ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ދިރިއުޅުން ހަލާކުވަނީ ކޮންކަމަކާހުރެތޯ ބަލާށެވެ. އެންމެ ފަހުން ކުރެވުނު ޢަމަލުތަކުން ފަށައިގެން ބަލާށެވެ. ފާފަތަކުން ތިބާގެ ޙަޔާތް ހަލާކުކޮށްލައެވެ. ފާފަތައް ތިބާގެ ހިތް ހަލާކުކޮށްލައެވެ. ފާފަތައް ތިބާ އާއި ތިބާގެ ރައްބާ އޮންނަ ގުޅުން ހީނަރުކޮށްލައެވެ. ފާފަތައް ތިބާ ހަލާކުކޮށްލައެވެ.
އެންމެ ފުރަތަމަ ގޭގެ މައްސަލަތަކެވެ. ތިބާއަށް ގޭގެ މައްސަލަތައް ޖެހެނީ ކޮން ސަބަބަކުންތޯ ސުވާލުކުރެވެއެވެ. އެއީ ފާފަތަކުގެ ސަބަބުންނެވެ.
ގޭގެ އިސްކޮށްހުންނަ މީހާ ނުވަތަ ބައްޕަ الله ތަޢާލާއަށް ނުކިޔަމަންތެރިވެއެވެ. އޭނާ އާއި އޭނާގެ އަނބިމީހާ އާއި އޮންނަ ގުޅުން ގޯސްވެއެވެ.
ގޭގެ އިސްކޮށްހުންނަ މީހާ ނުވަތަ ބައްޕަ الله ތަޢާލާއަށް ނުކިޔަމަންތެރިވެއެވެ. އޭނާ އާއި އޭނާގެ ދަރީންނާއި އޮންނަ ގުޅުން ގޯސްވެއެވެ.
އަނބިމީހާ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެއެވެ. އޭނާ އާއި އޭނާގެ ފިރިމީހާ އާއި އޮންނަ ގުޅުން ގޯސްވެއެވެ.
ދަރީން ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެއެވެ. ދަރީންނާއި މައިންބަފައިންނާއި އޮންނަ ގުޅުން ގޯސްވެއެވެ.
ފާފަތައް ފިޔަވާ ހިތްތައް ކަޅުވެގެންދާނެ އެހެން ސަބަބެއް ނެތެވެ. އަދި ފާފަތައް މެނުވީ، ތިމަންމެންގެ رزق ތިމަންމެންގެ ކިބައިން ދުރުކޮށްދޭ އެއްވެސް އެއްޗެއްވެސް ނުވެއެވެ.
އަދި ފާފަތައް ފިޔަވައި އަޅުގަނޑުމެންގެ ނިޢުމަތްތައް ހަލާކުކޮށްލާ އެހެން އެއްވެސް ކަމެއް ނެތެވެ.
އަދި ފާފަތައް ފިޔަވާ ނަފްސާނީ ބަލިތަކަށް މަގުފަހިވާ އެހެން އެއްވެސް ކަމެއް ނެތެވެ.
އަހަރެން ކަންބޮޑުވެއެވެ. ހިތްހަމަޖެހިފައި ހުރިއިރު އަހަރެންގެ ހާލު ރަނގަޅެއް ނުވެއެވެ. އެއީ ފާފަތަކެވެ.