ފާފަވެރިންނާ މަޖުލިސްކުރުމުން މަނާވެ ގަތުމާއި އެބައިމީހުން އުޅޭ ތަންތަނުން ދުރުހެލިވުމާއި އެބައިމީހުންނާ އެކުގައި ނޫޅުމާއި އެބައިމީހުންނާއެކު ދަތުރުކުރުން ދޫކޮށްލުމަކީ ދުރުވިސްނޭކަމުގެ ޢަލާމާތެކެވެ.
ހިތަކީ ވަރަށް ބަލިކަށި އެއްޗެކެވެ. އަދި އޮޅުންތައް ވަރަށް ގިނައެވެ. ފިތުނަތައް އަންނަނީ ރާޅުތައް ފަދައިންނެވެ. ހިތުގައި ބަލިމަޑުކަންވާ މީހުންނާ އީމާންކަން ފަސާދަކޮށްލާ މީހުންނާ މަޖިލިސްކުރުމުން ހެޔޮ ވިސްނޭ މީހުން އެއްކިބާވެއެވެ.
ފާފައާއި ބިދުޢައިގެ މަޖްލިސެއްގައި އިށީނދެވިއްޖެމީހާ ދަންނައެވެ. އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ޙިކުމަތްތެރިކަމާއި ރިވެތި ބަސްތަކާއި ހެޔޮ ނަސޭހަތުން އެކަންކަމަށް އިންކާރުކުރުމެވެ. އަދި އޮޅުންތައް ފިލާނެފަދަ ދަލީލުތަކުން އެކަންކަން ބަޔާންކޮށްދިނުމެވެ. ފަހެ، އިންކާރުކުރުމަށް ކުޅަދާނަކަން ލިބިގެންވާމީހަކު އިންކާރު ނުކޮށްފިނަމަ، އޭނާވެސް އެވަނީ އެފާފައިގައި ބައިވެރިވެފައެވެ. އަދި އިންކާރުކުރުމަށް ނުކުޅެދިއްޖެނަމަ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެމަޖުލިހުން ދުރުވުމެވެ. އެހެނީ އެފަދައިން މަޖުލިސްކުރުމަކީ ލޯތްބާއި ތަބާވުން ހިމެނިގެންދާނޭކަމެކެވެ. އަދި މުންކަރާތްތައް ނުފެންނަކަމަށް ހެދުމެވެ. އަދި އެފަދަ މީހުންނަށް ލޯބިޖެހޭކަމެކެވެ.
ޢަމްރު ބުން ޤައިސް ވިދާޅުވިއެވެ.
"ޙައްޤުމަގުން އެއްކިބާވެފައިވާ މީހުންގެ މަޖްލިސްތަކުގައި ބައިވެރިނުވާށެވެ. ފަހެ، ތިބާގެ ހިތް ޙައްޤުމަގުން އެއްކިބާވެދާނެއެވެ."
ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ.
﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا﴾ [النساء: 140]
މާނައީ: "ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އެއާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެބައިމީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށް ދާންދެން، އެބައިމީހުންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީވެސް އެބައިމީހުންފަދަ ބަޔެކެވެ. ހަމަކަށަވަރުން ﷲ، މުނާފިޤުންނާއި ކާފިރުންގެ އެންމެން ނަރަކައަށް އެއްކުރައްވާނެއެވެ".
އައްޠަބަރީ ވިދާޅުވިއެވެ.
"މިއާޔަތުގައިވަނީ ބާޠިލުގެ އަހުލުވެރިންގެ މަޖްލިސްތަކުގައި ބައިވެރިވުން ނަހީވެގެންވަކަމުގެ ސާފު ދަލީލެކެވެ. އެއީ ބިދުޢަވެރިންނާއި ފާސިޤުންނާއި އަދި އެފަދަ ހުރިހާ ވައްތަރެއްގެ މީހުން، އެބައިމީހުންގެ ބާޠިލު ކަންކަމަށް ޖަމާވާއިރެވެ."
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
"ޟަރޫރީ ޙާލަތެއްގައި މެނުވީ، އޭނާގެ އަމިއްލަ އިޚްތިޔާރުގައި، މުންކަރާތުގެ މަޖްލިހަކަށް ޙާޟިރުވުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ."
«مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلَا يَجْلِسْ عَلَى مَائِدَةٍ يُشْرَبُ عَلَيْهَا الْخَمْرُ» [رواه الطبري وصححه الألباني]
މާނައީ: "ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. އެ ސުފުރާއެއްގެ މަތީގައި ރާ ބޯ ސުފުރާއެއްގައި ނުއިށީންނަ ހުށިކަށެވެ!"
ރާބޮމުންދިޔަ ބަޔަކު ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ އަރިހަށް ގެނެވުނެވެ. ފަހެ، އެބައިމީހުން ތަޢުޒީރުކޮށް، އެބައިމީހުންގެ ގައިގައި ތެޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. "އެބައިމީހުންގެ ތެރޭގައި ރޯދަވެރިއަކު ވެއެވެ.” ފަހެ، އެކަލޭގެފާނު ދެންނެވިއެވެ. “އޭނާއިން ފަށާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅު ތިޔަބައިމީހުން އަޑު ނާހަން ހެއްޔެވެ؟!"
﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ﴾ [النساء: 140]
މާނައީ: "ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އެއާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެބައިމީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށް ދާންދެން، އެބައިމީހުންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީވެސް އެބައިމީހުންފަދަ ބަޔެކެވެ."
-- الشيخ صلاح البدير –حفظه الله ގެ ޚުޠުބާއަކުން–-