އަމީރު މުޢާވިޔާތު 09: މުޢާވިޔަތުގެފާނުގެ އުފަންވެވަޑައިގަތުން

ކިޔުމަށް ހޭދަވާނީ 3މ 36ސ
އަމީރު މުޢާވިޔާތު 09: މުޢާވިޔަތުގެފާނުގެ އުފަންވެވަޑައިގަތުން

ޢަލީ އިހްޞާން ފިރާޤް

 

އުފަންވެވަޑައިގެންނެވުން: 

ޢަމީރު މުޢާވިޔާ އުފަންވެވަޑައިގަތީ ހިޖުރައިގެ ސަތާރަ އަހަރު ކުރީން މާތްވެގެންވާ މައްކާގައެވެ. އެކަލޭގެފާނުގެ ބަފައިކަލުންނަކީ މައްކާގެ ސަރުދާރު އަބޫސުފްޔާނެވެ. މައިކަނބަލުންނަކީ ހިންދު ބިންތި ޢަތަބަތެވެ. މުޢާވިޔަތުގެފާނު ނިސްބަތްވެވަޑައިގަންނަވަނީ މައްކާގެ ޤަދަރުވެރި ދަރިކޮޅެއްކަމުގައިވާ އުމައްޔަތުވަންހައަށެވެ. މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީގެފާނަށްވުރެ މުޢާވިޔަތުގެފާނު ހަގުފުޅީ ހައެއްކަ އަހަރުފުޅެވެ. 

مولانا اکبر شاہ نجیب آبادی އޭނާ ލިޔުއްވި މަޝްހޫރު ތާރީޚު ފޮތްކަމުގައިވާ "تاریخ اسلام"  ގައި ލިޔުއްވައިފައިވެއެވެ.

معاوية بن أبي سفيان رضى اللّـه عنــه ގެ މައިކަނބަލުން هند بنت عتبة އާ އެންމެ ފުރަތަމަ ކައިވެނި ކުރީ الفاكه بن المغيرة އެވެ. الفاكه އެއްފަހަރަކު އޭނާގެ އަންހެނުންގެ ޢިއްފަތްތެރިކަމާމެދު ޝައްކު ކުރިއެވެ. އޭނާގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރިއެވެ. އެކަމުގައި ދެބަސްވުން އުފެދި، އެންމެފަހުން އޭނާ ހިންދު ގެއިން ބޭރުކޮށްލައިފިއެވެ.  އެވާހަކަ މައްކާގެ މީސްތަކުންގެ މެދުގައި ފަތުއަޑުކިޔައިފައި ފެތުރިގެން ދިޔައެވެ. އެކަމުގެ ތެދުދޮގު ބެލުމަށްޓަކައި ހިންދުގެ ބައްޕަ عتبة بن ربيعة އޭނާއާ ސުވާލުކުރިއެވެ. 

[ކަންތައް ހިނގައި ދިޔަ ގޮތް ނިކަން ސާފުކޮށް ބުނެދީބަލާށެވެ. الفاكه ކުރި ތުހުމަތަކީ ތެދެއްނަމަ އަހަރެން، މީހަކަށް އަގުދީފައި އޭނާގެ ފުރާނަ ދުއްވައިލަފާނަމެވެ. އޭރުން މިބަދުނާމުން ސަލާމަތްވެވިދާނެއެވެ. ދަރިފުޅުގެ އެއްވެސް ކުށެއްނެތި، ދޮގުހަދައިގެން އޭނާ ދަރިފުޅުގެ މައްޗަށް ތުހުމަތުކުރިނަމަ، ދެން މިކަމުގެ ފައިސަލާކުރަން ދާނީ ކަހީނެއްގެ ގާތަށެވެ.]

ހިންދު، އޭނާގެ ބައްޕަ عتبة بن ربيعة އަށް އޭނާގެ އެއްވެސް ކުށެއްނެތްކަން ބަޔާންކޮށްދޭން އެތައް ފަހަރަކު ހުވާކުރިއެވެ.  އެކަމަށް ޞަރީޙު ޢިބާރާތުން އިންކާރުކުރިއެވެ. عتبة بن ربيعة އަށް އޭނާގެ ދަރިފުޅުގެ އެއްވެސް ކުށެއްނެތްކަން ޔަޤީންވެއްޖެއެވެ. ދެން، އޭނާ، الفاكه އަށް އަމުރުކޮށް މަޖުބޫރުކުރީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި، ޔަމަނުގައި އިންނަ ކަހީނެއްގެ ގާތަށް ދިޔުމަށެވެ.  ދާއިރު الفاكه ގެ  ޤަބީލާ ކަމުގައިވާ ބަނޫ މަޚްޒޫމްވަންހައިގެމީހުން ވެސް އޭނާއާ އެކު ގެންދިޔުމަށެވެ. 

ހަމައެފަދައިން عتبة بن ربيعة ވެސް، ޢަބްދު މަނާފްވަންހައިގެ މީހުންކޮޅަކާއެކު ޔަމަނަށް ދިޔުމަށް ފުރައިފިއެވެ.  ހިންދު ވެސް އޭނާގެ ރަޙްމަތްތެރި އަންހެން ކުއްޖަކާއެކު ބައްޕަގެ ޤާލިފާގައި ޔަމަނަށް ދަތުރުފެށިއެވެ. އެބައިމީހުން ދަތުރުކޮށްފައި ގޮސް ކަހީނުކަލޭގެ ގާތުގައި އެވާހަކަތައް ކިޔައިދީފިއެވެ. އޭނާ ފާލުބެލުމަށްފަހު ތެދުވެގެން ގޮސް ހިންދުގެ ކޮނޑުގައި ހިފައިފައި ކޮޅަށް ނެގުމަށްފަހު ބުންޏެވެ. 

[ކަނބުލޭގެ އެއްވެސް ނުބައިކަމެއްކޮށްފައެއްނެތެވެ. ޒިނޭފަދަ ޢަމަލެއްކޮށްފައެއްނެތެވެ. ކަނބުލޭގެ ރަސްކަލަކު ވިހާނެއެވެ. އޭނާގެ ނަމަކަށްވާނީ މުޢާވިޔަތެވެ.] 

ކާހިނު ކަލޭގެ މިހެން ބުނާއިރަށް الفاكه، ހިންދުގެ އަތުގައި ހިފައިފައި އޭނާގެ ކައިރިއަށް ދަމާއިލިއެވެ. އަލުން އަނތްބެއްގެ ގޮތުގައި ހިންދު އޭނާގެ ގެއަށް ގެންދަން ބޭނުންވާކަން ހާމަކުރިއެވެ. ނަމަވެސް ހިންދު ކަނޑައެޅިގެން އެކަމަށް އިންކާރުކުރިއެވެ. ހިންދު އޭނާގެ ގާތުން ވަރިވުމުން، ދެން ހިންދުއާ ކާވެނިކުރީ މައްކާގެ ސަރުދާރު އަބޫސުފްޔާނު ބުން ޙަރްބެވެ. އަމީރު މުޢާވިޔަތު ލިބިވަޑައިގެންނެވީ މިކާވެނީންނެވެ. {މައުލާނާ އަކްބަރު ޝާހު ނަޖީބު އާބާދީ، ތާރީޚުލް އިސްލާމް، އިނގިރޭސި އެޑިޝަން، ޞަފްޙާ 26-27}

 

 

 

މިއަދު އޮންލައިން