ޢަލީ އިޙްޞާން ފިރާޤް
ޚަދީޖަތުގެފާނުގެ ޚާއްޞަ ދައުރެއް:
މިދެންނެވުނު ޙައްސާސް ދަނޑިވަޅުގައި މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް އެހީތެރިވެވަޑައިގެންނެވުނު ކޮންމެ ގޮތަކަށް އެކަލޭގެފާނުގެ މާތް އަނބިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها އާއި ގެކޮޅުގެ އެހެން ބޭފުޅުން އެހީތެރިވެވަޑައިގެންނެވިއެވެ. خديجة ގެފާނު އަބަދުހެންވެސް ހުންނަވަނީ، އެކަމަނާގެ ފިރިކަލުންގެ ޚިދުމަތުގައެވެ. ޚުދު އެކަމަނާގެ އަތްޕުޅުން ފަރީއްކޮޅު ކައްކަވައި، މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ފަރީއްކޮޅު އަރުއްވައެވެ.
ރިވާވެގެންވެއެވެ. އެއްފަހަރަކު ޖިބުރީލުގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު أمّ المؤمنين السّيدة خديجة رضى الله عنها މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ފަރީކޮޅެއް ހިއްޕަވައިގެން ވަޑައިގަންނަވައެވެ. އަރަހުށި މާތްﷲ އެކަމަނާއަށް ސަލާމް ވަޙީ ކުރެއްވި ވާހަކަ އެކަމަނާއަށް ވިދާޅުވެދެއްވުމަށް ޖިބްރީލުގެފާނު އެދިވަޑައިގެންނެވިއެވެ. އަދި ޖިބްރީލުގެފާނުގެ ސަލާމްވެސް އެކަމަނާއަށް ރައްދުކޮށްދެއްވުމަށް އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ. އެކަމަނާއަށް ސުވަރުގޭގައި މުތުން ތައްޔާރުކުރެވިފައިވާ ގަނޑުވަރެއްވާނެކަމަށާއި، އެ ގަނޑުވަރުގައި އެކަމަނާއަށް އެއްވެސް އުނދަގުލެއް ނުވަތަ ބޭކާރު އަޑެއް އިވިވަޑައިނުގަންނަވާނެ ކަމުގެ ހެޔޮ ޚަބަރުވެސް ޖިބްރީލުގެފާނު ދެއްވިއެވެ. {އަލްބުޚާރީ، ޞަޙީޙުލް ބުޚާރީ، 3820}
އިމާމު ސުހައިލީއާ ޙަވާލާ ދެއްވައި، އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. أمّ المؤمنين السّيدة خديجة رضى الله عنها އަށް ސުވަރުގޭގައި މުތުން ގަނޑުވަރެއް ބިނާކޮށްދެއްވާނެ ކަމަށް ވަޢުދުވެވޮޑިގެންފައިވަނީ، އެހެން އެއްވެސް މީހަކަށްވުރެ ކުރީން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދަޢުވަތު އެކަމަނާ ތެދުކުރެއްވުމުގެ ސަބަބުންނެވެ. އެ ގަނޑުވަރުގައި އެއްވެސް ކަހަލަ އުނދަގުލެއް ނުވަތަ ބޭކާރު އަޑެއް ނީވޭނެކަމަށް އަންގަވައިފައިވަނީ، އެކަމަނާ ދުވަހަކުވެސް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ކުރިފުޅުމަތީގައި ބާރަށް ބަސްފުޅެއް ވިދާޅުވެފައި ނުވާތީއެވެ. އެކަލޭގެފާނު ހިތްޕުޅުގައި ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއް އެކަމަނާ ކުރައްވައިފައި ނުވާތީއެވެ.
أمّ المؤمنين السّيدة عائِشة رضى الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން خديجة ގެފާނުގެ މައްޗަށް ޣީރަތްތެރިވެވަޑައިގަންނަވާ މިންވަރަށް އެއްވެސް ބޭކަނބަލަކު ދެކެ ތިމަންކަމަނާ ޣީރަތްތެރިވެވަޑައި ނުގަންނަވަމެވެ. އެއީ، މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ ވާހަކަ އަބަދުހެން ދައްކަވައި އުޅުއްވާ ކަމުގެ ސަބަބުންނެވެ.] أمّ المؤمنين السّيدة خديجة رضى الله عنها އަށް މުތުން ގަނޑުވަރެއް ބިނާކޮށްދެއްވައިފައިވާ ކަމުގެ ވާހަކަ ޚުދު أمّ المؤمنين السّيدة عائِشة رضى الله عنها ގެ އަރިހުންވެސް ވާރިދުވެގެން އައިސްފައިވެއެވެ. ނުނިމޭ
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.