ދުލުން އެއްޗެއް ނުކިޔައި، ހަށިގަނޑަށް ބުރަ ނުޖައްސައި ކޮންމެ ދުވަހަކު ބައިވަރު ޘަވާބު ހޯދެން އޮތް ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދުލުން އެއްޗެއް ނުކިޔައި، ހަށިގަނޑަށް ބުރަ ނުޖައްސައި ކޮންމެ ދުވަހަކު ބައިވަރު ޘަވާބު ހޯދެން އޮތް ފަސޭހަ މަގު-

އަހަރެމެން އެއްވެސް މީހެއްގެ ހިތަށް ނުބައިކަމެއް (ފާފައެއް) ކުރުމުގެ ޝައުޤުވެރިކަން ޝައިޠޯނާ ވައްދުވައިފިނަމަ ފުރަތަމަވެސް ވިސްނައިލާށެވެ. "ޝައިޠޯނާ ތިމާއަށް ވަސްވާސްދީފިއެވެ. ޝައިޠޯނާއަށް ވަރުގަދަ ހަމަލާއެއް ދޭނަމެވެ." 

އެގޮތުން ކުރަން އޮތް ކަމަކީ އެކަމެއް ނުކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އެފާފަ ނުކުރިނަމަ ތިބާ ހެޔޮ ޢަމަލެއް ކުރިކަމަށް މަލާއިކަތުން ތިބާގެ ފަތުގައި ލިޔުއްވަވާނެތެވެ. އެކަމަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. 

މިޘާލަކަށް ރީތި، ތިމާ ޝައުޤުވެރިވާ ފަދަ އަންހެނަކު ނުވަތަ ފިރިހެނަކު ފެނުނީއެވެ. ފުރަތަމަ ފެނުމަކުން ފާފަވެރިއެއް ނުވެއެވެ. ފާފަވެރިވާނީ އިތުރަށް ބެލުމުންނެވެ. ޝައިޠޯނާ ވަސްވާދޭނީ އިތުރަށް ބެލުމަށެވެ. ވީމާ ފެނުމާއިއެކު ﷲ ތަޢާލާއަށް ބިރުވެތިވެ އިތުރަށް އިތުރަށް ނުބަލާށެވެ. އެއިރުން ތިމާއަށް ޘަވާބު ދެއްވަވާ ހެޔޮޢަމަލަކަށް ބަދަލުވެގެންދާނެއެވެ. އިން ޝާ ﷲ 

ވިސްނާލަންވީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދުގައެވެ. މީސްތަކުން ސުވަރުގެ ވައްދަވަން ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރެވެ. ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ފުރުޞަތުތަކާއިމެދުގައެވެ. 

ފާފައެއް ކުރަން ހިތަށް އެރުމުން، އެކަމަށް ތިމާގެ ހަވާނަފްސް އެދުމުން ޢިޖާބަނުދިނުމަކީ އަތުން މަސައްކަތެއްކޮށްގެން ނުވަތަ ދުލުން އެއްޗެތިތަކެއް ކިޔައިގެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމެއް ނުކުރުމުން ނިމުނީއެވެ. އެހައި ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. 

ދެން އޮތީ ހެޔޮ ޢަމަލުތައް ކުރުމުގައި އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރިވުމުން އެޢަމަލުގެ ދަރަޖަ 10 އަކުން 700 އާއި ހަމައަށް އުފުލިގެންދެއެވެ. އެކަން ނިޞްބަތްވަނީ އެމީހަކު އިޚްލާޞްތެރިވީ މިންވަރެއްގެ މައްޗަށެވެ. ވީމާ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ކުރިނަމަވެސް ވީހައި ބޮޑަށް އިޚްލާޞްތެރިވާން މަސައްކަތްކުރާށެވެ. އެކަމަކުން ލިބެން އޮތް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން