އަމީރު މުޢާވިޔާތު 10: ކުރީގެ ދިރިއުޅުއްވުމާއި އިސްލާމްވެވަޑައިގަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
އަމީރު މުޢާވިޔާތު 10: ކުރީގެ ދިރިއުޅުއްވުމާއި އިސްލާމްވެވަޑައިގަތުން

ކުރީގެ ދިރިއުޅުއްވުން

أمير معاوية رضى اللّـه عنــه އުފަންވެވަޑައިގެންނެވިއިރު أبو سفيان ގެ އުމުރުފުޅަކީ ގާތްގަނޑަކަށް ސާޅީހަކަށް އަހަރެވެ.  ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށްވުރެ أبو سفيان ދިހަ އަހަރު ދޮށިފުޅެވެ. ތުއްޕުޅުއިރުވެސް أمير معاوية ގެފާނަކީ ވިސްނުންފުޅުތޫނު ހުޝިޔާރުބޭފުޅެކެވެ. އޭރުވެސް އެކަލޭގެފާނަށް މުސްތަޤުބަލުގައި ލިބިވައިގަންވަން އޮތް މަތިވެރި ދަރަޖައަށް އިޝާރާތްވާފަދަ ކަންތައްތައް ހާމަވަމުން ދިޔައެވެ. އެގޮތުން އެޒަމާނުގެ ޢަރަބީން އެކަލޭގެފާނަށް މުޚާތަބު ކުރަނީ ޢަރަބީންގެ ކިސްރާގެ ނަމުންނެވެ.

أمير معاوية رضى اللّـه عنــه އެންމެ ބޮޑަށް މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ޙިކުމަތްތެރިކަމުގެ ސަބަބުންނެވެ. ހިނގުންތެރިކަމާއި، ސުލްޙައަށް ލޯބިކުރައްވާކަމުގެ ސަބަބުންނެވެ. މެދުމިން އުސޫލުތައް ހިފަހައްޓަވާ ބޭކަލެއްގެ ގޮތުންނެވެ.

أمير معاوية رضى اللّـه عنــه އެކަލޭގެފާނަކީ އިސްކޮޅުފުޅުން ދިގު ބޭކަލެކެވެ. ރީތި ދޮންބޭކަލެކެވެ. ހެދިހުރި ވަރުގަދަ ހަށިކޮޅެއްގެ ވެރިބޭކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރު މުޢާވިޔަތުގެފާނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.

[މީނާއަކީ ޢަރަބީންގެ ކިސްރާއެވެ. އޭނާ ދުނިޔެ ދޫކޮށް ދާ ދުވަހު އެތައް ބަޔެއްގެ ބޮލާއި ކަނދުރާ ވަކިވެގެންދާތަން ތިޔަބައިމީހުންނަށް ފެންނާނެއެވެ.] {މައުލާނާ އަކްބަރު ޝާހު ނަޖީބު އާބާދީ، ތާރީޚުލް އިސްލާމް، އިނގިރޭސި އެޑިޝަން، ޞަފްޙާ 27}

އިސްލާމްވެވަޑައިގެންނެވުން

އިސްލާމީ ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެފަދައިން أمير معاوية رضى اللّـه عنــه ގެ މައިކަނބަލުންނާއި ބަފައިކަލުންނަކީ އިސްލާމްދީނުގެ ވަރަށް ބޮޑެތި ދުޝްމިނުންނެވެ. އެދެކަނބަލުންވަނީ އިސްލާމްދީން މުލުން ލުހެލުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް ކުރައްވައިފައެވެ. ޖާނާއިމާލުން ޤުރްބާންވެވަޑައިގެންފައެވެ. ނަމަވެސް އަރަހުށި މާތް އަކީ ހިތްތަށް އެފުށްމިފުށަށް ޖައްސަވާ ރަސްކަލާނގެއެވެ. ޢަދާވާތްތެރި ހިތްތައް އެކުވެރި ކުރައްވާ ރަސްކަލާނގެއެވެ. أمير معاوية رضى اللّـه عنــه އާއި އެކަލޭގެފާނުގެ މައިކަނބަލުން هند بنت عتبة އާއި أبو سفيان ވަނީ މައްކާ ފަތަޙަ ކުރެއްވި ދުވަހު އިސްލާމްވެވަޑައިގެންފައެވެ.

އަމީރު މުޢާވިޔަތުގެފާނުގެ ޙަޔާތްޕުޅުގެ އެންމެފަހުކޮޅުގައި އެކަލޭގެފާނު އުޅުއްވީ އާލާސްކަންފުޅާއެވެ. އެ އާލާސްކަންފުޅުގެ ސަބަބުން ބަނޑުފުޅު ހުންނަނީ ބޮޑުކޮށެވެ. އެކަމުގެ އުނދަގޫފުޅު ބޮޑުފުޅުވެގެން ފަހަކަށް އައިސް އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނީވެސް މިންބަރުގައި އިށީންދެވަޑައިގެން އިންނަވައިގެންނެވެ. އެންމެ ފުރަތަމަ އިށީންދެ އިންދެގެން ޚުޠުބާ ދެއްވަން ފެއްޓެވީ މުޢާވިޔަތުގެފާނެވެ.

اکبر شاہ نجیب آبادی  ލިޔުއްވާ ގޮތުގައި، أمير معاوية رضى اللّـه عنــه އާއި އެކަލޭގެފާނުގެ ބަފައިކަލުން أبو سفيان ގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަކުރެއްވި ދުވަހުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަންސަވީސް އަހަރުފުޅެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އިސްލާމީ މުޖާހިދުންގެ ލަޝްކަރާއެކު އެކަލޭގެފާނު ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ހުނައިނު ހަނގުރާމަ އާއި ޠާއިފު ހަނގުރާމައިގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެން ހިތްވަރުފުޅާއި ފަންވަރުފުޅު ދައްކަވައިލެއްވިއެވެ.

އެއަށްފަހު أمير معاوية މަދީނާއަށް ވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ، މުޢާވިޔަތުގެފާނަށް ވަޙީ ލިޔުއްވުމުގެ ބަރަކާތްތެރި މަސައްކަތްޕުޅު ޙަވާލުކުރެއްވިއެވެ. ވަޙީ ލިޔުއްވުމުގެ މަސަކަތްޕުޅުގެ އިތުރުން  މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިރިޔާފާތުރާއަށް އަންނަ  ބޭރުގެ މަންދޫބުންނާއި، ވަފުދުތަކަށް ކުރަން ޖެހޭ ހުރިހާ ޚިދުމަތްތަކެއް އިންޒާމު ކުރެއްވުމުގައި އަމީރު މުޢާވިޔަތުގެފާނު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. {މައުލާނާ އަކްބަރު ޝާހު ނަޖީބު އާބާދީ، ތާރީޚުލް އިސްލާމް، އިނގިރޭސި އެޑިޝަން، ޞަފްޙާ 27-28}

 

މިއަދު އޮންލައިން