ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކުގައި ޖަވާބުދާރީވާންޖެހޭނީ ވަކީލު ނޫންކަމާއި، ޖަވާބުދާރީވާންޖެހޭ ފަރާތަކީ ކަމާބެހޭ ފަނޑިޔާރުކަމަށެވެ.
މި ބަޔާން ނެރުނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ މައްސަލައާ ގުޅިގެންނެވެ. ޖޭއެސްސީން ވިދާޅުވެފައިވަނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ވަކީލަށް ޖަވާބުދާރީވުމުގެ ފުރުޞަތު ކޮމިޓީން ދެއްވާފައި ނުވަނީ ޤާނޫނުގައި އެފަދައިން ބަޔާންކޮށްފައި ނުވާތީކަމަށެވެ.
ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރަނީ، ތަޙްޤީޤު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފްސީލު ދިނުމަށްފަހު، އެ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެ ކަމަށެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވަނީ، ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާ ފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެ ކަމަށެވެ.
ޖޭއެސްސީން އިތުރަށް ފާހަގަކުރައްވާފައިވަނީ، ޤާނޫނުގައި ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ޤާނޫނީ ލަފާދިނުންކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުޞަތާއި ވަކީލާ ވަކިން މަޝްވަރާކުރުމުގެ ފުރުޞަތުވެސް ތަކުރާރުކޮށް ދީފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ޖޭއެސްސީން އަދި ވިދާޅުވެފައިވަނީ، މި މައްސަލައާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އެންމެހައި ހައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާއަށް ދީފައިވާ ކަމަށެވެ.