ޣައްޒާއަށް ދިވެހިރާއްޖެއިން ފޮނުވި މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް އެތެރެކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޣައްޒާއަށް ދިވެހިރާއްޖެއިން ފޮނުވި މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް އެތެރެކޮށްފި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިރާއްޖެއިން ހަދިޔާކުރުމަށް ނިންމާފައިވާ ދެ މިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް އެތެރެކޮށްފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވެވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ، ފުރަތަމަ ޝިޕްމަންޓުގައި 374،400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް 12 ފެބްރުއަރީ 2025ގައި ވަނީ ޣައްޒާއަށް އެތެރެކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި މި މައްސަލައިގައި އަޑުއުފުލުމުގެ އިތުރުން އައިސީޖޭގައި ކުރިއަށްދާ މި މައުޟޫއާ ގުޅޭ ހުރިހާ މައްސަލަތަކެއްގައި ރާއްޖެއިން ބައިވެރިވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ އދ. ގެ އޭޖެންސީ ކަމަށްވާ އަންރުވާއަށް ދޭ އެހީ އަހަރަކު 5000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކޮށްފައިވާކަމަށްވެސް ވަޒީރު ޚަލީލް ހާމަކުރެއްވިއެވެ.

2024ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޓެލެތޯނަށް ދިވެހި ރައްޔިތުން ހަދިޔާކުރި 1.2 މިލިޔަން ޑޮލަރު އަންރުވާއާ ހަވާލުކުރުމުގެ އިތުރުން ރާއްޖެއިން ފަލަސްތީނަށް ހަދިޔާ ކުރާ ދެ މިލިޔަން މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ބަސްފުޅުން އެނގޭ ގޮތުގައި، ދިވެހިރާއްޖެއިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި، އެ ސަރަހައްދުގެ ހަނގުރާމައިގެ ސަބަބުން ދަތި ހާލުގައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުންނާއި ރައްޔިތުން އިސްނަގައިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.                     

މިއަދު އޮންލައިން