ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު ކުރިމަތިލައްވައިފިއެވެ. މިއަދު ހެނދުނު 11:00 އަށް ހަމަވި ސުންގަޑިއަށް މި މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ނިހާޔަތެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން އެއް ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ، ކޮރަޕްޝަންގެ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ބަލަން ފެށުމާ ގުޅިގެން ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަރްޔަމް ނިހާޔަތަކީ ކުރިން ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެފަހުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. މި ދެ މަޤާމުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އޭނާގެ ޤާބިލުކަން ދައްކުވައިދޭ ކަމެއް ކަމުގައި ބެލެވެއެވެ.