ކައިވެނިކުރުމަށްފަހު ހަމައެކަނި އަނބިމީހާ ކުރާ ކަންކަމާ ވާހަކަދައްކާ މީހުންނަށް ފާރަލުމަކުން ނުފުދޭނެ! ދިރިއުޅޭ ޙާލަތާ ޞިއްހަތަށްވެސް ފާރަލައި ބަލަހައްޓަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ކައިވެނިކުރުމަށްފަހު ހަމައެކަނި އަނބިމީހާ ކުރާ ކަންކަމާ ވާހަކަދައްކާ މީހުންނަށް ފާރަލުމަކުން ނުފުދޭނެ! ދިރިއުޅޭ ޙާލަތާ ޞިއްހަތަށްވެސް ފާރަލައި ބަލަހައްޓަން ޖެހޭނެ!

ކިތަންމެ ބުރަކޮށް އުޅެމުން ނުވަތަ ޖަމާޢަތުގެ ނަމާދު ފެށުމާއި ކިތަންމެ ގާތްވެފައިވަނިކޮށް މިސްކިތަށް ދެވުނަސް ނަމާދުކުރެވޭނީ ވުޟޫކޮށްގެންނެވެ. ވުޟޫ ނުކުރާނަމަ ނަމާދުކުރިޔަސް ﷲ ތައާލާ އެނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. 

މިއީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ލިބިގަންނންޖެހޭނެ ފިލާވަޅެކެވެ. ކޮންމެ ކަމެއް ކުރިިނަމަވެސް އެކަމަކުން ފައިދާކުރާނީ އެކަމެއް ކުރަން ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންކަމަށްވާތީއެވެ.  

ވީމާ ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ މުހިންމީ އެކަމެއް ކުރަން ފުރިހަމަކުރަން ޖެހޭ ޝަރުޠޫތައް ފުރިހަމަކޮށްގެން އެކަމެއް ކުރުމެވެ. ހަމައެއާއިއެކު އެކަމެއް ކުރެވުމުން ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއްވެސް ވެއެވެ. އެކަންކަމަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާތައް ކަމުގައިވެސް ބެލިދާނެއެވެ. 

މިވާހަކަ ދައްކަން މިޖެހެނީ ކައިވެނިކުރަން ބޭނުންވާ އަންހެނުންނާއި ފިރިހެނުންނަށް އިސްލާމް ދީނުގައި "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތޯ ގިނަ ބައަކު ސުވާލުކުރާތީއެވެ. 

އަހަރެންގެ ޖަވާބަކީ ވެވޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިންނެވެ. އެއީ 1. އެކަހެރިކޮށް ބައްދަލުކޮށްގެން ނުވާނެއެވެ. 2 ފޯނުންވެސް ވާހަކަދައްކަންވާނީ އެހެން މީހެއްގެ ޙާޒިރުގައެވެ. ސިއްރަކުންނޭނެވެ! 

ކައިވެނީގެ ކުރިން މިފަދަ ދުރުމިނެއް ބަހައްޓަން އިސްލާމްދީނުގައި އޮތީ ދެމީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށެވެ. ކައިވެންޏަށްފަހު އަނބިމީހާގެ ހުރިހާ ކަމެއް ފުރޮޅިގެންދާނީ ފިރިމީހާގެ އަތްމައްޗަށެވެ. އެންމެ ކުޑަމިނުން ބެލެނިވެރިކަމާ އޭނާ ޙިމާޔަތްކޮށް ބެލެހެއްޓުންވެސްމެއެވެ. އަނބިމީހާގެ ހުރިހާ ކަންކަމުގެ ފާރަވެރިކަން ކުރަން ޖެހޭނީވެސް ފިރިމީހާއަށެވެ. 

އެއިގެ މާނައަކީ ހަމައެކަނި އަނބިމީހާ ހިލޭ ފިރިހެނަކާ ވާހަކަދައްކާތޯ ބެލުމެއް ނޫނެވެ. އަނބިމީހާ ދިރިއުޅޭ ޙާލަތު ބެލުންވެސް ހިމެނެއެވެ. ބަލިވޭތޯ އާއި ހުރީ ހިތްހަމަޖެހިގެންކަން ބެލުންވެސް ހިމެނެއެވެ.   

ވީމާ މިއީ ވަރަށް ޒިންމާދާރުކަމާއިއެކު އަދާކުރަންޖެހޭ ވަޒީފާއެކެވެ. ބައެއް ޝަރުޠުތަކަކަކީ: 

1 ކާންބޯން ދިނުމާ ނިދާނެ ތަނެއް ދެއްކުން

2 ބަލިވެއްޖެ ނަމަ ބޭސްފަރުވާކޮށްދިނުން

3 ﷲ ތަޢާލާގެ މަގުގައި ސާބިތުވުމަށް ހިތްވަރުދީ އެކަންކުރާކަން ބެލެހެއްޓުން

4 ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކަށް އަބަދުވެސް ވިސްނައި އެކަމަށް މަސައްކަތްކުރުން 

އިމާމް މާޒިން ވިދާޅުވެފައިވެއެވެ. 

"ހޯދަން މަސައްކަތްކުރަންވީ ބެސްޓް ފްރެންޑެއް ނޫނެވެ. ވަފާތެރި އަންތބެކެވެ. އޯގާތެރި ފިރިއެކެވެ. ދެދުނިޔެ ކާމިޔާބުކޮށްދޭނެ ބައިވެރިއެކެވެ. އެހެންކަމުން ބަލައިލަންވީ އެކަމުގައި ރަސޫލް () ބަޔާން ކުރައްވަވާފައިވާ ޙަދީޘް ބަސްފުޅަށެވެ. 

ރަސޫލް () ހަދީޘްފުޅު ކުރައްވަވާފައިވަނީ އަންހެނެއްގެ ކައިވެންޏަށް އެދޭނީ 4 ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާގެ މާލީ ތަނަވަސްކަމާއި، އޭނާގެ ރީތިކަމާއި އޭނާގެ ހަސަބުގެ (ޢާއިލާގެ) މަތިވެރިކަމާއި އޭނާގެ ދީންވެރިކަމެވެ. 

ބާއްޖަވެރިކަމާއި އުފާވެރިކަމާއި ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ ދީންވެރި، ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރާށެވެ." 

މިބަސްފުޅުގައި "ދީންވެރި، ތަޤްވާވެރި" ގެންނަވާފައިއެވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ވާހަކައެވެ. އެންމެ ކާމިޔާބު ކައިވެނިތައްކަމުގައި މިހާރުވެސް ފާހަގަކުރެވެމުންދަނީ ކައިވެނިކުރެވޭ ދެމީހުންގެ ހިތުގައި ދީންވެރިކަމާއި ތަޤްވާވެރިކަން އޮތް މިންވަރެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން