ހިތް އެދޭ ގޮތަށް މެދުވެރިވާ ކަންކަމަށްވުރެ ގިނައިން މެދުވެރިވާނީ ހިތް ނުއެދޭގޮތަށް ކަމަށް ޤަބޫލުކޮށްގެން ހުރުމުގެ ފައިދާ މިހާ ބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ހިތް އެދޭ ގޮތަށް މެދުވެރިވާ ކަންކަމަށްވުރެ ގިނައިން މެދުވެރިވާނީ ހިތް ނުއެދޭގޮތަށް ކަމަށް ޤަބޫލުކޮށްގެން ހުރުމުގެ ފައިދާ މިހާ ބޮޑުކަން އެނގޭތަ؟

މައްސަލަތަކާއި ކަންބޮޑުވުން ނުވާނަމަ އެކަމުގެ ދެރަ އެންމެ ބޮޑަށް ލިބޭނީވެސް އިންސާނުންނަށެވެ. އެހެނީ އެކަންކަމަށް ކެތްތެރިވުމުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ގިނަ ގުނަ ނިޢުމަތްތައް އެމީހަކަށް ލިބޭނެ އެއްވެސް މަގެއް ނުއޮންނާތީއެވެ.

ހަތަރު އުދަރެސް ފެނުންޖަހަމަށް މިކިޔަނީ އިންސާނުންނަށް އެމީހުންނަށް ގޮތްހުސްވެއްޖެ ކަމަށް ޤަބޫލުކުރެވުމަށެވެ. ސަލާމަތްވެވޭނެ އެއްވެސް މަގެއް ދެން ނެތްކަމަށް ޤަބޫލުކުރެވުމަށެވެ. ތިމާއާއި އެހީތެރިވާނެ، އެހީތެރިވެވޭނެ އެއްވެސް ފަރާތެއް ނެތްކަމަށް ޤަބޫލުކުރެވުމަށެވެ. ރަނގަޅަށް ވިސްނައިފިނަމަ މިއީ އެއްވެސް މުސްލިމަކަށް ކުރިމަތިވެގެންވާނެ ޙާލަތެއް ނޫނެވެ.

ވީމާ ތަންކޮޅެއް ތަފްޞީލުކޮށް ވިސްނާލަމާ ހިނގާށެވެ!

ތިބާގެ ވަށައިގެން ހިނގާ ހުރިހާ ކަންކަން ހިނގަނީވެސް ތިބާ ބޭނުން ނުވާގޮތަށް ކަމުގައިވެސްވެދާނެއެވެ. ތިބާގެ ދިރިއުޅުން އެކުގައި ހަލާކުވެގެންދަނީ ކަމަށްވެސް ހީވެދާނެއެވެ. ޙާލަތު ބަދަލުކުރަން ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ވެސް ޤަބޫލުކުރެވިދާނެއެވެ.

ބައެއް މީހުންނަށް މިފަދަ ޙާލަތު މެދުވެރިވެއެވެ. އެހެނަސް މިފަދަ ހާލަތެއް އެއްވެސް މުސްލިމަކަށް މެދުވެރިވެގެންނުވާނެއެވެ. ފުރަތަމަ ކަމަކީ ތިބާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރާ މީހަކު އެއްވެސް ކަމެއްގައި ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިގެން އުޅޭކަށް ނުޖެހޭނެއެވެ.

ދެވަނަ ކަމަކަށް ޙަޔާތުގައި މެދުވެރިވާ ކޮންމެ ކަމެއް މެދުވެރިވާނީ ތިމާ ބޭނުންވާ ގޮތަށް ކަމުގައި ޤަބޫލުކުރުމެއްވެސް ނެތެވެ. ހިތް އެދޭ ގޮތަށް މެދުވެރިވާ ކަންކަމަށްވުރެ ގިނައިން މެދުވެރިވާނީ ހިތް ނުއެދޭގޮތަށް ކަމުގައި އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. އެއިރުން ކޮންޓްރޯލުން ނެއްޓޭނެ ވަރަށް އެއްވެސް ކަމަކާއި ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަްބަދުވެސް އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ

މިފަދަ ހުރިހާ މައްސަލަތަކެއް ޙައްލުކުރަން އޮތް މަގު ވަރަށް ފަސޭހައެވެ. އެއީ ތިމާއަށް ނުއުފުލޭނެވަރުގެ ތަކްލީފެއް ތިމާއަށް ނުޖައްސަވާނެކަމާއި ކޮންމެ ތަކްލީފަކީވެސް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާނެއްކަމާއި ފާސްވާންޖެހޭނެކަން ޤަބޫލުކުރުމެވެ.

ހަކައެކަނި ތަކްލީފެއް ނޫނެވެ. ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ހަމަ ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އެހެނެއްކަމަކު އަބަދުވެސް ގުނެނީ ކުރިމަތިވާ ތަކްލީފެވެ. ދެއްވަވާ ނިޢްމަތްތަކާއިމެދު އޮންނަނީ ވިސްނައިވެސް ނުލެވިފައެވެ.

ވަރަށް ކުރު ގޮތަކަށް ބަޔާން މިކުރި ކަންކަމަށް ވިސްނައިލި ކޮންމެ މީހަކަށްވެސް ކަންބޮޑުވުންތަކުން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ ނަމަވެސް އެގޮތުގައި ވިސްނުން ސާބިތުކުރެވޭނީ ތިމާއަށް އެވަރަށް ތަޤްވާވެރިވެވިގެންނެވެ. ހިތްވަރުކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން