ގދ.ގައްދޫ ކައުންސިލުން ގދ.ގައްދޫގެ އިޚްތިޞާޞްގައި ހިމެނޭ ގަމުގައި އިންވެސްޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށެވެ.
ގައްދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގަމުގައި ވަކި ދާއިރާތަކަކުން މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލެވިފައިވެއެވެ. އިންވެސްޓްމަންޓް ތަރައްޤީކުރުމަށް ހުޅުވާލެވިފައިވަނީ 5 ދާއިރާއެކެވެ. އެއީ ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން، ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން، މަސްވެރިކަމާއި ގުޅުންހުރި ކަންކަން، ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަން، އަދި ރިސާޗްއާ ގުޅުންހުރި ކަންކަމެވެ.
ގައްދޫ ކައުންސިލުން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޝޯޓްލިސްޓްކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުޞަތު ދެވިގެންދާނެއެވެ.
އިންވެސްޓްމަންޓްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ކައުންސިލުން ބަންދުވުމުގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ގައްދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ.
މި ފުރުޞަތު ހުޅުވާލުމަކީ ގދ.ގައްދޫގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ގަމުގެ ވަސީލަތްތައް އިތުރަށް ތަރައްޤީވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.