ޚަދީޖަތުގެފާނު 10: ލޭފޮދު އޮހޮރި ހުންނަ ޙާލުކޮޅުގައި މާތް ރަސޫލާ ޞޢޥ ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވައި، ޒަޚަމްތަކަށް ފަރުވާދެއްވަނީ ޚަދީޖަތުގެފާނު

ކިޔުމަށް ހޭދަވާނީ 10މ 1ސ
ޚަދީޖަތުގެފާނު 10: ލޭފޮދު އޮހޮރި ހުންނަ ޙާލުކޮޅުގައި މާތް ރަސޫލާ ޞޢޥ ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވައި، ޒަޚަމްތަކަށް ފަރުވާދެއްވަނީ ޚަދީޖަތުގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

ދީނަށް ގޮވައިލައްވަން ފެއްޓެވުން: 

އަރަހުށި މާތްﷲ ގެ އަމުރުފުޅަށް މުޙައްމަދުގެފާނު (صلّى اللّـه عليه وسلّم)، މައްކާގެ މީސްތަކުންނަށް ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެބައިމީހުންގެ ކާބަފައިންގެ އަންޒަމާނުންސުރެ އަޅުކަން ކުރަމުން ގެންދިޔަ ބުދުތަކަށް ކާފިރުވުމަށް ގޮވައިލެއްވިއެވެ. މިކަންތައް މައްކާގެ މީސްތަކުންނަށްވީ ވަރަށް އަޖައިބުކުރުވަނިވި އަދި ޙައިރާންވަނިވި ކަމަކަށެވެ. މުޙައްމަދުގެފާނަކީ، އޭގެ ކުރިންވެސް މައްކާގެ އެއްވެސް ބުދަތަކަށް ސަޖިދައެއް ޖެއްސެވި ބޭކަލެއްނޫނެވެ. ބުދުތަކުގެ ނަންމަތީގައި ކަތިލެވިފައިހުރި އެއްޗެއް ފަރީއްކުޅުއްވި ބޭކަލެއް ނޫނެވެ. ދުވަހަކުވެސް ބުދެއްގެ ނަންގަނެ ހުވާކުރެއްވި ބޭކަލެއްނޫނެވެ. މިހެން މިކަން ހިނގަމުން އައިސް އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމެ، ބުއްދިފުޅު ފުރިހަމަވުމުން މައްކާގެ މީސްތަކުން އަޅުކަންކުރަމުން އައި ކަލާނގެތަށް ދޫކޮށްލުމަށް ފާޅުގައި އެބައިމީހުންނަށް ނަސޭހަތްދެއްވަން ފެއްޓެވިއެވެ. 

މައްކާގެ މީސްތަކުން ނުހަނު އަދަބު ތަޢުޡީމާއެކު ޙުރުމަތްތެރިކޮށް ހިތަމުން ގެންދިޔަ ބުދުތަކަކީ، އެބައިމީހުންނަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއްކޮށްދޭނެ އެއްޗެއް ނޫންކަމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަންގަވަން ފެއްޓެވުމުން އެބައިމީހުންނަށް ކުއްލި ޙައިރާންކަމެއް ލިބިގެންދިޔައެވެ. އެބައިމީހުންގެ ފަރާތުން ފެނިގެންދިޔައީ ދެކޮޅުވެރިކަމެވެ. ނޭއްގާނީކަމެވެ. 

އެދުވަސްވަރު މައްކާގައި ދިރިއުޅެމުން ގެންދިޔަ މީސްތަކުންނަކީ، އިބްރާހީމުގެފާނު ގެނެސްދެއްވި ދީނުގެ އެއްވެސް ކަންފުޅެއް ނެތްބަޔެކެވެ. އެދީނުގެ އެއްވެސް ޢިލްމެއް ޘަޤާފަތެއް ދެނެތިބި ބައެއްނޫނެވެ. އެހެންކަމުން މާތް ރަސޫލާ صلّى اللّـه عليه وسلّم، އިބްރާހީމުގެފާނުގެ މިއްލަތަށް އީމާންވުމަށް ވިދާޅުވަމުން ގެންދެވުމުން އެބައިމީހުންނަށް އެކަން ޤަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ފާޅުގައި ދީނަށް ގޮވައިލައްވަން ފެއްޓެވުމަށްފަހު، ދުވަސްކޮޅެއްވަންދެން މައްކާގެ މީސްތަކުން އެކަލޭގެފާނުގެ ވާހަތަކައް ހިސާބަކަށް އަޑު އަހަމުން ގެންދިޔައެވެ. މާބޮޑު ކަމަކަށް ނުހަދައި އެކަލޭގެފާނު ކުރައްވާކަމެއް ކުރައްވަން ދޫކޮށްލިއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދީނީ ދަޢުވަތާގެން ކުރިއަށް ވަޑައިގަންނަވާން ފެށުމުން މައްކާގެ މުޝްރިކުންގެ މޭ ކަރާގޮތްވިއެވެ. އެބައިމީހުންގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. 

މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ފުރައްސާރަ އާއި މަލާމަތުގެ ބަސްތައް ރައްދު ކުރަމުން ގެންދިޔައެވެ. އެއްބަޔަކު އެކަލޭގެފާނަކީ ސިހުރުވެރިއެކޭ ބުނަމުން ގެންދިޔައެވެ. އަނެއްބަޔަކު އެކަލޭގެފާނަކީ މޮޔަފުޅުވެފައި ހުންނެވި ބޭކަލެކޭ ބުނަމުން ގެންދިޔައެވެ. އެކަލޭގެފާނަކީ ޅެންވެރިއެއްކަމުގައިވެސް އެއްބަޔަކު ބުނަމުން ގެންދިޔައެވެ. އިހަށް ދުލުން ކުރި ފުރައްސާރަ އާއި އުނދަގޫތައް އެންމެފަހުން އަމަލުން މައްކާގެ މީސްތަކުން ސާބިތުކޮށްދޭން ފެށިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އުނގަދޫފުޅުކޮށް އެކަލޭގެފާނު ހިނގަވާ މަގު ބަންދުކުރުމަށްޓަކައި، އެކަލޭގެފާނު ހިނގަވާ މަގުތަކަށް ކުނިބުނި އަޅައި އުނދަގޫކުރަމުން ގެންދިޔައެވެ. ހަމައެހެންމެ އެކަލޭގެފާނަށް އީމާންވެވަޑައިގެން ތިއްބެވި ޞަޙާބީބޭކަލުންނަށްވެސް މައްކާގެ މުޝްރިކުން ދުއްތުރާކޮށް ޖިސްމާނީ އަނިޔާތައް ދީއުޅުނެވެ. 

أمّ المؤمنين السّيدة خديجة رضى الله عنها ފަދަ މައްކާގެ ޤަދަރުވެރި އަންހެންބޭފުޅަކަށް، އެކަމަނާގެ ފިރިކަލުންނަކީ [މޮޔަ] އެކޭ މީސްތަކުންބުނެ ދިމާ ކުރާނަތް ފެނިވަޑައިގަތުމުން ކުރާނެ އަސަރު އޮތީ ހަމައެކަނި ހިތްތަކަށް އަންދާޒާކޮށްލުމެވެ. ނަމަވެސް މިފަދަ ނާޒުކު ދަނޑިވަޅުގައިވެސް السّيدة خديجة رضى الله عنها ނުހަނު ޙިކުމަތްތެރިކަމާއެކު އެކަމަނާގެ ފިރިކަލުންނަށް އެއްބާރުލުން ދެއްވިއެވެ. އެކަލޭގެފާނުގެ ރިސާލަތާމެދު ޔަޤީންކުރެއްވިއެވެ. އެކަމަނާ އީމާންވެވަޑައިގެންނެވީ އެންމެހައި މީސްތަކުން އެކަލޭގެފާނުގެ ރިސާތާމެދު ޝައްކުކޮށް ސުވާލު އުފައްދަމުން ގެންދަނިކޮށެވެ. 

މައްކާގެ މުޝްރިކުންގެ އަނިޔާތަކުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހަށިކޮޅު ޒަޚަމްވެ، އެމާތް ހަށިކޮޅުން ލޭފޮދު އޮހޮރި އޮހޮރި ހުންނަ ޙާލުކޮޅުގައި ބައެއް ފަހަރު އެކަލޭގެފާނު السّيدة خديجة رضى الله عنها ގެ ގެކޮޅަށް ވަޑައިގަންނަވައެވެ. އެވަގުތުތަކުގައިވެސް އެކަމަނާ އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވައި، އެކަލޭގެފާނުގެ ޒަޚަމްތަކަށް ފަރުވާދެއްވައެވެ. އެކަލޭގެފާނުގެ މާތް މޫނުފުޅުން ހިރަފުސްތައް ފޮއްސަވައި ދެއްވައެވެ. ބަރަކާތްތެރި ލޭފޮދުން ތެމިފައިވާ ފައިންޕުޅު، ޚުދު އެކަމަނާގެ އަތްޕުޅުން ސާފުކޮށްދެއްވައެވެ. އެކަލޭގެފާނުގެ މާތް ހިތްޕުޅަށް ޔަޤީންކަމާއި ތަސައްލީ ދެއްވުމުގެ ގޮތުން އެކަމަނާ ވިދާޅުވެއެވެ.

[މާތްﷲ ދުވަހަކުވެސް ކަލޭގެފާނަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެއެވެ.] 

އަރަހުށި މާތްﷲ، އެބޭކަލަކަށް އެހީތެރިވެވޮޑިގަންނަވާ ބޭކަލަކު އެއްވެސް އިތުރު ފަރާތަކުން އަތުވެދާނެ ބިރުވެރިކަމަކަށް ބައްލަވަން ނުޖެހޭނެކަމަށް އަބަދުވެސް السّيدة خديجة رضى الله عنها  މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެއެވެ. خديجة ގެފާނުގެ މި ދެންނެވި ހިތްވަރު ދެއްވުމުގެ ބަސްފުޅުތަކުގެ ސަބަބުން، މާތް ރަސޫލާގެ ހިތްޕުޅުގައި އިތުރަށް އެކަލޭގެފާނުގެ ދީނީ ދަޢުވަތާމެދު ޔަޤީންކަން އިތުރުވެގެންދެއެވެ. އެކަމަނާގެ ހިތްވަރު ދެއްވުމުގެ ބަސްފުޅުތަކުގެ ސަބަބުން އެކަލޭގެފާނު ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި ދީނީ ދަޢުވަތު ދެއްވަން ވަޑައިގަންނަވަނީ އާ ރޫޙެއްގައެވެ. އާ ޢަޒުމެއްގައެވެ. އެކަލޭގެފާނުގެ ދަޢުވަތާމެދު ފުރައްސާރަކުރާ އަބާއްޖެވެރިންގެ ހަރަކާތްތަކަށް ނުބައްލަވައި، އެކަލޭގެފާނު ކުރިއަށް ވަޑައިގަންނަވައެވެ.  ޤުރްއާނުގެ ޙިޖުރު ސޫރަތުގެ 94 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވާ ފަދައިންނެވެ.

فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ﴿٩٤

މާނައީ: 'ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!" 

