ބޮޑެތި އަދި ނުރައްކާތެރި ބަލިތައް ގިނަވެއްޖެއެވެ. އެހެންވެ ހިތަށް ޖެހޭ ބަލިތައްވެސް ގިނަވެއްޖެއެވެ. ހަމައެއާއިއެކު ގިނަ ބަލިތަކެއްގެ ޝިފާވެސް ވަނީ ހޯދިފައެވެ. މިހާރުވެސް އަންނަނީ ހޯދެމުންނެވެ. އެކަމަކު ހިތަށް ޖެހޭ އެންމެ ނުރައްކާތެރިކަން ބޮޑު ބައްޔާއިމެދު ގިނަ ބައަކަށް މިވަނީ ފަރުވާކުޑަކޮށްލެވިފައެވެ.
އިންސާނާގެ އެންމެ ނާޒުކު އެއް ގުނަވަނަކީ ހިތެވެ. އެހެންވެ ކޮންމެ މީހަކުވެސް އެމީހާގެ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭނެއެވެ. ހިތް ލޮލަށް ނުފެނުނު ކަމުގައިވީނަމަވެސް އެންމެ ބޮޑަށް ލޯބިވާނީވެސް ހިތްދެކެއެވެ. އެއީ އެކަންވެގެންވެސް ވެދާނެ ގޮތެވެ. ލޯބި އުފެދެނީ ހިތުގައި ކަމަށްވާތީއެވެ.
ހިތަށްޖެހޭ ބަލިތަކުގެ ތެރެއިން އެންމެ ބިރުހުރި، ބިރުވެރިކަމާއި ނުރައްކައުތެރިކަން އެންމެބޮޑުކަމަކީ ﷲ އަށް ބިރުވެތިކަން ކުޑަވުމެވެ. އެކަން މެދުވެރިވާނަމަ ފަރުވާ ހޯދަން އަވަސްވެގަންނަންޖެހެއެވެ. އެއަށްވުރެ ނުރައްކާތެރިކަން ބޮޑު އެއްވެސް ކަމެއް ނުވެއެވެ.
މިސާލަކަށް ބުނާނަމަ ހިތަށްޖެހޭ ބަލިތަކަށް ބޭސްކުރެވެއެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ޝިފާވެސް ލިބެއެވެ. މިޒަމާނުގައި ހިތުގެ ބައެއް އޮޕަރޭޝަންތައްކޮށްގެން ފަސޭހަވާންވެސް ބޭނުންވަނީ އެންމެ 24 ގަޑިއިރެވެ.
ދެން އޮތީ ބަލީގައި ޝިފާނުލިބި މަރުވުމެވެ. ޝިފާނުލިބި މަރުވިކަމުގައިވީނަމަވެސް ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަންއޮވެ ޢަމަލުކުރިނަމަ ﷲ ތަޢާލާ ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ
ދެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވުމެވެ. އެކަމަށް ޝިފާ ނުވަތަ ޙައްލު ހޯދަން ޑޮކްޓރުންގެ އެހީތެރިކަން ބޭނުމެއްނުވާނެއެވެ. ބޭނުންވާނީ ތަޤްވާވެރި ޢިލްމްވެރިންގެ އިރުޝާދެވެ. އިރުޝާދަށް ޢަމަލުކުރަންޖެހޭނީ އެމީހެކެވެ. ޝިފާލިބުންވަނީ އެމީހަކު އެކަމަށް މަސައްކަތްކުރިވަރަކުންނެވެ. އެކަމަށް ޝިފާނުހޯދައި ހުއްޓައި މަރާއި ކުރިމަތިލާންޖެހިއްޖެނަމަ ލިބިދާނެ ހިތާމައަކީ ނަރަކައިގެ ގަދަފަދަ ޢަޛާބްކަމުގައިވެ ދާއިމީ ހިތާމަކަމައަކަށްވެގެން ހިނގައިދާނެއެވެ. އެއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ.
ﷲ އަށް ތިމާގެ ހިތް ބިރުވެތި ނުވާނަމަ ހަދާނީ ކިހިނެތްތޯ؟ މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ތިމާގެ މާޙައުލު ބަދަލުކޮށްލަންވީއެވެ. އެއީ މާބޮޑަށް އުރެދޭ މާޙައުލެއްގައި އުޅެވޭތީއެވެ. ނަމާދުކުރުން ގިނަކުރާނީއެވެ. އެކަހެރި ތަނެއްގައި ﷲގެ ޙަޟުރަތަށް ކުއްތަންވެ އެއިލާހު ހަނދުމަކުޅައުމުގައި މަޝްޣޫލުވާ ވަގުތު ގިނަކުރާނީއެވެ. ﷲ އަށް އުރެދުނު މީހުނާމެދު ކަންވެދިޔަގޮތުގެ ވާހަކަ ކީރިތި ޤުރުއާނުން ދިރާސާކުރާނީއެވެ. والله أعلم"
--އިސްލާމީ ތިލަފަތުގެ ދަރުސަކުން