މާލެ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފި: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މާލެ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފި: ސްޓެލްކޯ

މި ރޯދަމަހު މާލެ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހަކީ މި ރޯދަމަހު މާލެ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް 100 މެގަވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަހެވެ. މިކަން ދިމާވެފައިވަނީ މޫސުމަށް އައި ބަދަލާ ގުޅިގެންނެވެ.

ރަމަޟާން މަސް ފެށުނުއިރު މޫސުން ގޯސްވެ ވިއްސާރަކުރަމުން ދިޔަނަމަވެސް، ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް އަވިދޭން ފަށާފައިވެއެވެ. މިއާއެކު، އާންމުކޮށް އެހެން އަހަރުތަކެކޭ އެއްގޮތަށް އިރުވައި މޫސުމުގެ ހޫނު ދުވަސްތައް ފެށިފައިވާކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލޭ ސަރަޙައްދުގައި މެންދުރާއި ރޭގަނޑުގެ ވަގުތުތަކުގައި އެވްރެޖްކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އުޅެނީ 90 މެގަވޮޓުން މަތީގައެވެ. ނަމަވެސް، ހޫނު ގަދަވުމާއެކު ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެވެސް އިތުރުވާނެކަމަށް ސްޓެލްކޯއިން ލަފާކޮށްފައިވެއެވެ. އެހެންކަމުން، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން