ބަލިޙާލުގަ އުޅެންޖެހުމަށްފަހު މަރުވުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެއް! ލައްވަވާ ރަޙްމަތެއް! އޮތީ އުފާކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބަލިޙާލުގަ އުޅެންޖެހުމަށްފަހު މަރުވުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެއް! ލައްވަވާ ރަޙްމަތެއް! އޮތީ އުފާކުރުން!

އަޅުގަނޑުގެ ބައްޕަ ބަލިވެ ނުތެދުވެވި އޮނަނަތާ 2 އަހަރުވަނީއެވެ. ބައެއް މީހުން ދެކެނީ އެއީ ބައްޕަގެ ކުށަކުން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެން އެކަން ވެދާނެތޯ؟

ޖަވާބަކީ އަހުރެމެންނަށް އެނގޭނީ ﷲ ތަޢާލާ އެންގެވި ކަމެކެވެ. ދުނިޔޭގައި މީހަކަށް ޢަޖާބު ދެއްވަވާނަމަ އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަދި ތިރީގައިވާ ލިޔުމަށް ބެލުމުން ތިއައީ ބައްޕައަށް ލެއްވެވި ރަޙްމަތެއް ކަމުގައި ބެލުމުގެ ފުރުޞަތުވެސް އެބަ އޮތެވެ.

މީސްތަކުންނަށް ބަލިޙާލުކުރިމަތިވެ ދިއުމުގައި 3 ގޮތެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ގޮތަކީ ބަލިވުމުން ޝިފާއަށް އެދި ކުރާ ދުޢާ ޢިޖާބަ ކުރައްވަވައި ފުރިހަމަ ޞިއްޙަތެއް އަނބުރައި ދެއްވެވުމެވެ. ދެވަނަ ގޮތަކީ ބައްޔެއްޖެހިފައިވީނަމަވެސް އެކަން ނުއެނގިހުރެ ނުވަތަ ބައްޔެއް ނުވެވެސް ކުއްލިގޮތަކަށް މަރުވެދިއުމެވެ. 3 ވަނަ ގޮތަކީ ބަލިވުމުން ބޭސްފަރުވާކުރިނަމަވެސް ޝިފާ ނުލިބި އަދި ކުރި ދުޢާ މިދުނިޔޭގައި ޢިޖާބަ ނުކުރައްވަވައި އެމީހަކު މަރުވުމެވެ.

ގނަ މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ ބަލިވެގެން ބޭސްފަރުވާކުރިނަމަވެސް ޝިފާ ނުލިބި އަދި ކުރި ދުޢާވެސް މިދުނިޔޭގައި ޢިޖާބަނުކުރައްވަވައި މަރުވުމުންނެވެ. ނަމަވެސް ފުންކޮށް ވިސްނާލައިފިނަމަ އެގޮތުގައި މަރުވުމަކީ އެމީހަކަށް އެންމެ ފައިދާބޮޑު ގޮތްކަމަށްވެދާނެއެވެ.

އެހެނީ ކޮންމެ ވަގުތަކު ވެސް މަރު އައިސް ބައްދަލުކޮށްފާނެކަން އެނގެން އޮތް ނަމަވެސް މަރަށް ތައްޔާރުވަނީ ވަރަށް މަދު މީހެކެވެ. ބަލީގައި ދުވަސްތަކެއް ވޭތިކުރަން ޖެހިއްޖެނަމަ މަރަށް ތައްޔާރުވާނެ ފުރުޞަތު އިތުރަށް ލިބިގެން އެބަދެއެވެ. ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭނެ ކަމަކީ ބަލިވެފައި ނަމަވެސް އަދި ބަލިނުވެ ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނީ އެމީހާ ދުނިޔޭގައި އުޅުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މުއްދަތު ހަމަވުމުންކަމެވެ. އަދި މަރުވުމުން މިދެވެނީ ރަޙްަތުން ފުރިގެންވާ ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަށް ކަމެވެ.

މީސްތަކުންނޭވެ! މަރުވެދާނެކަމާއިމެދު ހިތާމަކުރަންޖެހެނީ މަރަށް ތައްޔާރުނުވެވި ހުންނާތީއެވެ. ކޮންމެ ދުވަހަކީވެސް ފަތިސްނަމާދާއި ޛިކުރުކުރުމުން ފަށާ ދުވަހަކަށް ހަދާށެވެ. ވަގުތުތައް ފާއިތުވަމުންދާވަރަކަށް ކުރަންޖެހޭ އަޅުކަންކުރުންމަތީގައި ދެމިހުންނާށެވެ! އެއިރުން ކޮންމެ ވަގުތަކު އެމީހަކު މަރުވިނަމަވެސް ހިތާމަކުރާކަށް ނުޖެހޭނެއެވެ. ހުރެވޭނީ މަރަށް ތައްޔާރުވެވިގެންނެވެ.

މީސްތަކުންނޭވެ! ވީހައި ގިނައިން ޛިކުރުކުރާށެވެ! އީމާންކަންމަތީގައި، ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދެވުން އެދި ދުޢާކުރަމުން ގެންދާށެވެ! އެކަމަށް އެދި މަސައްކަތްކުރަމުން ދުޢާކުރާނަމަ އެމީހަކަށް އެނިޢްމަތް ﷲ ތައާލާ މިންވަރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

މަރަށް އެންމެ ފުރިހަމަގޮތުގައި ތައްޔާރުވުމަކީ ވީހައި ގިނައިން އަޅުކަންކުރުމާއިއެކު މަރުވުމަށްފަހުގައިވެސް ތިމާއަށް ޘަވާބުލިބިލިބި ހުންނާނެ ކަންކަން ކުރިއާލައި ކުރަމުން ގެންދިއުމެވެ. ވީހައި ގިނައިން ޞަދަޤާތްކުރަމުން ގެންދިއުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން