ރާއްޖޭގައި ރުއް އާލާ ކުރުމަށް އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރާއްޖޭގައި ރުއް އާލާ ކުރުމަށް އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އދ. އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ނިންމުމާ ގުޅިގެން، އދ. އަރިޔަދޫ އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. މި ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް ގާއިމުކޮށް، ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، މި ސެންޓަރުގައި ހޭޅިފަށުގައި ހެދޭ ގަސްގަހާގެހި އާލާކުރުމާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަރިޔަދޫގައި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ، މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާރޗްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ހަމައެހެންމެ، ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައްވެސް މި ސެންޓަރުގައި ކުރިއަށް ގެންދެވޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގައި ރުއް އާލާކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ. 

މިއަދު އޮންލައިން