އުފާވެރިކަން ލިބެނީ ހިތަށެވެ. ހިތަށް އުފާވެރިކަން ލިބޭނީ އެހިތުގެ މިލްކްވެރިފަރާތަށް ކިޔަމަންތެރިކަން އަދާކުރި ވަރަކުންނެވެ. ވީމާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ލިބިގަނެވޭނީ އެމީހަކު އަމިއްލައަށެވެ. އެއީ އެހެން ބައަކަށް ކޮސްދެވޭނެ ކަމެއް ނޫނެވެ. އެހެންމީހުންނަށް ކޮސްދެވޭނެ ކަމަކީ ވިސްނައިދިނުމާއި ހިތްވަރުދިނުމެވެ. ލިބިގަތުމަކީ އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ.
އަހުރެން މިބުނަނީ ވަރަށް ވަރުގަދަ ބަހެކެވެ. އެހައިމެ ބާރުހުރި ބަހެކެވެ. އެބަހަކީ އެބަހެއްގައި ސާބިތުވުމަށް މަސައްކަތްކުރާ މީހަކުގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އަޅަން ނުޖެހި މުޅި ޙަޔާތް އުފާވެރިކަމަށް ބަދަލުކޮށްލެވޭނެ ބަހެކެވެ.
މީސްތަކުންނޭވެ! ފުރަތަމަ ދެތިން ބަހެއް ބުނެލާނަމެވެ. ދުނިޔޭގައި ޙާޞިލުވެގެންދާ ކޮންމެ ނިޢްމަތަކީވެސް އެމީހަކާއި ކޮންމެވެސް ދުވަހަކުން ކޮންމެވެސް ގޮތަކުން ވަކިވެގެންދާނެއެއްޗެކެވެ. އެމީހަކާއި އެކުގައި ﷲ ތަޢާލާ ލެއްވެވި ނިޢްމަތެއް މެނުވީއެވެ. އެކަން ބަޔާންކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ ދެއްވެވި ނިޢްމަތްތަކާއިމެދު ޢަމަލުކުރާ ގޮތް އިމްތިޙާނު ނުކުރައްވަވާނެ ކަމަށް ހީވެސް ކުރުމެއް ނެތް ކަމަށެވެ.
ވީމާ ވިސްނައިލަންޖެހޭ ކަމަކީ ނިޢްމަތެއް ދެއްވަވައިފިނަމަ ކޮންމެ ވަގުތަކުވެސް އަނބުރައި ގެންދަވައިފާނެކަމެވެ. އަދި އަބަދުވެސް ހުންނަންޖެހޭނީ އެކަމަށް ތައްޔާރުވެގެންނެވެ.
ދެން މިބުނަނީ ތިއަ އިންތިޒާރުކުރާ އެންމެ ދުވަހަކުވެސް ދެރަވާން ނުޖެހޭނެ އަދި ކޮންމެ ދުވަހަކުވެސް އުފާވެރިކަން އިތުރުވާނެ މީހުންގެ ވާހަކައެވެ. މިވާހަކަބުނަމުން މިފަދަ މީހުންގެ ތެރޭގައި ވުމަށް ތިބާއަށް ދައުވަތުވެސްދެމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބުނި އުފާވެރިކަން ލިބިގަނެވޭނެ މަގަކަށް އޮތީ ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ވަރަށް ހަރުދަނާ ގުޅުމެއް ޤާއިމުވެފައި އޮތުމެވެ. އަދި ކޮންމެ ދުވަހަކުވެސް އެގުޅުން އިތުރަށް ބަދަހިވަމުން ދިއުމެވެ.
މީސްތަކުންނޭވެ! މިބުނެވުނު ފަދަ މީހަކަށްވުމަށް ކުރަންޖެހޭ ފުރަތަމަކަމަކީ ތިމާއަށް ލިބުނު ހިތްހަމަނުޖެހުން (ހިތްހަމަ ނުޖެހުމެއްގައިވާ މީހާ) މިންވަރުކުރެއްވެވީ ﷲ ތަޢާލާކަން ޤަބޫލުކޮށް ތިމާއަށް ދެރަވާނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށްގެން ހުރުމެވެ.
ދެވަނަ ކަމަކީ ނަމާދުކުރަން ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ނަމާދުކުރުމުގައި ސާބިތުވުމެވެ. 3 ވަނަ ކަމަކީ ގިނަގިނައިން ޛިކުރުކޮށް ﷲ ތައާލާ މަތިވެރިކުރުން ގިނަކުރުމެވެ. 4 ވަނަ ކަމަކީ ތަޖްވީދުމަގުން ރިވެތި ރާގުތަކަށް ޤުރުއާން ކިޔަވަން މަސައްކަތްކުރުމެވެ. އެފަދަ ހުނަރެއް ނެތް މީހުން އެނގޭފަދައަކުން ކިރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!
އަޖުމަ ބަލައިލަންވެސް މިކިޔައިދިން ކަންކަމުގައި ނިކަން ސާބިތުވެބަލާށެވެ! އެއްވެސް ބާވަތެއްގެ ހިތްދަތިކަމަކަށް ތިބާ އާއި ކައިރިވެސް ނުވެވޭނެއެވެ! އަބަދުވެސް ހުންނާނީ އުފަލުންނެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން