ޖިންނި އަވަލުމުގެ މައްސަލައެއްގައި ކިޔުންތެރިކޮށްފައިވާ ސުވާލަކާއި ގުޅިގެން މިގެނެސްދެނީ އެކަމުގެ މަޢުލޫމާތެވެ. ބޭނުންވަނީ ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވުމެވެ. އެންމެ މުހިންމީ ރައްކައުތެރިކަން ލިބިގެން ތިބުންކަމަށްވާއިރު ރައްކައުތެރިވެވޭނީ ހޭލުންތެރިވެވުނު މިންވަރަކުން ކަމަށްވާތީއެވެ.
އެއީ ޖިންނި މޮޔަވި އަންހެނެކެވެ. އޭނާ އެކަމުން ސަލާމަތްވިއެވެ. މިހާރުވަނީ ނިޔާވެފައެވެ. އޭނާގެ ދަރިއަކު ސުވާލުކޮށްފައިވެއެވެ.
"ދަރިންގެ ގާތުގައި ބުނެފައިވަނީ 1 އޭނާއާއި ޖިންނި ޖިމާޢުވި ކަމަށާއި 2 ދަރިންވެސް ލިބުނު ކަމަށެވެ. 3 އެދަރިން އޭނާއަށް ފެނުނު ކަމަށެވެ. 4 އެއީ ތެދަކަށްވެދާނެތޯއެވެ؟ 5 ޖިންނިން އިންސާނުންނާއި ގުޅުން ހިންގުމުން އިންސާނުންނަށް ދަރިން ލިބިދާނެތޯއެވެ؟
ސުވާލުގެ ޖަވާބަކީ ޖިންނިން އިންސާނުންނާއި ޖިންސީ ގުޅުން ހިންގައެވެ. ޖިންނި ނުފެނުނަސް އެފަދަ ކަންކަން ކުރާތަން އެހެން މީހުންނަށް ފެނިފައިވެސް އެބަހުއްޓެވެ.
ދަރިން ލިބުމާއި ގުޅޭ ގޮތުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދަރިން ލިބޭކަމުގެ ޝަރުޢީ ހެތްކެއް ފެނިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ސުވާލު:
މި ޒަމާނުގައި ޖިންނިޔާކާ އިންސިޔަކާ ދެމީހުންނަށް ދަރިޔަކު ލިބިދާނެތޯ؟ ލިބޭނެ ނަމަ އެކުއްޖާ ވާނީ އިންސި އަކަށްތޯ ނުވަތަ ޖިންނި އަކަށްތޯ؟ ތަފްސީލް އެއް ދެއްވިއްޔާ ރަނގަޅެވެ.
އައްޝެއިޚް އާދަމް ޝަމީމްގެ ޖަވާބު:
الحمد لله، والصلاة والسلام على رسول الله
أما بعد:
ޖިންނިންނާއި އިންސީންނަށް ކައިވެނީގެ ގޮތުން ގުޅެވިދާނެތޯ ނުވަތަ ނޫންތޯ؟ އަދި އެއީ ކުރެވިދާނެ ކަމެއްނަމަ ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ؟ ނުވަތަ މިތަނުގައި އަހާފައި މިވާފަދަ ސުވާލަކީ ވަކި ޒަމާނަކާ ނުވަތަ މަކާނަކާއި ގުޅުމެއް ހުރި ކަމެއް ނޫނެވެ. ޒަމާނެއްގެ ސަބަބަކުން އެފަދަ ކަންކަމުގެ ހުކުމަކަށް އަންނާނެ ވަކި ބަދަލެއް ނޯންނާނެއެވެ.
ޢިމްވެރިން މިފަދަ ސުވާލު ހިމަނުއްވާފައިވަނީ ބޭކާރު، ފައިދާއެއް ނެތް ސުވާލުގެ ތެރޭގައެވެ. އަދި ތިބާގެ ދީނާއި ދުނިޔޭގައި ފައިދާހުރި، ބޭނުންތެރި ސުވާލު ކުރުމަށާއި އެފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ޢިލްމުވެރިން ނަޞޭހަތްތެރިވެއެވެ. އެފަދައިން އަޅުގަނޑުވެސް ސާއިލުންނާއި ކިޔުންތެރިންނަށް އެކަން ހަނދުމަ އަރުވަމެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޖިންނީންގެ ހަގީގަތަށް ބަލާއިރު، ޖިންނި އަކީ އިންސާނުންގެ ސޫރައަށް ބަދަލު ވެވޭ އެއްޗެވެ. ޖިންނި އިންސީންގެ ސޫރައަށް ބަދަލުވެގެންވާ ހާލަތުގައި ކައިވެނި ކޮށްފިނަމަ، ނުވަތަ ދެޖިންސުގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ކުރެވިދާނެ ކަމެއްކަމުގައި ގަބޫލު ކުރެވެއެވެ. އަދި އޭގެ ސަބަބުން ދަރިން ލިބުމަކީވެސް ވެދާނެ ކަމެކެވެ. ޝައްކެއްނެއް ގޮތުގައި ދެޖިންސެއް ގުޅިގެން ލިބޭ ދަރި ވާނީ ދެޖިންސުންކުރެ އެއް ޖިންސަކަށެވެ. ނުވަތަ ދެޖިންސުން އެއްވެގެން އައުމަކީވެސް ވެދާނެކަމެކެވެ. މިވާހަކަތަކަކީ ކީރިތި ޤުރްއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައި ހުރި ވާހަކައެއް ނޫނެވެ.
ކީރިތި ޤުރްއާނުން އެނގެން އޮތް ޞަރީހަ ބަސްފުޅަކީ: އިންސީންނާއި ޖިންނީން މި ޖިންސުން ކައިވެނި ކުރުމަކީ ހުއްދަ ނޫން ކަމެއް ކަމެވެ. މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ. އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. {والله جعل لكم من أنفسكم أزواجاً} النحل: 72. މާނައަކީ: “އަދި މާތް ﷲ ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުނަށްޓަކައި ތިޔަބައިމީހުންގެ ޖޯޑު އުފެއްދެވިއެވެ.” އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވައި އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. { فانكحوا ما طاب لكم من النساء} النساء: 3. މާނައަކީ: "ފަހެ ތިޔަބައިމީހުނަށް ކަމުދާ، ރަނގަޅު އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ.” އިމާމް އައްސުޔޫޠީ އެބޭފުޅާގެ ‘الأشباه والنظائر’ (ج 1، ص 257) ގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގައި އެވާ ‘النساء’ (އަންހެނުން) ގެ މާނައަކީ އާދަމުގެ ދަރީންކުރެ އަންހެނުންނަށް ޚާއްސަ ނަމެކެވެ.” ހަމައެފަދައިން ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން އެއީ ޙަރާމް ކަމެއް ކަމުގައި ސާބިތުވެއެވެ.
والله أعلم، وصلى الله على محمد وآله وسلم
(ސުވާލާ ޖަވާބު "މައިތިރި.ކޮމް")