ކައްވަޅުގެ ޢަޖާބާއިމެދު ގިނަ ބައަކު ތިބީ ޣާފިލުވެގެންނެވެ. އެކަމަކު ނިކަން ވިސްނައިލަބަލާށެވެ! ކައްވަޅުގައި ޢަޛާބު ލިބޭނީ އެމީހަކަށް ޢަޛާބު ޙައްޤުވެއްޖެނަމައެވެ. އެފަދަ މީހަކަށް ޤިޔާމަތް ދުވަހު ނަރަކައިގެ ޢަޛާބުން ސަލާމަތްވެވިދާނެ ހެއްޔެވެ؟ މިއީ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ.
އަހަރެމެންނަށް މިއަދު ވެފައި މިތިބަ ގޮތަކީ ސުވަރުގޭގެ ނިޢްމަތްތަކުގެ ވާހަކަ ދައްކައިފިނަމަ އިންތިހާއަށް ސުވަރުގެ ބޭނުންވެއެވެ. އެކަމަކު ސުވަރުގެ ހޯދަން މަސައްކަތެއް ނުކުރެވެއެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބުގެ ވާހަކަ ދައްކައިފިނަމަ ޢަޛާބުން ސަލާމަތްވާން ބޭނުންވެއެވެ. އެކަމަކު ފާފަކުރަން ބިރެއް ނުގަނެއެވެ. ސަލާމަތްވާން މަސައްކަތެއް ނުކުރެވެއެވެ.
ކައްވަޅުގައި ލިބޭ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަ ގިނަބައަކު އަބަދުވެސް ދައްކައިއުޅެއެވެ. އެ ޢަޛާބުގެ ގަދަފަދަކަމުން ވަލު ޖަނަވާރުތަކަށްވެސް އެ އަޑު އިވޭކަން އެނގެން އެބައޮތެވެ. އެވާހަކަވެސް ދައްކައެވެ. ނަމަވެސް ހިތުގައި ބިރުވެރިކަން އުފެދެނީ ވަރަށްމަދު މީހެއްގެއެވެ. ހިތަށް އެކަން ނެގޭ މިންވަރު ކުޑަވުމުން ބިރުގަންނަންވެސް ނުއެނގެނީއެވެ. ނުވަތަ ދެވޭ ސަމާލުކަން ކުޑަވަނީއެވެ.
ޢައިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "އެއް ދުވަހަކު ޔަހޫދީންގެ މުސްކުޅި ދެ އަންހެނަކު ތިމަން ކަމަނާގެ ގަނޑުވަރަށް ވަޑައިގަތެވެ. އަދި ދެންނެވިއެވެ. ކއްވަޅުގައި މީސްތަކުންނަށް ޢަޛާބު ދެއްވަވައެވެ. ނަމަވެސް ތިމަން ކަމަނާއަށް އެކަން އެގޮތަށް ވާނެކަން އެނގިވަޑައިގެންފައި ނެތުމުން އެއީ ކިހިނަކުން ވާނެ ކަމެއްތޯ ސުވާލުކުރެއްވެވީމެވެ. އެމީހުން ދިއަތަނާ ރަސޫލް (ﷺ) ގަނޑުވަރަށް ވަޑައިގަތުމުން އެވާހަކަ ދެންނެވުމުން ހަދީޘްފުޅު ކުރެއްވެވިއެވެ. އެ ދެ އަންހެނުން އެބުނީ ތެދެކެވެ. އަދި އެދުވަހަށްފަހުގައި ފަރުޟު ނަމާދެއް ކުރެއްވެވި ނަމަވެސް އަދި ސުންނަތް ނަމާދެއް ކުރެއްވެވި ނަމަވެސް ރަސޫލް (ﷺ) ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާ ނުކުރައްވަވާ ނަމާދެއް ކުރެއްވިކަން އެނގިވަޑައިގެންފައެއް ނެތެވެ. ނުވަތަ ކޮންމެ ނަމާދެއްގައި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރެއްވެވިއެވެ."
އަހަރެމެން ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ކައްވަޅުގެ ޢަޛާބުން ސަލާމަތާއި ރައްކައުތެރިކަމަށް އދި ދުޢާ ކުރަމުއެވެ. ކައްވަޅުތަނަވސްކުރައްވަވައި ދެއްވަވައި އަލިކުރައްވަވައި ދެއްވެވުން އެދިވެސް ދުޢާކުރާށެވެ! ހިތާމައަކީ ދުޢާ ކުރެވޭއިރު ދުޢާ ކުރެވޭކަންވެސް އަހަރެމެންނަށް ނުއެނގޭތީއެވެ. ކިޔާ ތަކެތީގެ މާނަ ދަސްނުކުރާތީއެވެ. މާނަ އެނގުނު ނަމަވެސް ނުވެސް ވިސްނާތީއެވެ.
ކައްވަޅަކީ އާޚިރަތަށް ދިއުމުގެ ފުރަތަމަ މަރުހަލާއެވެ. ކައްވަޅުގެ މަރުހަލާގައި ޢަޛާބުން ސަލާމަތްވެވިއްޖެ މީހަކަށް އާޚިރަތްދުވަހުގެ ކަންކަން ލުއިވެގެންދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ.
--ބިލާލް އައްސަދުގެ ދަރުސަކުން