ދަރިން ދެއްވެވުން އެދި ރަސޫލްބޭކަލުންވެސް ދުޢާކުރެއްވެވިއެވެ! އަހުރެމެންނަށްވެސް އޮތީ ދުޢާކުރަމުން ވަސީލަތްތަކުގެ ބޭނުން ކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 23ސ
ދަރިން ދެއްވެވުން އެދި ރަސޫލްބޭކަލުންވެސް ދުޢާކުރެއްވެވިއެވެ! އަހުރެމެންނަށްވެސް އޮތީ ދުޢާކުރަމުން ވަސީލަތްތަކުގެ ބޭނުން ކުރުމެވެ!

މިދަންނަވަނީ މިހާރުވެސް ހިނގަމުންދާ ކަމެއްގެ ވާހަކައެވެ. އަޑުއައްސަވާށެވެ!  

ކައިވެންޏަށް 7 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ހޯދަން މަސައްކަތް ފެށިއެވެ. ޑޮކްޓަރުންގެ ގާތަށްގޮސް އެކިއެކި ކަންކަން ކުރަން ފެށިއެވެ. 3 ފަހަރު ބަލިވެ އިނދެއްޖެއެވެ. ނަމަވެސް ދަރިފުޅު ވެއްޓެނީއެވެ.  

މިހާރު ކުރިމަތިވެފައި އޮތީ މުޅިން ތަފާތު މައްސަލައެކެވެ. އިސްކަންދޭންވީ ކާކުގެ މައިންބަފައިންނަށް ކަމުގެ މައްސަލައެވެ. މައްސަލަ ހޫނުވެ ކައިވެނި ދެމިއޮތީ ހަމަ ކިރިޔަކިރިޔާއެވެ. މިހާރު ދެމަފިރިން އެކުގައި އުޅެނީއެއް ނޫނެވެ. ތެޅެނީއެވެ. ފިރިމީހާ ރާއްޖެ ނާންނަން ހުންނަތާ 6 މަސްވީއެވެ. އަނބިމީހާ އެކަނިމާއެކަނި މލޭގައެވެ.  

ވިސްނައިލާށެވެ! އެދެމުން އައި ފަދައިން ދަރިން ލިބިފައި ވަނިކޮށް މިފަދަ ގޮތަކަށް ކަންކަން މެދުވެރިވެއްޖެނަމަ ކަންކަން މެދުވެރިވާނީ ކިހިނަކުން ހެއްޔެވެ؟  

ވިސްނާލަން އޮތް ކަމަކީ ދަރިން ނުލިބި ލަސްވުމަކީވެސް އަދި ނުލިބުމަކީވެސް ނިޢުމަތެއް ކަމެވެ.  

މިބާވަތުގެ ކަންކަމުގައި ކަންބޮޑުނުވާށެވެ! ދަރިން ބޭނުންވާނަމަ ހޯދަން މަސައްކަތްކުރާށެވެ! ހޯދަން މަސައްކަތްކުރިޔަސް ނުލިބިއްޖެނަމަ އެއީ އެންމެ ފައިދާހުރި ގޮތް ކަމަށް ޤަބޫލުކުރާށެވެ. ކޮންމެ ކަމެއްގައިވެސް އަހުރެމެންނަށް އެންމެ ފައިދާހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާކަން ޔަޤީންކުރާށެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެ ލައްވާށެވެ!  

ކޮންމެ ދެމަފިރިއަކު އެންމެ ބޮޑަށް ދެރަވާނެ އެއްކަމަކީ ދަރިން ނުލިބުމެވެ.  

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ސަޢޫދީ ޢަރަބިއްޔާ ގެ ފަތްވާކޮމެޓީން ޓެސްޓިޔުބް ބޭބީ ޝަރުޠު ތަކަކާއި އެކު ހުއްދަ ކުރައްވައެވެ. އެއީ: 

1.    އެނޫން އެހެން އެއްވެސް ގޮތެއް ނެތުން. އަނބިމީހާގެ ކިބާގައި ހުރި ބައްޔެއްގެ ސަބަބުން އަހަރެއް ދެއަހަރެއް ދަރިޔަކު ނުލިބި ލަސްވުމުން ޓެސްޓިއުބް ބޭބީ އާއި ދިމާލަށް ދިޔުން ރަގަޅު ނޫން ކަމަށް އެބޭފުޅުން ދެކިލައްވައެވެ. އޭގެ ބަދަލުގައި ކެތްތެރިވެ، މާތް ﷲ ގެ ޙަޟްރަތަށް ގިނަގިނައިން ދުޢާ ކުރުން ހުއްޓެވެ. 

2.    އަންހެން ޑޮކްޓަރަކު ހުރިނަމަ ފިރިހެން ޑޮކްޓަރަކަށް ނުދެއްކުން.  

3.    ފިރިމީހާގެ މަނި ނެގުމުގައި އޭނާ އަމިއްލައަށް އެކަން ނުކުރުން، އޭގެ ބަދަލުގައި އަނބިމީހާ އާއި އެކު ގުޅުން ހިންގައިގެން މަނިނެގުން. 

4.    މަންޔަކީ ފިރިމީހާގެ މަންޔަށްވެފައި، ބިހަކީ އަނިބިމީހާގެ ބިހަށް ވުން، އަދި އެލެވެނީ އަނބިމީހާގެ ރަޙިމަށް ކަމުގައިވުން.  

5.    މިކަން ކާމިޔާބުވާނެކަމަށް ޑޮކްޓަރުންގެ ޓިމަށް އިތުބާރުއޮތުން. 

ދަރިއަކަށް އެދި ދުޢާ ކުރުން: 

ޒަކަރިއްޔާ ޢަލައިހިއްސަލާމް ގެ ދުޢާ މިކަމުގައި ވަރަށް މުހިއްމެވެ. އެކަލޭގެފާނު ދުޢާގައި ވިދާޅުވިކަމަށް ކީރިތި ޤްރުއާނުގައި އައިސްފައިވެއެވެ.

( رَبِّ لا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ ) سورة الأنبياء:89   

މާނައަކީ: " ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ދަރިއަކު ނެތް އެކަނިވެރިޔަކު ކަމުގައި މިއަޅާ ނުލައްވާފާނދޭވެ! އިބަ ﷲ އީ ދިރިދެމިވޮޑިގެންވާ އިލާހެވެ."

އަދިވެސް އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ.

( رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُالدُّعَاءِ)سورة آل عمران 38   

މާނައަކީ: " ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އިބަ ﷲ ގެ ހަޟްރަތުން ހެޔޮ ވެގެންވާ ދަރިފަސްކޮޅެއް މިއަޅާ އަށް ދެއްވާފާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އީ އަޅުތަކުންގެ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ." 

ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް ޒަކަރިއްޔާ ޢަލައިހިއްސަލާމް ގެ ވާހަކައިގައި ގިނަގުނަ ޢިބްރަތްތަކެއްވެއެވެ. އެހެންކަމުން ކީރިތި ޤްރުއާނުގެ آل عمران ސޫރަތުގެ 37 ވަނަ އާޔަތުން 41 އާޔަތާއި سورة مريم ގެ 2 ވަނަ އާޔަތުން 11 ވަނަ އާޔަތާއި سورة الأنبياء ގެ 89 ވަނަ އާޔަތުން 91 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާ ބައްލަވާ ލެއްވުން މުހިއްމެވެ. 

މީގެއިތުރުން އިބްރާހީމް ޢަލައިހިއްސަލާމް އާއި ސާރާ ޢަލައިހައްސަލާމް ގެ ވާހަކަވެސް ކިރިތި ޤްރުއާނުގެ އިބްރާހީމް ސޫރަތުގެ 39 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވިކަމަށް ޤްރުއާނުގައި އައިސްފައިވެއެވެ.

( الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ إِنَّ رَبِّي لَسَمِيعُ الدُّعَاءِ)سورة إبراهيم 39

މާނައަކީ: " އެންމެހައި ޙަމަދުތަޢުރީފު ހުރީ ﷲ އަށެވެ. އެކަލާނގެއީ މި އަޅާ މުސްކުޅިވީ ދުވަހުގައި އިސްމާއީލާއި އިސްޙާޤު ދެއްވި އިލާހެވެ. ހަމަކަށަވަރުން އަޅުގެ ވެރިރަސްކަލާނގެއީ ދުޢާ އައްސަވާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ."

މުސްލިމުންނަށް ކޮންމެ ކަމެއް ދިމާވި ކަމުގައިވީ ނަމަވެސް ﷲ ގެ ޤަޟާޤަދަރަށް އީމާންވެ، ކެއްތެރިވާންޖެހެއެވެ. އެކަމަށްއެދި ދުޢާ ކުރުމާއިއެކު މަސައްކަތްވެސް ކުރަންޖެހެއެވެ. ބައްޔެއް ހުރިނަމަ އެބައްޔަކަށް ފަރުވާ ކުރަންވެސް ޖެހެއެވެ. އެއަށްފަހުގައި އޭނަގެ މުޅި ޢުމުރުގައި ދަރިއަކު ނުލިބި ހުންނަންޖެހުނުކަމުގައި ވީނަމަވެސް އެގޮތަކީ ފަހަރުގައި ދަރިއަކު ލިބުމަށްވުރެ އޭނައަށް ހެޔޮކަންބޮޑު ގޮތް ކަމުގައިވެސް ވެދާނެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ނިންމަވަނީ އެތަކެއް ޙިކްމަތްތަކަކާއެކުގައެވެ.

( لِلَّهِ مُلْكُ السَّمَوَاتِ وَالأَرْضِ يَخْلُقُ مَا يَشَاءُ يَهَبُ لِمَنْ يَشَاءُ إِنَاثًا وَيَهَبُ لِمَنْ يَشَاءُ الذُّكُورَ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا وَيَجْعَلُ مَنْ يَشَاءُ عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ)سورة الشورى 49-50 މާނައީ: " އުޑުތަކާއި ބިން މިލްކުވެވޮޑިގެންވަނީ މާތްﷲ އަށެވެ. އެކަލާނގެ، އިރާދަކުރައްވާ އެއްޗެއް ޚަލްޤުކުރައްވަތެވެ. އަދި އެކަލާނގެ، އިރާދަކުރައްވާ ބަޔަކަށް އަންހެން ދަރިން ދެއްވަތެވެ. އަދި އެކަލާނގެ، އިރާދަކުރައްވާ ބަޔަކަށް ފިރިހެން ދަރިން ދެއްވަތެވެ. ނުވަތަ  އެބަޔަކަށް ފިރިހެން ކުދިންނާއި އަންހެން ކުދިން ދެއްވަތެވެ. އަދި އަދި އެކަލާނގެ، އިރާދަކުރައްވާ ބަޔަކު، ދަރިން ނުލިބޭ ބަޔަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގަންނަވާ ކުޅަދުންވަންތަ ކަލާނގެއެވެ." والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން