެވެ. ވީމާ އެއީ އާދައަކަށް ހަދައިގެން ނުވާނެއެވެ!
ވަގުތުގެ ކުރީކޮޅުގައި ނަމާދުކުރުމުން ޘަވާބު އިތުރުކުރައްވަވައިދެއްވަވާތީއެވެ. ޖަމާއަތުގައި ކުރުމުން 27 ގުނަ އިތުރަށް ޘަވާބު ދެއްވަވާތީއެވެ! މިއީ މިކަމުގައި އަހުރެން ވިސްނާ ގޮތެވެ.
ނަމާދު އެޅުމާއި ނަމާދުކުރުން ލަސްކުރެވުމަކީވެސް ތައުބާވާންޖެހޭނެ ކަންކަން ކަމުގައި އަހުރެން ދެކެމެވެ. އެހެނީ ނިދުމާއި ހަނދާންނެތުން ނޫނީ ނަމާދު އެޅުން ހުއްދަކުރާ އެއްވެސް އުޒުރެއް ނެތެވެ. ދެން އޮތީ ނަމާދު ވަގުތު ޖެހުމުން ނަމާދުނުކޮށް ލަސްކުރުމެވެ. އެއީވެސް އެކަންކުރަން އޮތް ގޮތެއް ނޫނެވެ. އޮތީ ވީހައި އަވަހަކަށް ނަމާދުކުރުމެވެ.
މީސްތަކުންނޭވެ! ނަމާދުކުރުމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރާށެވެ! ވަގުތުޖެހުމުން ނަމާދުކުރުމަށްވުރެ އިސްކަމެއް އެހެން އެއްވެސް ކަމަކަށް ނުދޭށެވެ! ޙަދީޘްފުޅުގައި އޮތީ ސުވަރުގެ ވަންނާނީ ތިމަންކަލޭގެފާނު އާއި ޞަޙާބީން ޢަމަލުކުރެއްވެވި ގޮތަށް އަމަލުކުރުން ކަމަށެވެ. އެބޭކަލުން ޢަމަލުކުރެއްވެވީ މި ބަޔާންކުރި ފަދައިންނެވެ.
ވީމާ ނަމާދު ނުކުރެވި ލަސްކުރެވޭނަމަ އެކަން އިޞްލާޙްކުރާށެވެ! ހުއްދަ ޙާލަތު މެދުވެރިވެގެން ނޫނީ ދެނަމާދު އެއްކުރުމުގެ ވިސްނުންވެސް ނުގެންގުޅޭށެވެ. ލަސްކުރެވޭނަމަ ކޮންމެ ގޮތަކުންނަމަވެސް އެކަން އިޞްލާޙްކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން