އަމީރު މުޢާވިޔާތު 11: ދިމިޝްޤުގެ ގަވަރުނަރުކަން ލިބިވަޑައިގަތުން

ކިޔުމަށް ހޭދަވާނީ 4މ 42ސ
އަމީރު މުޢާވިޔާތު 11: ދިމިޝްޤުގެ ގަވަރުނަރުކަން ލިބިވަޑައިގަތުން

ޢަލީ އިޙްޞާން ފިރާޤް

 

ޚަލީފާއިންގެ ދައުރުގައި: 

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު، ދެން ޚިލާފަތުގެ ގޮނޑިކޮޅުގައި އިށީންދެވަޑައިގެންނެވީ أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެވެ.  އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި،  މުޢާވިޔަތުގެފާނުގެ އަޚެއްކަމުގައިވާ يزيد بن أبي سفيان ލަޝްކަރަކާއެކު ޝާމުކަރައަށް ފޮނުއްވިއެވެ.  އެ ލަޝްކަރަށް އެހީ ފޯރުކޮށްދެއްވުމަށްޓަކައި، أمير معاوية ގެފާނަށް ޑިވިޝަނެއްގެ ވެރިކަންދެއްވައިފައި ޔަޒީދުގެ އަރިހަށް ފޮނުއްވިއެވެ. ޝާމުކަރައިގައި ކުރެވުނު ހަނގުރާމައަކީ މުޢާވިޔަތުގެފާނުގެ އަސްކަރީ ޤާބިލުކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ ހަނގުރާމައެކެވެ.  

أمير المؤمنين عمر الفاروق رضى اللّـه عنه ގެ ޚިލާފަތުގައި، މުޢާވިޔަތުގެފާނުގެ އަޚު يزيد بن أبي سفيان އަވަހާރަވިއެވެ. އެކަލޭގެފާނު އަވަހާރަވީ އަމްވާސްގެ ތާއޫނު ވަބާގައެވެ. އޭރު يزيد ހުންނެވީ އުރްދުންގެ ވަލީކަމުގައެވެ. އެހެންކަމުން يزيد ހުންނެވި މަޤާމަށް معاوية ގެފާނު އައްޔަން ކުރެއްވިއެވެ. އަދި ދިމިޝްޤުގެ ގަވަރުނަރުކަންވެސް أمير معاوية ގެފާނަށް ދެއްވިއެވެ. أمير المؤمنين عمر الفاروق رضى اللّـه عنه ބައިތުލް މަގުދިސަށް ވަޑައިގެންނެވުމުން އެކަލޭގެފާނަށް މަރުހަބާ ވިދާޅުވި ބޭކަލުންގެ ތެރޭގައި މުޢާވިޔަތުގެފާނު ހިމެނިވަޑައިގަންނަވައެވެ. عمر الفاروق، މުޢާވިޔަތުގެފާނަށް ވިދާޅުވިއެވެ. 

[ކަލޭގެފާނު ޝާހީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަމަލުކުރަން ފައްޓަވައިފީމުއެވެ. އަޅުގަނޑަށް އަޑުއިވިފައިވާ ގޮތުގައި ކަލޭގެފާނު މިހާރު ދޮރު ފާރަވެރީންވެސް ގެންގުޅުއްވަމުއެވެ.]  

أمير معاوية ވިދާޅުވިއެވެ. [ޝާމުކަރައިގެ ބޯޑަރު ސަރަހައްދަކީ އަބަދުވެސް ރޯމަން ސިފައިން ވެދެ ހަމަލާ ދިނުމުގެ ނުރައްކާ އޮތް ސަރަހައްދެކެވެ. ޝާމުކަރައިގެ ބިމުގައި ވަރަށް ގިނައިން އެބައިމީހުންގެ ޖާސޫސުން އުޅެއެވެ.[ 

عمر الفاروق رضى اللّـه عنه ގެ ޚިލާފަތުގައި، މުޢާވިޔަތުގެފާނުވަނީ، ޤުސްތަންތީނިއްޔާއަށް ކަނޑުމަގުން ސިފައިން ފޮނުއްވައިގެން ހަމަލާދިނުމަށާއި،  މެޑިޓެރޭނިއަން ކަނޑުގެ ޖަޒީރާތައް ހިފުމަށް عمر ގެފާނުގެ ހުއްދައަށް އެދިވަޑައިގެންފައެވެ. ނަމަވެސް عمر ގެފާނު އެކަމަށް ހުއްދައެއް ނުދެއްވައެވެ. 

