ޚަދީޖަތުގެފާނު 9: ވަޙީގެ ފުރަތަމަ ތަޖުރިބާއިން ލިބިލެއްވި ހާސްކަން ފިލުއްވައި ދެއްވައި މާތް ރަސޫލާއަށް އެންމެ ފުރަތަމަ އީމާންވީ އެކަމަނާ-

ކިޔުމަށް ހޭދަވާނީ 5މ 58ސ
ޚަދީޖަތުގެފާނު 9: ވަޙީގެ ފުރަތަމަ ތަޖުރިބާއިން ލިބިލެއްވި ހާސްކަން ފިލުއްވައި ދެއްވައި މާތް ރަސޫލާއަށް އެންމެ ފުރަތަމަ އީމާންވީ އެކަމަނާ-

ޢަލީ އިޙްޞާން ފިރާޤް

 

ވަޙީ ބާވައިލައްވަން ފެއްޓެވުން: 

ނަބިއްޔާ صلّى اللّـه عليه وسلّم، ޙިރާފަރުބަދައިގެ ހޮހޮޅައިގައި އިންނަވާތާ ތިން އަހަރުފަހުން، ޖިބުރީލުގެފާނު ފުރަތަމަ ވަޙީއާގެން ވަޑައިގެންނެވިއެވެ. ޖިބުރީލުގެފާނު ވަޑައިގެން ވިދާޅުވިއެވެ. ކިޔަވައި ވިދާޅުވާށެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ކިޔާކަށް ނުދަންނަމެވެ. ޖިބުރީލުގެފާނު ނަބިއްޔާ صلّى اللّـه عليه وسلّم ގެ ގައިކޮޅުގައި ބައްދައިލެއްވުމަށްފަހު ފަހު ވިދާޅުވިއެވެ. [ކިޔަވާ ވިދާޅުވާށެވެ. ނަބިއްޔާ صلّى اللّـه عليه وسلّم މިފަހަރަވެސް ދެންނެވީ ކިޔަވާ ވިދާޅުވާން ނުދަންނަކަމަށެވެ.] ދެން ޖިބުރީލުގެފާނު އިހުނަށްވުރެ ބޮޑަށް އެކަލޭގެފާނުގެ ހަށިކޮޅުގައި ބައްދައިލެއްވުމަށްފަހު ވިދާޅުވިއެވެ. [ކިޔަވާ ވިދާޅުވާށެވެ.] މުޙައްމަދުގެފާނު ދެންނެވިއެވެ. [ތިމަންކަލޭގެފާނު ކިޔާކަށް ނުދަންނަމެވެ.] ދެން ޖިބުރީލުގެފާނު އެކަލޭގެފާނުގެ ގައިކޮޅުގައި ބައްދައިލެއްވުމަށްފަހު އެންމެ ފުރަތަމަ ވަޙީގެ އާޔަތްތައް ވިދާޅުވެދެއްވިއެވެ. އެ އާޔަތްތަކުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ. 

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥

މާނައީ: [ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.] 

ވަޙީގެ ފުރަތަމަ ތަޖުރިބާއިން މުޙައްމަދުގެފާނަށް ލިބިވަޑައިގެންނެވި، ނުތަނަވަސްކަމެއްގެ ސަބަބުން، އެކަލޭގެފާނު ހުންނެވީ ވަރަށް ހާސްފުޅުވެފައެވެ. ނަމަވެސް އެކަލޭގެފާނު ލޮބުވެތި އަނބިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها ، ނުހަނު ޙިކުމަތްތެރިކަމާއެކު އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "މާތްﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެކަލާނގެ ކަލޭގެފާނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ." އެކަމަނާ އެކަލޭގެފާނުގެ އަޚްލާޤުގެ މަތިވެރިކަން ހާމަކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނަކީ ދުވަހަކުވެސް އިތުރުފުޅެއް ނަހައްދަވައި ތެދުވެރިކަންމަތީ ދެމިހުންނެވި ބޭކަލެއްކަމަށާއި، އަބަދުވެސް ނިކަމަތީންނާއި މިސްކީނުންނަށް އެހީތެރިވެދެއްވަމުން ގެންދެވި ބޭކަލެއްކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އަދި އެފަދަ މާތް ޚަޞީލަތެއްގެވެރި ބޭކަލަކު މާތްﷲ ގެއްލެނި ނުކުރައްވާނެކަން ނަބިއްޔާއަށް، أمّ المؤمنين السّيدة خديجة رضى الله عنها  ނުހަނު ޙިކުމަތްތެރިކަމާއެކު ވިސްނަވައި ދެއްވިއެވެ. 

މިދެންވި ކަންތައްކަށްފަހު أمّ المؤمنين السّيدة خديجة رضى الله عنها ، އެކަމަނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ورقة بن نوفل ގެ އަރިހަށްވެސް ނަބިއްޔާ صلّى اللّـه عليه وسلّم، އާއެކު ވަޑައިގެންނެވިއެވެ. ورقة بن نوفل، ނަބިއްޔާ ކުރެން ކަންހިނގައިދިޔަ ގޮތުންގެ ތަފްސީލު ހޯއްދެވުމަށްފަހު ވިދާޅުވިއެވެ. "އެއީ މޫސާގެފާނުގެ އަރިހަށް ވެސް ވަޑައިގެންނެވި މަލާއިކަތާއެވެ. ކަލޭގެފާނުގެ އަހުލުވެރިން ކަލޭގެފާނު ރަށުން ބޭރުކޮށްލައްވާނެ ދުވަހު އަޅުގަނޑު ގަދަވެ ސަލާމަތުން ހުންނާނެ ނަމަ ކޮންފަދަ ހެއްޔެވެ؟" މުޙައްމަދުގެފާނު ވަރަށް ޙައިރާންފުޅުވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "އެބައިމީހުން އަޅުގަނޑު ރަށުންވެސް ނެރޭނެތޯއެވެ؟" ورقة ދެންނެވިއެވެ. "އާނއެކެވެ. ކަލޭގެފާނު ފަދައިން އެފަދަ ރިސާލަތަކާއިގެން މީގެ ކުރީން ވަޑައިގެންނެވި ކޮންމެ ނަބިއްޔަކާއި ރަސޫލަކަށް ގިނަ ގުނަ ވެގެންވާ ތުރާތަކާއި އުނދަގޫތައް ކުރިމަތިވެވަޑައިގެންނެވިއެވެ. ކަލޭގެފާނު ކަލޭގެފާނުގެ ނުބުއްވަތު އާންމު ކުރައްވާ ދުވަހުން އަޅުގަނޑު ދުނިޔޭގައި ހުންނާނެނަމަ އަޅުގަނޑު ކަލޭގެފާނަށް އެހީތެރިވެ ވާގިވެރިވާނަމެވެ." 

މިދެންނެވި ވާހަކަތައް ދެކެވުނު އިރު أمّ المؤمنين السّيدة خديجة رضى الله عنها ، އެވާހަކަތައް ނުހަނު ޝައުގުވެރިކަމާއެކު އަޑު އައްސަވަމުން ގެންދެވިއެވެ. ކުރިމަތިވެވަޑައިގަންނަވާނެ މުސީބާތްތަކަށް ތައްޔާރު ވެވަޑައިގަންނަވާން ޖެހޭނެކަން އެކަމަނާއަށް އެނގިވަޑައިގެންނެވިއެވެ. أمّ المؤمنين السّيدة خديجة رضى الله عنها ، އަކީ އެންމެ ފުރަތަމައަށް އިސްލާމްދީން ޤަބޫލުފުޅު ކުރެއްވި އަންހެން ސާހިބާއެވެ. އެއަށްފަހު ނަބިއްޔާ صلّى اللّـه عليه وسلّم ގެ ގޮވައިލެއްވުމަށް އެކަލޭގެފާނުގެ ހަތަރު ދަރިކަނބަލުންވެސް އިސްލާމްވެވަޑައިގެންނެވިއެވެ.

 

ނުނިމޭ

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

މިއަދު އޮންލައިން