ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. މި ތާރީޚީ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ރޭގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ޙަފްލާގައި 20 އާއި 25 އާ ދެމެދުގެ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެއެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހާފިޒުން ދަސްވެނިވުމަށް ޚާއްޞަކޮށްގެން ބާއްވާ ފުރަތަމަ ޙަފްލާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ޚާއްޞަ ޙަފްލާ ރަމަޟާން 27 ވިލޭރޭ ބާއްވާ ގޮތައް ވަނީ ނިންމާފަ. މި ޙަފްލާގައި 20-25 ދެމެދު އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިކަމަށް ޚާއްޞަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ޙަފްލާ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 9, 2025
މީގެ ކުރިން ދަސްވެނިވި ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި މުނާސަބާތުތަކާ ގުޅުވައިގެންނެވެ. ނަމަވެސް މިފަހަރު ބާއްވާ ޙަފްލާއަކީ ހަމައެކަނި ހާފިޒުން ދަސްވެނިވުމަށް ޚާއްޞަކޮށްގެން ބާއްވާ ފުރަތަމަ ރަސްމީ ޙަފްލާއެވެ.
މި ޙަފްލާ ބޭއްވުމަށް ނިންމުމަކީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަކޮށް، ޙާފިޒުންގެ މަސައްކަތް ވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މިފަދަ ޙަފްލާއެއް ބޭއްވުމަކީ ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، އިސްލާމްދީނުގެ އަސްލުތައް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.