أمير المؤمنين عمر الفاروق رضى اللّـه عنه އަށްފަހު، أمير المؤمنين عثمان بن عفّان رضى اللّـه عنه ގެ ޚަލީފާކަމުގައި ޝާމްކަރަ އާއި ޝާމަކަރާ ޖެހިގެންހުރި ހުރިހާ ސަރަޙައްދެއްގެ ގަވަރުނަރަކަށް އަމީރު މުޢާވިޔަތުގެފާނު ލެއްވިއެވެ. އެކަލޭގެފާނަށް ކަނޑުގެ ސިފައިން ތައްޔާރުކުރުމުގެ ހުއްދަ ދެއްވައި ބާރުތައް ފުޅާކުރެއްވުމަށް އެންގެވިއެވެ. އަމީރު މުޢާވިޔަތުގެފާނު، ޝާމުކަރައިގެ ހުރިހާ ސަރަޙައްދެއް އެކަލޭގެފަނުގެ ބާރުފުޅުގެ ދަށަށް ގެންނެވިއެވެ. އެތަނުގައި އިސްލާމީ ވެރިކަން ވަރަށް ބޮޑަށް ހަރުދަނާކުރިއެވެ.  ކުރިސްޓިއަނުންނާއި ރޫމީންގެ ފަރާތުން އެއްވެސް ބިރުވެރިކަމެއް ނުވަތަ ޙަމަލައެއް އަޔަކަނުދެއްވައެވެ. 

أمير المؤمنين عثمان بن عفّان رضى اللّـه عنه ޝަހީދުވުމަށްފަހު أمير معاوية އާއި،  أمير المؤمنين علي بن أبي طالب رضى اللّـه عنــه އާ ދެމެދު ހިނގި ކަންތައްތަކުގެ ވާހަކަވާނީ އިސްވެގޮސްފައެވެ. علي بن أبي طالب رضى اللّـه عنــه އަށްފަހު އެކަލޭގެފާނު ދަރިކަލުން ޙަސަންގެފާނު ޚަލީފާކަމަށް އިސްވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެކަލޭގެފާނާއި މުޢާވިޔަތުގެފާނާ ދެމެދުގައި ދެބަސްވުން އުފެދި ބޮޑު ހަނގުރާމައަކަށް އިސްލާމީ އުންމަތް ތައްޔާރުވިއެވެ. އެހިނދު ޙަސަންގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ޚަލީފާކަން ދޫކޮށްލެއްވިއެވެ. މުޢާވިޔަތުގެފާނަށް ބައިޢަތު ހިއްޕެވިއެވެ. މިކަމެއް ހިނގީ ހިޖްރައިން 41 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގައެވެ. އޭރު މުޢާވިޔަތުގެފާނު ޝާމުކަރައިގެ ގަވަރުނަރަކަށް ހުންނަވާތާ ވަނީ ވިހި އަހަރު ހަމަވެފައެވެ. 

އިސްލާމީ އުންމަތުގެ ޚަލީފާއަކަށްވުމަށްފަހު ވިހި އަހަރު ވަންދެން ދިރި ދުނިޔޭގައި ހުންނެވިއެވެ. ގަވަރުނަރުކަމާއި ޚަލީފާކަމުގެ މުއްދަތު އެއްކޮށްލުމުން ވެރިކަމުގެ ޖުމްލަ މުއްދަތު ސާޅީސް އަހަރަށް އަރައެވެ. އެހެނީ ސާޅީސް އަހަރުގެ ފުރަތަމަ ވިހި އަހަރު ހޭދަކުރެއްވީ ގަވަރުނަރެއްގެ ގޮތުގައެވެ. އަނެއް ވިހިއަހަރު ހޭދަކުރެއްވީ އިސްލާމީ އުއްމަތުގެ ޚަލީފާ ނުވަތަ ރަސްގެފާނުގެ ގޮތުގައެވެ.

 

މިއަދު އޮންލައިން