ޕީކް ސީޒަނަށް ތައްޔާރުވުމަށާއި ގްރޭޓަރ މާލޭ ސަރަޙައްދުގެ ކަރަންޓު އުފެއްދުމުގެ ބެކަޕް ނިޒާމެއްގެ ގޮތުގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކުރާ ޕަވަރހައުސް އެންކްސް 2 ގައި ދެ ތެޔޮ ޓޭންކް ބެހެއްޓުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ މަހެއްހައި ދުވަހުގެ މުއްދަތެއް ކަމަށްވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮންނަ ގްރޭޓަރ މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.