ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއަކީ ކާމިޔާބު މީހަކަށްވުމަށެވެ. ނަމަވެސް ކާމިޔާބު މީހަކަށް ވެވޭނީ އެކަމަށް ﷲ ތަޢަލާ މިންވަރުކުރެއްވެވުމުންނެވެ. އެކަން ހުރިހާ މުސްލިމުންވެސް ހިތުގެ އަޑިން ޤަބޫލުކުރާނެއެވެ. އެހެންކަމާއިއެކުވެސް ގިނައީ ދުނިޔެފަހައި ދުވެވޭ މީހުންނެވެ. ﷲ ތަޢަލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވެނީ މަދު މީހަކަށެވެ.
އެހެންވެ މިބުނެދެނީ ކާމިޔާބީގެ ދޮރުތައް ބަންދުވާ ސަބަބުތައް ކަމަށް އެންމެ ބޮޑެތި ބައެއް ޢިލްމްވެރިން ހާމަކުރައްވާ 6 ސަބަބެވެ.
1 ނިޢުމަތެއް ދެއްވެވުމުން އެ ނިޢުމަތަށް ޝުކުރުވެރިވުމަށް ކުރެވޭ ކަންކަމަށްވުރެ އެނިޢުމަތަކުން ތިމާ ޙާޞިލުކުރަން ބޭނުންވާ އުފާވެރިކަން ލިބިގަންނަން އިސްކަން ދިނުން.
މިކަމުގައި ފުރަތަމަ ކަމަކަށްވެސް ބަލައިލަން ބޭނުންވަނީ އަމިއްލަ ދިރިއުޅުމަށެވެ. ﷲ ތަޢާލާ ހެޔޮލަފާ ބައިވެރިއަކު ދެއްވެވީއެވެ. އެކަމަކު ޝުކުރުވެރިއެއް ނުވެއެވެ. އަނެކާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދީހުރެ ގިނަ މީހުން ބަލަނީ އަނެކާގެ ކިބައިން ތިމާ ބޭނުންވާ އުފާވެރިކަން ޙާޞިލުކުރުމަށެވެ.
ދެވަނަ ކަމަކަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށްވުރެ އިސްކަން ދެނީ ތިމާ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށެވެ.
2 ޢިލްމް ޙާޞިލުކުރެވުމުން ޢަމަލުނުކުރުން
3 ފާފަކުރަން އަވަސްވެގަތުމާއި ފާފަ ކުރެވުމުން ތައުބާވުން ލަސްކުރުން
ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެއެވެ. އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ.
4 ތިމާއަށް އެނގޭ އަދި އެކުގައި އުޅޭ މީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް އެނގުމުންވެސް އެ ސިފަތައް ލިބިގަންނަން މަސައްކަތް ނުކުރުން
ކާމިޔާބު މީހަކަށް ވެވޭނީ ތިމާގެ ކިބައިގައި ރަނގަޅު ސިފަތައް ހުރެގެންނެވެ. ވީމާ ރަނގަޅު ސިފަތައް ލިބިގަތުމަށް މަސައްކަތްނުކުރެވޭނަމަ އެމީހަކަށް އެދެވެނީ ކާމިޔާބީ އާއި ދުރަށެވެ.
5 ދުނިޔެއިން ޙާޞިލްކުރެވެންހުރި އުފާތައް ޙާޞިލްކުރަން އިސްކަންދޭވަރަށްވުރެ އާޚިރަތް ބާއްޖަވެރިކުރަން ކުރަންޖެހޭ ކަންކަން ކުރަން އިސްކަންދޭވަރުކުޑަކުރުން
ދުނިޔެއިން އުފާވެރިކަން ލިބިގަންނަން މަސައްކަތް ނުކުރާކަށް ނުބުނަމެވެ. އެކަންވެސް ކުރަންވާނެއެވެ. ނަމަވެސް އިސްކަން ދޭންޖެހޭނީ އާޚިރަތް ލިބިގަންނަން ކުރަންހުރި މަސައްކަތްތަކަށެވެ.
6 ތިމާގެ ނިމުން އަންނަނީ ގާތްވަމުންކަން އެނގޭއިރުވެސް ގިނަ ދުވަސްތަކަކު ދުނިޔޭގައި ހުރެވޭނެ ކަމަށް ބަލައިގެން އުޅުން
މިއީ އެންމެ ގިނަ ބައަކަށް އެންމެ ބޮޑު ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭ ސަބަބަބެވެ. ފާއިތުވާ ކޮންމެ ހިނދުކޮޅަކީ ޢުމުރުން މަދުވާ ވަޤުތުކޮޅެއްކަން އެނގޭއިރުވެސް މަރަށް ތައްޔާރުވުމުގައި މިދަނީ އިހްމާލްވެވެމުންނެވެ. ބަލަނީ އެކަމަށް އަދި ވަޤުތު އެބައޮތް ކަމަށެވެ. އެފިކުރުގައި ހުރެ އުލެމުން ދަނިކޮށް މަރު އައިސް ބައްދަލުކުރަނީއެވެ. އެފަދަ މީހަކަށްވުރެ ނާކާމިޔާބުކަން ބޮޑު މީހަކު ނުވެއެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން