ޢިބްރަތްތެރި ވާހަކަ: މިއަންހެން ކުއްޖާގެ ކިބައިން ހިތްވަރު ލިބިގެންފިނަމަ ތަނަވަސްކަމުގެ ދަހިވެތިކަމުގަ ދަރިން ވިއްކާލުން ހުއްޓުވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ޢިބްރަތްތެރި ވާހަކަ: މިއަންހެން ކުއްޖާގެ ކިބައިން ހިތްވަރު ލިބިގެންފިނަމަ ތަނަވަސްކަމުގެ ދަހިވެތިކަމުގަ ދަރިން ވިއްކާލުން ހުއްޓުވޭނެ! އިން ޝާ ﷲ

ޒުލްފާގެ ޢުމުރުން 16 އަހަރުވެސް ނުފުރެނީސް ޒުލްފާގެ މަންމަ އަވަށުގައި އެންމެ ނުފޫޒުގަދަ އެންމެ ތަނަވަސް މީހާއަށް ޒުލްފާ ވިއްކައިލިއެވެ. އެއީ ޢުމުރުން 60 އަހަރުވެފައިވާ މީހެކެވެ. އެކަމަށް ޒުލްފާ އެއްބަސްނުވެ ދެކޮޅު ހެދުމުން ދައްކަންފެށީ ބައްޕައަކާއި ނުލައި ގެންގުޅެ ބޮޑުކުރަން ކުރި މަސައްކަތުގެ ވާހަކައެވެ.  

އޭނާ އާއި ކައިވެނިކުރުމުން ލިބޭނެ ބޮޑުތަނަވަސްކަމުގެ ވާހަކައެވެ. "ދަރިފުޅާއެވެ. ހުރިހާވެސް އެއްޗަކީ ފައިސާއެވެ. އެމީހާ މިހާރުވެސް މަންމައަށް ވަރަށް ގިނަ ފައިސާތައް ދީފިއެވެ. ކައިވެނީގެ ކަންކަން ނިމުމުން އިތުރަށްވެސް ދޭނެއެވެ. އަވަށުގެ އެންމެ ތަނަވަސް އަންހެނަކަށްވާނީ ދަރިފުޅެވެ. ދަރިފުޅަށް ބޭނުންވާ އެއްވެސް ކަމެއް ނުވެގެން ހުންނާކަށް ނުޖެހޭނެއެވެ. ހުރިހާ ކަންކަން ހުންނާނީ ފުރިހަމަވެފައެވެ. އަތުންފައިން އެއްވެސް މަސައްކަތެއްކުރާކަށްވެސް ނުޖެހޭނެއެވެ. ހުރިހާ މަސައްކަތެއް ކުރާނީ ނޯކަރުންނެވެ."

ޒުލްފާގެ ޖަވާބަކަށްވީ: "ލޯބިވާ މަންމާއެވެ! ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އަހަރެން ވިއްކާލަން މަންމައަށް އެއްވެސް ޙައްޤެއް ލިބިގެނެއް ނުވެއެވެ. އަހަރެންނަކީ މަންމަ ނަމަ އެމުސްކުޅި މީހާ އާއި ކައިވެނިކުރަން އެއްބަސްވާނަންހެއްޔެވެ؟ ތިއަހެން ކަންކަން ކުރުމަށްވުރެ މަންމަ އަހަރެން ކަތިލުންވެސް މާރަނގަޅުވާނެއެވެ."  

އެހިސާބުން މަންމަ ބޭނުންކުރީ އެންމެ ވަރުގަދަ ހަތިޔާރެވެ. "ދަރިފުޅާއެވެ. ބައްޕަވެސް މަރުވީ ބޭސްފަރުވާ ނުކުރެވިގެންނެވެ. މަންމައަށް ބޮޑު ބައްޔެއްޖެހި ބޭސްފަރުވާ ނުކުރެވި އޮވެ މަރުވާތަން ދެކެން ދަރިފުޅަށް ކެތްކުރެވޭނެ ހެއްޔެވެ؟"  

ޒުލްފާ ދިނީ ހީވެސް ނުކުރެވޭ ފަދަ ޖަވާބެކެވެ. "އަތުގައި ފައިސާގިނަވުމަކީ އެއްވެސް މީހަކު މަރުނުވާނެ ސަބަބެއް ނަމަ ދުނިޔޭގެ ބޮޑެތި ބިލިއަނަރުންތައް މަރުވަނީ ކީއްވެގެން ހެއްޔެވެ؟ އަދިވެސް ނިކަން ބުނެބަލާށެވެ! ތިއަ މީހާގެ ކިބައިން ލިބޭ ހިތްދަތިކަމުގައި އަހަރެން މަރުވީމާ މަންމަ ލަވަކިޔާފައި ނަށާނީހެއްޔެވެ؟"  

އެވަރުންވެސް މަންމަ ގޮތް ދޫނުކޮށް ޒުލްފާގެ ގައިގައިތަޅާ އަނިޔާކޮށްގެން ކައިވެނިކުރުވަން ގެންދިއައެވެ. ކައިވެނީގެ ޙަފްލާ ފެށި ކައިވެނި ލައިދޭ ހިސާބަށް ދިއުމުން ޒުލްފާ ހުރަސް އަޅައި ވާހަކަދައްކަން ފެށިއެވެ.  

"މިތަނުގައި މިތިބަ އެންމެން ނިކަން ބުނެބަލާށެވެ! އަޅުގަނޑުގެ މަންމަ އަޅުގަނޑު ގެންގުޅެ ބޮޑުކޮށްފައި ގެންގުޅެ ބޮޑުކުރާ ހެރިބަކަރި ވިއްކައިލާ އުޞޫލުން ވިއްކައިލެވޭނެ ހެއްޔެވެ؟ މަންމަ ކުރަން އެއުޅެނީ އެކަމެވެ.  

ދެވަނަ ކަމަކީ އަޅުގަނޑު ރަނެއް ނުކިޔަމެވެ. ރަންކިޔައި ފައިސާ ހޯދައިގެންވެސް އުޅެނީ މަންމައެވެ. އިސްލާމް ދީނުގައި ކައިވެނިކޮށްދެނީ ރަންކީ މީހަކާ ނޫންހެއްޔެވެ؟ އެހެންވީމާ ކައިވެނިކޮށްދޭންޖެހޭނީ މަންމައާއި ނޫންހެއްޔެވެ؟ ނޫންނަމަ މިއީ ކޮންދީނަކަށް ކުރެވެން އުޅޭ ކައިވެންޏެއްކަންވެސް އެނގެން އެބަޖެހެއެވެ."  

އެހިސާބުން މީހުންތައް އަޑުގަދަކުރަން ފަށައިފިއެވެ. މުސްކުޅި މީހާއަށާއި ޒުލްފާގެ މަންއަށް އެއްޗެތިގޮވަން ފަށައިފިއެވެ. ކައިވެނީގެ މަޖިލީސް ރޫޅާލާފައި ކައިވެނިކޮށްދޭން އުޅުނު މީހުންތައް ދުވެ ފިލައިފިއެވެ.  

ކަންކަން ހަމައަކަށް ނުއެޅެނީސް ޒުލްފާވެސް ފިލައިފިއެވެ. އަވަށް ދޫކޮށްލާފައި ބަހަކަށް އަރައިގެން ދިއައީއެވެ. ދުވަހަކުވެސް އަވަށަށް އެނބުރި ނުއަންނަ ގޮތަށެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއީ ބޭރު ޤައުމެއްގައި ހިނގާފައިވީ ކަމެއް ނަމަވެސް މިގޮތަށް ދަރިން ވިއްކައިލުމުގެ މައްސަލައަކީ ހަމަ މިރާއްޖޭގައިވެސް ހިންގަމުން އަންނަ މައްސަލައެކެވެ. އަޅުގަނޑު މެންގެ ތެރޭގައިވެސް ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ މައްސަލައެކެވެ.  

ދެމީހަކު ލޯބިވެ އަމިއްލައަށް ބޭނުންވެގެންނަމަ ޢުމުރުގެ ތަފާތަކީ މައްސަލައެއް ނޫނެވެ! ނަމަވެސް ބަލައިބޮޑުކުރުމުގެ އަގުހޯދަން ދަރިންގެ ނުރުހުމުގައި އެއްވެސް މީހަކަށް ވިއްކައިލާނަމަ އެކަން ހުއްދަވާނެ ގޮތެއް ނުއޮންނާނެއެވެ.

 

--ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން