ވިޔަފާރިކުރާނަމަ ބޮޑުފައިދާނުލައި ނިކަމެތިންނަށްވެސް ބުރަނުވާނެ އަގުގަ ވިއްކުމަކީ ލިބޭ މަންފާ އިތުރުވާނެކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ވިޔަފާރިކުރާނަމަ ބޮޑުފައިދާނުލައި ނިކަމެތިންނަށްވެސް ބުރަނުވާނެ އަގުގަ ވިއްކުމަކީ ލިބޭ މަންފާ އިތުރުވާނެކަމެއް!: މުފްތީ މެންކް

ބައެއް މީހުން ވިޔަފާރީގައި ބާރަށް ކުރިއަރައިދާން ކުރެވޭ ކަންކަމުގެ ސަބަބުން ބައެއް ފަހަރު ކުރިއަރައިދެއެވެ. ނަމަވެސް ބޮޑުފައިދާ ހޯދަން އިންތިހާއަށް ބޮޑުއަގުގަ ވިއްކާނަމަ އެކަމުގެ ސަބަބުން ވިޔަފާރީގެ ބަރަކާތް ކެނޑި ބަނގުރޫޓުވެސްވެއެވެ.  

ހާހަކުން މީހަކު އިސްތިސްނާވިނަމަވެސް ޢާންމުގޮތަކަށް ބަލައިފިނަމަ ވީހައި ގިނަ ފައިސާ ބޭނުންނުވާ މީހަކު ނުހުންނާނެއެވެ. ފައިސާއަކީ ލިބޭވަރަކަށް އަބަދުވެސް އިތުރަށް ބޭނުންވާ އެއްޗެކެވެ. ކިތަންމެ ގިނައިން ލިބުނު ނަމަވެސް ލިބިގެން ހިތްފުރޭ އެއްޗެއް ނޫނެވެ. މީހަކަށް ރަނުގެ ވާދީއެއް ލިބިއްޖެނަމަ ދެވަނަ ވާދީއަކަށް އެދޭނެކަމާއި ދެވަނަ ވާދީ ލިބުމުން 3ވަނަ ވާދީއަކަށް އެދޭނެކަމާއި ކިތަންމެ ގިނަ އަދަދެއްގެ ވާދީ ލިބުނު ނަމަވެސް ހިތް ނުފުރޭނެކަން ޙަދީޘުން އެގެން އެއޮތީ އެ ސަބަބަށްޓަކައެވެ.    

ދުނިޔޭގައި އަބަދުވެސް ފަޤީރުން އުޅޭނެއެވެ. ގިނަބައަކު މިދަނީ އިތުރަށް ފަޤީރުވެ ޙާލުގައި ޖެހެމުންނެވެ. ކިތަންމެ ދަތިޙާލުގައި ދިރިއުޅޭ މީހާއަށްވެސް ކޮންމެހެން ބޭނުންވާނެ ތަކެތި ހުންނާނެއެވެ. އެތަކެއްޗާއި ނުލައި އޭނާގެ އަސާސީ ބޭނުންތަކެއް ނުފުއްދޭނެއެވެ.  

ވީމާ ތަކެތި ވިއްކުމުގައި ފައިދާލާ މިންވަރާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ފައިދާގެ ގޮތުގައި ލާންޖެހޭނީ ލެވެން އޮތް އެންމެ ބޮޑު ފައިދާއެއް ނޫނެވެ. ބަލަންވީ ވިއްކައިގެން ތިމާއަށް ކޮންމެވެސް ވަރެއްގެ ފައިދާއެއްލިބުމާއިއެކު އެއްޗެއް ވިއްކެން އޮތް އެންމެ ހެޔޮ އަގަކަށް ވިއްކުމަށެވެ.   

ބޮޑު ފައިދާގައި ވިއްކުމުން އެވަގުތު ލިބޭ ނަފާ ބޮޑުވެގެން ހިނގައިދާނެއެވެ. ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ ކުރާނެ ޙަޤީޤީ މަންފާއެއް ނުއޮންނާނެއެވެ. ހަމައެއާއިއެކު ހޯދި ކުޑަމަންފާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ އެއިން ކުރާނެ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ތިބާއަށް ހަޤީޤީ ފައިދާ ބޮޑީ ކޮންގޮތެއް ހެއްޔެވެ؟  

މިސާލަކަށް އެއްޗެއް ވިއްކާލައިގެން އެވަގުތު ފައިދާއަށް ލިބޭ 1000 ޑޮލަރަށްވުރެ ލިބޭ 10 ޑޮލަރުން ތިބާއަށްކުރާ ފައިދާ މާބޮޑުވެދާނެއެވެ. މުހިންމީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ. ނޫންނަމަ 1000 ޑޮލަރު ލިބޭތަނުން އަތުން 10،000 ޑޮލަރު ޚަރަދުކުރަންޖެހޭ ގޮތްވެސް މެދުވެރިވެ ލިބޭ ގެއްލުން މާބޮޑުވެދާނެއެވެ.  

ހަމައެއާއިއެކު އެއްވެސް ވިޔަފާރިއެއްކުރާއިރު ގަންނަ މީހާގެ މޫނަށް ނުވަތަ ޖީބަށް ބަލައިގެން އަގުނުކިޔާށެވެ! ކިތަންމެ ތަނަވަސްކަންހުރި މީހަކަށް އެއްޗެއް ވިއްކި ނަމަވެސް ފަޤީރު މީހާއަށްވެސް އެއްޗެއް ވިއްކާޢަގަށްވުރެ އެންމެ ސެންޓެއް ވެސް އަގު ބޮޑު ނުކުރާށެވެ! އެއީ މުސްލިމުންނަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. ވީމާ އެފަދަ ކަންކަން ނުކުރާށެވެ. ޙައްޤު މިންވަރުން ފައިދާ ހޯދާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތާއި ބަރަކާތް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން