ޢަމަލުތަކުގެ ފަތުގަ އެއްވެސް ނުބައި ޢަމަލެއް ލިޔެފިފައި ނުއޮންނާނެ މީހަކަށް ވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޢަމަލުތަކުގެ ފަތުގަ އެއްވެސް ނުބައި ޢަމަލެއް ލިޔެފިފައި ނުއޮންނާނެ މީހަކަށް ވެވިދާނެ!

އަހަރެމެން ބުނާ ބަސްތަކާއި ކުރާ ޢަމަލުތައް ލިޔުއްވަވަން ﷲ ތަޢާލާ 2 މަލާއިކަތުން ލައްވަވާފައިވާކަން އަހަރެމެންނަށް އެނގެއެވެ. އެކަން ޤުރްއާނުން އެނގެން އޮތުމުންނެވެ. 

"އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ."

"(އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ."

"ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ."

(އަލް އިންފިތާރު: 10،11،12) 

ޙަޤީޤަތަށް ބަލައިފިނަމަ އެފަތް ލިޔުއްވަވަނީ މަލާއިކަތުންނެއް ނޫނެވެ. އަހަރެމެން އަމިއްލައަށެވެ. މިބަހުގެ މާނައަކީ މަލާއިކަތުން ކުރައްވަވާ ހަމައެކަނި ކަމަކީ ފަތުގައި ރެކޯޑްކުރެއްވެވުމެވެ. އެއްވެސް އުނިއިތުރެއް ގެންނެވުމަކާއި ނުލައެވެ. 

ވީމާ އެފަތުގައި އެއްވެސް ނުބައި ޢަމަލެއް ލިޔެވި ރެކޯޑް ނުކުރުމުގެ ފުރިހަމަ ބާރު ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ދެއްވަވައިފައެވެ. އެހެނީ ނުބައި ބަހެއް ނުބުނުމުން ނުވަތަ ނުބައި ޢަމަލެއް ނުކުރުމުން ރެކޯޑްވެފައި ހުންނާނީ ރަނގަޅު ބަސްތަކާއި ރަނގަޅު ހެޔޮ ޢަމަލުތަކެވެ.  

ވިސްނާށެވެ! އެއްވެސް ނުބައި ޢަމަލެއް ލިޔެވިފައިނުވާ ފަތެއް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށްދިއުމަށް މަސައްކަތްކުރަނިކޮށްވެސް ފާފައެއް ކުރެވިދާނެއެވެ. ކުރެވިއްޖެނަމަ އަވަހަށް ތައުބާވާށެވެ! ވިއްދައިގެން ހެޔޮ ޢަމަލެއްވެސް ކުރާށެވެ! އެއިރުން ތިބާއަށް އެފާފަ ކުރެވުންވެސް ވާނީ މީޒާނުގައި ތިބާގެ ފަތް ތިބާގެ ކޮޅަށް ބުރަކޮސްދޭނެ ކަމަކަށެވެ. އިން ޝާ ﷲ  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން