ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. އެންމެ މުހިންމު ކަމަކީ ކުރާ ކޮންމެ ޢަމަލަކީވެސް ހެޔޮ ޢަމަލަކަށް ހެދުމެވެ. ވީމާ ތިމާ ގެންގުޅޭ ފޯނުން ކުރެވޭ ޢަމަލުތަކަށްވެސް ސަމާލުކަން އިތުރުކުރަންޖެހެއެވެ. ފާފައަކަށްވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި ފޯނުންވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންޖެހެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ
މިއަދު މީހަކަށްވުމުގެ ޝަރުޠުތެރޭގައި އެމީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮތުން އެބަ ހިމަނައެވެ. އަދި އެފޯނުން މުޅި ދުނިޔެއާއި ގުޅިފައިހުރުންވެސް އެބަ ހިމަނައެވެ. އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. ތަނަވަސްކަން ހުރިނަމަ ފޯނު ގެންގުޅެ އިންޓަރނެޓް ވެސް ބޭނުންކުރަންވީއެވެ. މައްސަލަ މިޖެހެނީ ބޭނުންކުރެވޭ ގޮތުގައެވެ.
ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ނިކަން ބުނެބަލާށެވެ! ތިމާއާއި އެކަމަކާއި އެއްވެސް ވަރަކަށް ގުޅުން ނެތް ނަމަވެސް ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ހިންގި ކޮންމެވެސްކަމެއްގެ ޚަބަރު، ނުވަތަ އެއްވެސް ކަމެއް ހިނގިތޯ ބަލަން ދުވާލަކު ކިތައް ފަހަރު ފޯނާއި ކޮމްޕިޔުޓަރު ބްރައުޒްކުރަން ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! އަޞްލު ތިމާއާއި ގުޅުންހުރި ތިމާއަށް ފައިދާކުރާނެ ކަންކަން ކުރަން ކިތައްފަހަރު ބްރައުޒްކުރިންހެއްޔެވެ؟ މިދައްކަނީ އާޚިރަތް ގެންދާނެ ހެޔޮ ޢަމަލެއް ކުރުމުގެ ވާހަކައާއި ދީނުގެ ކަމެއް އުނގެނުމާއި ފޯނުން ބަލައިގެން ޤުރްއާން ކިޔަވައި ޛިކުރުމުގެ ވާހަކަ އާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ޙާލު ބަލައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދައި ކުއްތަންވުމުގެ ވާހަކައެވެ.
އަދިވެސް ނިކަންބުނެބަލާށެވެ! ނެތިމޮށުމާއި ދެބައުޑުވުމާއި ފިތުނަ އުފައްދާ ވާހަކަތައް ކިޔުނު ޢަދަދާއި ޗެޓްކުރި ވަގުތާއި ގޭމްކުޅެން ހޭދަކުރެވުނު ވަގުތާއި ފޯނުބޭނުންކޮށްގެން ތިމާއަށް ފައިދާކުރާނެ ހެޔޮ ޢަމަލުކުރި އަދަދުވެސް ނިކަން ބުނެބަލާށެވެ!
މީސްތަކުންނޭވެ! ކޮންމެ ދުވަހަކުވެސް އެމީހަކަށް ކުރެވުނު ޢަމަލުތަކުގެ ހިސާބު ބަލައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރުމަށާއި ފުރިހަމަނުކުރެވިހުރި ކަންކަން ފުރިހަމަނުކޮށް ނުނިދަން ޢުމަރުގެފާނު އެހައިމިންވަރަށް ބާރުއެޅުއްވެވީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ކަންކަން އިޞްލާޙްކުރުމަކީ އެމީހަކު އަމިއްލައަށް ކުރުމުން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އިޞްލާޙްވާން އެދޭ މީހާ ވަގުތު ބޭކާރުނުކޮށް ކަންކަން އިޞްލާޙްކުރާށެވެ! އިޞްލާޙްކުރަން ހިތްވަރު ލިބުމުގެ އެންމެ ބޮޑު އެއްބާރަކަށްވާނީ ކަމެއް ގޯސްކޮށް ކުރެވކަން ޤަބޫލުކުރެވުމެވެ. ކުށް ޤަބޫލުކުރެވުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން