ކިތަންމެ ބޮޑަށް ލޯބިވާ ދަރިއަކު ނަމަވެސް ﷲ ގެ ޙަޟްރަތަށް ގެންދަވައިފިނަމަ އޮތީ އުފާކުރުން! ހިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކިތަންމެ ބޮޑަށް ލޯބިވާ ދަރިއަކު ނަމަވެސް ﷲ ގެ ޙަޟްރަތަށް ގެންދަވައިފިނަމަ އޮތީ އުފާކުރުން! ހިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ!

ދައްތަގެ ދޮށީދަރިފުޅު މަރުވިއިރު ޢުމުރަކީ 8 އަހަރެވެ. ދައްތަ އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ގެންގުޅުނީ ވަރަށް ލޯބިންނެވެ. މިހާރު މަހަކަށްވުރެވެސް ގިނަވެއްޖެއެވެ. އަދިވެސް ދައްތަ ރޮނީއެވެ. ދައްތައަށް ވިސްނައިދެވޭނީ ކިހިނަކުންތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދައްތައަށް ބުރަ ބަހެއް ނުބުނާށެވެ! އެންމެންގެ ވިސްނުން އެއްގޮތެއް ނުވާނެއެވެ. ކެތްތެރިވެވޭ މިންވަރުވެސް ތަފާތުވާނެއެވެ. ތިރީގައިއެވާ ލިޔުން ކިޔައިދޭށެވެ. އެފަދަ ކަންކަން އަންގައިދޭށެވެ. އިތުބާރުކުރެވޭ ޢިލްމްވެރިންގެ ނަޞޭޙަތްވެސް އަޑުއިއްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ 

ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކުރިމަތިވާން އޮންނަ ބޮޑު މުޞީބާތަކުން ސަލާމަތް ކުރެއްވެވުމަށްވެސް ތަކްލީފްތައް ކުރިމަތި ކުރައްވަވާކަމެވެ. އެކަމުގެ ހެކިތައް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ. މިޘާލަކަށް މޫސާގެފާނާއި ޙިޟުރުގެފާނާއި ދެބޭކަލުންގެ ވާހަކައިން އެފަދަ 3 ކަމެއް ފާހަގަކުރެވޭނެއެވެ. 

މިޘާލަކަށް ދަރިއަކު ޤަތުލުކުރެވިގެންދިއުމަށްވުރެ ބޮޑު ހިތާމައަކީ ކޮބައިހެއްޔެވެ؟ އެހެނަސް އޭނާގެ މައިންބަފައިން އެ ސަލާމަތް ކުރެއްވެވީ ކުރިމަތިވާން އޮތް މާބޮޑު މުޞިބާތަކުންނެވެ. 

"ދެން އެދެބޭކަލުން ކުރިޔަށް ހިންގަވައި ވަޑައިގަންނަވަނިކޮށް، ކުޑަފިރިހެންކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެބޭކަލަކު އެކުއްޖާ ޤަތުލް ކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، ޠޯހިރު ނަފްސެއް، ކަލޭގެފާނު ތިއަ ޤަތްލް ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ.." (އަލް ކަހްފް: 74) 

"އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުއުމިނުން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ.." (އަލް ކަހްފް: 80) 

ވިސްނައިލާށެވެ! ދަރިއަކު މަރުވުމުން އެކަމުގެ ހިތާމައިގައި އުޅެން ޖެހޭނީ ކުރު މުއްދަތަކަށެވެ. ނަމަވެސް އެދަރިފުޅު ބޮޑުވެ އެދަރިފުޅަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރި، މައިންނަށް އަނިޔާވެރިވާ، ޢާއިލާގެ އެހެން މީހުންނަށް ވަބާއަކަށް ވެއްޖެނަމަ އެކަމުގެ ހިތާމައިގައި މުޅި ޢުމުރުވެސް ހޭދަކުރަންޖެހިދާނެއެވެ. އެކަމުގެ ސަބަބުން އުފުލަންޖެހޭނެ ހިތްދަތިކަމާއި އަޅާވޭން އެތައް ގުނައަކަށް ބޮޑުވެގެންދާނެއެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން