ޢަލީ އިޙްޞާން ފިރާޤް
އޮފީހުގައި ބުރަކޮށް މަސައްކަތުގައި އުޅެފައި ހެނދުނުގެ ސަޔަށް ތެލުލާފައި ހުންނަ ކުޅި ހެދިކާއެވެ. ދެން ލިބޭ ބްރޭކްގަޑީގައި ކޮންމެވެސް ވައްތަރެއްގެ އެނާޖީ ޑްރިންކްއެކެވެ. ގެއަށް އައިސް ވެފައި ހުންނަ ވަރުބަލީގެ ބޮޑުކަމުން ނުކަތާވަރަށް ކާލައިގެން ''ޖައްސާ''ލެވެނީއެވެ. އިރުކޮޅެއް ވާއިރަށް މެއަށް ތަދުވެ މޭއަންދަންފަށެއެވެ. ނަމަވެސް އަހަރެމެންނަށް ނޭނގިތިބެ ކައިރިމިވެވެނީ މޭއެންދުމުގެ ރިސްކު އިތުރުކުރާ ކަންތައްތަކަށެވެ.
ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެއްކަމުގައިވާ މޭއެންދުން ނުވަތަ ''ހާޓްބާން'' އަކީ ބަނޑުގައި ހުންނަ އެސިޑްތައް ކާތަކެތި ދަތުރުކުރާ އޮޅިން މައްޗަށް އެރުމުން ކުރިމަތިވާ ކަމެކެވެ. މީގެ ސަބަބުން މެއަށް ތަދުވެ މެއިން ދިލަނަގައެވެ.
ގިނަ މީހުންނަށް ބޭހަކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން މިކަމަށް ހައްލުގެނެވެއެވެ.
މޭއެންދުމުގެ އަލާމާތް އެންމެ ބޮޑުވަނީ ކެއުމަށްފަހު ނުވަތަ ތަނެއްގައި އޮށޯވެ އޮންނަ ގަޑީގައެވެ. ރޭގަނޑުގެ ވަގުތުގައި ބޮޑުވަރު ވެދާނެއެވެ. އަނގައިގައި ހިތިރަހަ ލުމަކީ ވެސް މިކަމުގެ އަލާމާތެކެވެ.
މޭއެންދުމުގެ ރިސްކު އިތުރުކޮށްދޭ ކަންތައްތަކުގެ ތެރޭގައި
1. ކުޅިކޮށް ކެއުން
2. ހުތް އެއްޗެހި ބޭނުން ކުރުން
3. ފިޔާ
4. ޓޮމާޓޯ އާއި ޓޮމާޓޯއިން އުފައްދާ ބާވަތްތައް މިސާލަކަށް ކެޗަޕް
5. ސަރުބީއެކުލޭވޭ ކާނާ އަދި ތެލުލާފައި ހުންނަ ކާތަކެތި
6. ކާބަނޭޓްކޮށްފައި ހުންނަ ބުއިންތައް އަދި ކެފެއިން ހުންނަ ބުއިންތައް
7. އެއްފަހަރާ މާގިނައިން ކެއުން
8. ބަނޑަށް ބާރުކުރާ ކަހަލަ ކަސްރަތުތައް
9. މާބޮޑަށް ފަލަވުން ނުވަތަ މާބަނޑުމީހުން
މިކަންތައްތަކަކީ އަހަރެމެންނަށް ކޮންޓްރޯލު ކުރެވޭނެ ކަންތައްތަކެވެ. މީގެ ތެރެއިން އެމީހަކަށް މޭއެންދުމުގެ އުނދަގޫ ބޮޑުވަނީ ކޮން އެއްޗަކުންކަން ދެނެގަނެ އެކަމަކުން ދުރުވުމުން ހެޔޮ ބަދަލެއް އަތުވެދާނެއެވެ.
މޭގައި ރިއްސުމަކީ ހާޓްއެޓޭކްގެ އަލާމަތަކަށްވެސް ވެދާނެއެވެ. ބޮޑަށް މޭގައި ރިއްސުމާއެކު އެ ރިހުން އަތަށާއި މޫނަށް ފެތުރި ނޭވާލާން އުނދަގޫވާނަމަ އަވަށް ޑޮކްޓަރަށް ދައްކާށެވެ. އެއީ މޭއެންދުންތޯ ނުވަތަ ހިތުގެ މައްސަލައެއްތޯ ބެލުމުގެ ގޮތުންނެވެ. މި ކަންތައްތައް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.
1. މޭއެންދުން ހަފްތާއަކު ދެފަހަރަށްވުރެ ގިނައިން ކުރިމަތިވުން
2. ބޭސްސިޓީ އާ ނުލާ ލިބެން ހުންނަ ބޭސްތަކުން އަލާމާތްތަކަށް ލުޔެއް ނުލިބުން
3. ކާތަކެތި ދިރުވުމަށް އުނދަގޫވުން
4. މޭނުބައިކޮށް ހޮޑުލެވުން
5. ކާން އުނދަގޫވުމުގެ ސަބަބުން ނުވަތަ ކާހިތްނުވުމުގެ ސަބަބުން ބަރުދަން ލުއިވުން
މަތިން އަރާބަލީގެ ސަބަބުން މޭއެންދުމަކީ އޭގެ ނުރައްކާވެސް އޮތްކަމެކެވެ. އޭގެ ސަބަބުން ސީރިޔަސް ގެއްލުންތަކެއް ކާތަކެތި ދަތުރުކުރާ ހޮޅިއަށް ކުރެއެވެ. އެގޮތުން ހޮޅީގައި ފާރުހެދި ލޭއައުމާއި ހޮޅި ހިމަވުން ހިމެނެއެވެ.
ތަކުރާރުކޮށް އެސިޑްރިފްލަކްސް އަންނަނަމަ ކާތަކެތި ދަތުރުކުރާ ހޮޅީގައި ހުންނަ ސްޓްރެޓިފައިޑް ސްކޮއާމަސް އެޕިތެލިއަމް (stratified squamous epithelium)ބަދަލުވެގެންދަނީ ސިމްޕަލް ކޮލުމްނާ އެޕިތެލިއަމް (simple columnar epithelium) އަށެވެ. މިހާލަތަށް ބެރެޓްސް އިސޯފޭގަސް (Barrett's esophagus) އޭ ކިޔައެވެ.
ބެރެޓްސް އިސޯފޭގަސްއަކީ ކެންސަރެއް ނޫނެވެ. ނަމަވެސް ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.
(މިއަދުނޫހުގެ ލިޔުންތެރިޔާ ޢަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން ތަޢްލީމް ޙާޞިލުކުރަމުން އަންނަ ދަރިވަރެކެވެ. )