ވެންޓިލޭޓަރު މައްސަލައިގައި ޖިނާޢީ ތަހުގީގެއް ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ވެންޓިލޭޓަރު މައްސަލައިގައި ޖިނާޢީ ތަހުގީގެއް ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރެވުނު ކުންފުނިން އެ ތަކެއްޗަށް ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރު ފޯރުކޮށްނުދިން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޖިނާޢީ ތަހުގީގެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޖިނާޢީ ތަހުގީގެއްކޮށް، އެ މައްސަލައިގައި މަކަރާއި ހީލަތް ހެދިކަމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލައާ ގުޅޭގޮތުން ބުނެފައިވަނީ، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ކުރީގެ ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކޮށްފައިވަނީ ބޭންކް ގެރެންޓީއެއް ނެތި ކަމަށެވެ. އަދި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ކުންފުންޏާ ގުޅޭ އެއްވެސް ތަފްސީލެއް ހޯދުމަކާ ނުލައި، އަދި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ގާބިލުކަން ހުރިތޯވެސް ނުބަލާ ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މި މައްސަލައިގައި ޖިނާޢީ ތަހުގީގެއް ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ގޮތާމެދު ގިނަ ބައެއްގެ ސަމާލުކަން ހުރިކަން ފާހަގަކުރެވެއެވެ. މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމުގައި ވެސް ބެލެވެއެވެ.                     

މިއަދު އޮންލައިން