މައިންބަފައިންގެ ގޭގައި އުޅެމުން އެމީހުންނަށް އެހީތެރިނުވުމަކީ އަނިޔާވެރިވިކަމުގެ ފާފަ އިތުރުވާނެ ކަމެއް! ސުވަރުގޭގެ މަތީ ދަރަޖަ ހޯދަން ލިބޭ ފުރުޞަތު ނަގައިލެވޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
މައިންބަފައިންގެ ގޭގައި އުޅެމުން އެމީހުންނަށް އެހީތެރިނުވުމަކީ އަނިޔާވެރިވިކަމުގެ ފާފަ އިތުރުވާނެ ކަމެއް! ސުވަރުގޭގެ މަތީ ދަރަޖަ ހޯދަން ލިބޭ ފުރުޞަތު ނަގައިލެވޭ ކަމެއް!

އިސްލާމް ދީނަށް ބަލައިފިނަމަ މައިންބަފައިންނާއި ވަކިން ދިރިއުޅުމަކީ މައިންބަފައިންނަށް އެހީތެރިނުވުމަށް އޮތް ސަބަބެއް ނޫނެވެ. މައިންބަފައިންނަށް އެހީތެރިވުމާއި އެމީހުންގެ ކަންކަން ބެލެހެއްޓުން ވާޖިބު ކުރައްވަވާފައިވަނީ އެމީހުންގެ ގާތުގައި ދިރިއުޅޭނަމަ އެކަންޏެއް ނޫނެވެ. ކޮންމެ ތަނެއްގައި އުޅުނަސް އެއީ ހަމަ އަދާކުރަންޖެހޭނެ ވާޖިބެކެވެ.  

ދެން ބަލައިލަންވީ މައިންބަފައިންގެ ގޭގައި މައިންބަފައިންގެ ގާތުގައި ހުރުމަށެވެ. ދަރިން ބޮޑެތިވެ އަމިއްލައަށް ދިރިއުޅެން ފެށުމުން އެވަނީ މައިންބަފައިންގެ ޒިންމާ ނިމިފައެވެ. ބޮޑެތިވިޔަސް ކައިވެނިކުރަންދެން ބަލަހައްޓަންޖެހޭނީ އަންހެން ދަރިންނެވެ.  

މުހިންމީ އަދާކުރަންޖެހޭ ވާޖިބުގެ ވާހަކަ ދެއްކުމެއް ނޫނެވެ. އިންސާނުން އުޅެން އޮތް ރިވެތި ގޮތުގެ ވާހަކަދެއްކުމެވެ. އެގޮތުން ބަލާއިރު ދަރިން ކުޑައިރު ބަލަހައްޓަން މައިންބަފައިންނަށް ވާޖިބުވާ ފަދައިން ދަރިން ބޮޑެތިވުމުން މައިންބަފައިންނަށް ހެޔޮކޮށް ހިތައި ބެލެހެއްޓުން ވާޖިބުވެއެވެ. މިއީ އިންސާނިއްޔަތުކަން ހުރިނަމަ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.  

ހިތާމައަކީ ބޮޑުވެ އަމިއްލަ ދިރިއުޅުން ފަށައި މައިންބަފައިންގެ ގެދޮރުގައި އުޅެމުންވެސް ބައެއް ދަރިން މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ ކަމެވެ. މައިންބަފައިންނަށް އެހީތެރިނުވާކަމެވެ. އަޅައިނުލެވޭ ކަމެވެ. އަހުރެން ބުނާނީ މައިންބަފައިންގެ ގޭގައި އުޅެމުން، އެމީހުންގެ ޙާލު ލޮލަށް ފެންނައިރުވެސް މައިންބަފައިންނަށް އެހީތެރިނުވާނަމަ އެކަމުގެ ފާފަ ބޮޑުވާނެ ކަމަށެވެ. އެއްވެސް ޙާލެއްގައި މިބަހުގެ މާނައަކީ ފަށަމުން ބުނިފަދައިން ދުރުގައި ތިބިނަމަ މައިންބަފައިންނަށް އެހީތެރިނުވުމުން ފާފަވެރިނުވާނެ ކަމަށް ބުނުމެއް ނޫނެވެ. އެއިރުންވެސް އެކުރެވެނީ ފާފައެކެވެ. މިބުނަނީ ތިމާގެ ލޮލަށް ފެންނައިރުވެސް އަޅައިނުލުމުން ފާފަ އިތުރުވާނެ ވާހަކައެވެ.  

