ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި މި ފިޔަވަޅުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ.
ކާށީގެ ސްޓޮްޓޮކް ހޯދުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.
އެސްޓީއޯއިން އިތުރަށް ހާމަކުރި ގޮތުގައި ކާށީގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެއެވެ. އަދި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށާއި، މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ޝިޕްމަންޓް އައުމުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.
މި ފިޔަވަޅަކީ ރާއްޖޭގެ ބާޒާރުގައި ކާށީގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ފިޔަވަޅުގެ ސަބަބުން ކާށީގެ ސަޕްލައި އިތުރުވެ، އަގުތައް ތިރިވުމަށް މަގުފަހިވާނެ ކަމަށް އުއްމީދު ކުރެވެއެވެ.