ފާޅުގައި ދީނަށް ގޮވައިލެއްވުމުގެ އިޒުނަ ލިބިވަޑައިގެންނެވުމާއެކު، މާތް ރަސޫލާ صلّى اللّـه عليه وسلّم މައްކާގެ އާންމު މީސްތަކުން އެއްވެ އުޅޭ ތަންތަނަށް ވަޑައިގެން އިސްލާމްދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ދުއްތުރާކޮށް ޖިސްމާނީ އަނިޔާތައް ދެމުން ގެންދިޔައެވެ. އެއްފަހަރު ހިނގި ޙާދިޘާއެކެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ކަޢުބާގެ އަރިހުގައި ނަމާދުފުޅަކަށް ހުންނެވިއެވެ. އެމަންޒަރު އަބޫޖަހުލާއި އޭނާގެ އެކުވެރިންނަށް ފެނިގެން ކަތިލައިފައިވާ ޖަމަލެއްގެ ނުތާހިރު ފުނިވަރެއް ގެނެސް އެ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ބުރިކަށިފުޅުގެ މައްޗަށް އަޅައިލިއެވެ. މި ނުތާހިރު ތަކެތި އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މައްޗަށް އަޅައިލީ عقبة بن أبي معيط އެވެ. އޭރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم އޮންނެވީ ސަޖިދައަށެވެ. 

މި ޚަބަރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޢާއިލާގެ ބޭފުޅުންނަށް ކޮންމެވެސް މީހަކު ގެންގޮސް ދިނެވެ. އެ ޚަބަރު ހަމަ ލިބިވަޑައިގަންނަވާ އިރަށް فَاطِمَة ٱلزَّهْرَاء ގެކޮޅުން ނިކުމެވަޑައިގެން ދުވެވަޑައިގެންފައި ކަޢުބާގެ އަރިހަށް ވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް މުޝްރިކުން އެޅި ނަޖިސްތަކެއް އުއްކަވައި ލެއްވިއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޚާންދާނުގެ މީސްތަކުންގެ ތެރެއިން އެކަލޭގެފާނުގެ އެންމެ ބޮޑު ޖާނީ ދުޝްމިނެއްކަމުގައި ވެފައިވަނީ أبو لهب އެވެ. އޭނާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަފައިފުށުގެ ބޮޑުބޭބެއެކެވެ.  أمّ المؤمنين السّيدة خديجة رضى الله عنها  ގެ ގެކޮޅާއި أبو لهب ގެ ގެ ހުންނަނީ އިންވެގެންނެވެ. أبو لهب ގެ އަނބި أمّ جميل ، ކަށިގަސްގަހުގެ ކައްޓާއި ގޮފިގަނޑުގަނޑު ގެނެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އާދަވެގެން ހިނގަވައި އުޅުއްވާ މަގުތަކަށް އަޅައެވެ. 

ޚުދު أبو لهب ވެސް، السّيدة خديجة رضى الله عنها  ގެ ގެކޮޅުގެ ދޮރުކޮޅު މައްޗަށް ހަށިގަސްގަހުގެ ކައްޓާއި ކުނިބުނި އުކާ އުޅެއެވެ. السّيدة خديجة رضى الله عنها  އާއި، އެކަމަނާގެ ކިޔަމަންތެރި ދަރިދަރިކަނބަލުންނާއި، ޚާދިމުން އަބަދުވެސް އުޅުއްވަން ޖެހިވަޑައިގަންނަވަނީ ދުޝްމިނުން އަޅާ ކުނިތައް ސާފުކުރެއްވުމުގައެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ބައެއްފަހަރު أبو لهب އެކަލޭގެފާނުގެ އަވައްޓެރިއަކަށް ހުރެ ކުރާ އުނދަގޫތަކާމެދު އޭނާގެ ގާތުގައި މަޑުމައިތިރިކަމާއެކު ޝަކުވާ ވިދާޅުވިއެވެ. އޭނާއަށް ހެޔޮ ވިސްނުން ލިބޭތޯއެވެ. {އިބްނު ހިޝާމް، އައްސީރާ، 2:416}

ނުނިމޭ- 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

މިއަދު އޮންލައިން