މިވާހަކަ ދައްކަން މިޖެހެނީ މައިންބަފައިން ބަލިވެ އުޅޭއިރުވެސް ލޮލަށް ނުފެންނަކަމަށް ނުވަތަ ނުއެނގޭކަމަށް ހަދައިގެން ބައެއް ދަރިން ތިބޭތީއެވެ. ދުރުގައި ހުރި ދަރިއަކު ނުވަތަ ދުރުގައި ތިބި ދަރިން އަންނަންދެން މަޑުކުރާތީއެވެ.  

މައިންބަފައިންނާއިއެކު މައިންބަފައިންގެ ގާތުގައި އުޅެން ފުރުޞަތުލިބުމަކީ އެމީހުންނަށް ހެޔޮކޮށް ހިތައި ސުވަރުގޭގެ މަތީދަރަޖަ ހޯދަން ލިބޭ ފުރުޞަތެކެވެ. ވީމާ އެ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާށެވެ! އެކަމުގެ ފައިދާ ދުނިޔޭގައިވެސް ކުރާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުމެއް!:  

އިނގިރޭސިވިލާތުގައި ބޭއްވި ފިރިހެން ދަރިއެއްގެ ކައިވެނި ހަފްލާއަށް މަންމަ ނުގެންދިއުމުން އެމީހުން ދިރިއުޅެމުން އައިގެ ވިއްކާލައިފިއެވެ. ދަރިފުޅު ބުނީ އެފަދަ ހަފްލާއަކަށް ގެންދަން މަންމަ ކުފޫހަމަނުވާ ކަމަށެވެ.  

ބައްޕަ ބުނީ އެގެ ގަތީ ޢާއިލާ އެކުގައި އުފަލުގައި ދިރިއުޅެން ކަމަށާއި ގެއަށްދައްކަންޖެހޭ ޓެކސްތަކާއި ބިލްތައް ދައްކަނީ ބައްޕަކަމަށާއި ގެއަށް އެއްވެސް ޚަރަދެއް ދަރިފުޅު ނުކުރާ ކަމަށެވެ. ދަރިފުޅު ގޭގައި އުޅެނީ މުޅިން ހިލޭ ކަމަށެވެ.  

"އަހަރެމެންގެ ހުރީ އެންމެ ދަރިއެއް. އެދަރިފުޅުގެ ކައިވެނި ހަފްލާއަށް ގެންދަން އަހަރެމެންކުފޫހަމައެއް ނުވި. ދެން ކީއްކުރަން އެވަރުގެ ދަރިއަކާއިއެކު ދިރިއުޅެނީ؟ އަދި ހިލޭ ސާބަހަށް އަހަރެމެންގެ ގޭގައި ދިރިއުޅެން ފުރުޞަތުދޭންވީ؟ ދަރިފުޅު ގެއިން ބޭރުކޮށްލާފަ އެގޭގަ އަހަރެމެން އުޅޭކަށްވެސް ބޭނުމެއް ނޫން. ކޮލެޖް ނިންމީމަ ބޮޑު ގެއެއް ގަތީ ވަރަށް އުންމާދާއެކު." ކަމަށް ބައްޕަ ބުނެފައިވެއެވެ.  

މިޚަބަރު ނޫސްތަކުގައި ޢާންމުވުމުން އެތައްހާސް ބައަކު ވަނީ ކޮމެންޓްކޮށްފައެވެ. ގިނަ މީހުން ވަނީ ގެވިއްކާލަން ނިންމި ނިންމުމަށް ތާއީދުކޮށްފައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ވިސްނުމަކީ ކޮބައިތޯ؟  

މިއަދު އޮންލައިން