އަމީރު މުޢާވިޔާތު 12: މުޢާވިޔަތުގެފާނަށް ރަސްކަން ލިބިވަޑައިގަތުން. ރަސްކަން ކުރެއްވި ޞަޙާބީއަކީ އެކަލޭގެފާނު

ކިޔުމަށް ހޭދަވާނީ 4މ 3ސ
އަމީރު މުޢާވިޔާތު 12: މުޢާވިޔަތުގެފާނަށް ރަސްކަން ލިބިވަޑައިގަތުން. ރަސްކަން ކުރެއްވި ޞަޙާބީއަކީ އެކަލޭގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

އުމަވީ ދައުލަތުގެ ފެށުން: 

އުމަވީ ދައުލަތު ނުވަތަ އުމަވީ ޚިލާފަތު ނުވަތަ އުމަވީ ދަރިކޮޅު އަކީ އިސްލާމްދީނުގެ ތާރީޚުގައި ފާހަގަ ކުރެވޭ އެންމެ ބޮޑު ދައުލަތެވެ. އަދި  ޚަލީފާއިންގެ ދައުރަށްފަހު އިސްލާމީ ތާރީޚުގައި ވެރިކަން ކުރި އެންމެ ބޮޑު އެއް ދައުލަތެވެ. އުމަވީ ދައުލަތަކީ ހިޖުރައިން 41 (މީލާދީން 662) އިން ފެށިގެން ހިޖުރައިން 132 ވަނަ އަހަރާ ހަމަޔަށް (މީލާދީން 750 ވަނަ އަހަރު) ވެރިކަން ކުރި ދައުލަތެވެ. އެ ދައުލަތުގެ ވެރިރަށަކީ ދިމިޝްގެވެ. 

އުމައްޔަތުވަންހައިގެ މީހުންނަކީ ޖާހިލިއްޔަ ޒަމާނުގައްޔާއި އިސްލާމްދީން އައުމަށްފަހުގައިވެސް ބާރުހުރި ނުފޫޒުގަދަ ދަރިކޮޅެކެވެ. މަޝްހޫރު ދަރިކޮޅެކެވެ. ޤުރައިޝުން ހަނގުރާމައެއްގެ ދިދަ ބަންނަ ނަމަ އެކަމާ ހަވާލުވުން އޮތީ އުމައްޔަތުވަންހައަށެވެ. ކުރިން ލިޔެވިދިޔަ ސަފްހާތަކުންވެސް އެނގޭނެ ފަދައިން އިސްލާމްދީން އައި އިރު އަބޫސުފްޔާނަކީ އުއްމަޔަތުވަންހައިގެ އެންމެ ނަގާކިޔޭ ޝަޚްސެވެ. 

އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަށްފަހު ޢުޘްމާނުގެފާނު 12 އަހަރު ވެރިކަން ކުރެއްވިއެވެ. ފުރަތަމަ 6 އަހަރު އަމްނުއަމާންކަމާއެކުގައެވެ. ފަހު 6 އަހަރު ފިތުނަތައް އުފެދެންފެށިއެވެ. އެންމެފަހުން ހިޖްރައިން 35ވަނަ އަހަރުގެ ޙައްޖުމަހުގެ ތެރޭގައި ބާޣީން އެކަލޭގެފާނު ޝަހީދުކުރިއެވެ. ޢުޘްމާނުގެފާނަކީ އުމައްޔަތުވަންހައަށް ނިސްބަތްވެވަޑައިގަންވާ ބޭކަނބަލެކެވެ. އަބޫސުފްޔާނުގެ އަނބިކަނބަލެއްކަމުގައިވާ ޞަފިއްޔާއަކީ ޢުޘްމާނުގެފާނުގެ ބަފައިކަލުންގެ އުޚުތެކެވެ. 

ޢުޘްމާނުގެފާނު ޝަހީދުވުމަށްފަހު ޢަލީގެފާނު އިސްލާމީ ޚިލާފަތާ ހަވާލުވެވަޑައިގެންނެވިއެވެ. އަމީރު މުޢާވިޔަތު އެދިވަޑައިގަންނަވަމުން ގެންދިޔައީ ޢުޘްމާނުގެފާނުގެ ޤާތިލުންގެ ކިބައިން ބަދަލު ހިއްޕެވުމަށެވެ. ޢަލީގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ އުއްމަތުގެ ކަންތައްތައް ހަމަޖެހި އެކަތިގަނޑަކަށްވަންދެން އިހަށް މަޑުކޮށްލެއްވުމަށެވެ. ނަމަވެސް ޞަޙާބީންގެ ތެރެއިން ގިނަ ބޭކަލުންނަށް މިގޮތެއް ކަމަކުނުދިޔައެވެ. މިކަމުގެ ތެރޭގައި ޖަމަލު ހަނގުރާމަ ހިނގައިގެންދިޔައެވެ. 

އޭގެ އަހަރެއްފަހުން ހިޖްރައިން 35 ވަނަ އަހަރުގެ ތެރޭގައި މުޢާވިޔަތުގެފާނާއި ޢަލީގެފާނާ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ. ޞިއްފީނު ހަނގުރާމައިގެ ނަމުން މަޝްހޫރުވި މިހަނގުރާމައިގައިވެސް މުސްލިމުގެ ގިނަ ބަޔަކު ޝަހީދުވެގެންދިޔައެވެ. ކޮންމެއަކަސް ޢަލީގެފާނުގެ ޚިލާފަތުގައި ޝާމުކަރައިގެ ގަވަރުނަރަކަށް މުޢާވިޔަތުގެފާނު ހުންނެވި ނަމަވެސް ދެބޭފުޅުންގެ ދެމެދުގައި އޮތީ ނުތަނަވަސްކަމެކެވެ. އޭގެ ނަތީޖާ ވަނީ އިސްލާމީ ތާރީޚުގެ ޞަފްޙާތައް ކަޅުކޮށްފައެވެ. 

ހިޖްރައިން 40 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި ކުފާގެ މިސްކިތުގައި ނަމާދުފުޅަށް ހުންވަނިކޮށް އިބްނު މުލްޖިމް ޢަލީގެފާނަށް ޙަމަލަދީ ޝަހީދުކޮށްލިއެވެ. އެއަށްފަހު ޚަލީފާކަން ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިކަލުން ޙަސަންގެފާނަށެވެ. ޙަސަންގެފާނަކީ މާތް ރަސޫލާގެ ކާފަދަރިކަލެކެވެ. ޙަސަންގެފާނު ޚަލީފާކަމުގައި ފަސް މަސްދުވަސްވަންދެން ހުންނެވިއެވެ. އަނެއްބައި ރިވާޔަތުގައި ވާގޮތުން ޙަސަންގެފާނު ޚަލީފާކަމުގައި ހުންނެވީ ހަމަސްދުވަހުއެވެ. އެއަށްފަހު އަމީރު މުޢާވިޔަތުގެފާނާ ޞުލްޙަވެވަޑައިގެންނެވިއެވެ. އަމިއްލަފުޅަށް ޚަލީފާކަން ދޫކުރައްވައި މުޢާވިޔަތުގެފާނަށް ވެރިކަން ދޫކޮށްލެއްވިއެވެ. 

ޝައްކެތް ނެތް ގޮތުގައި ޙަސަންގެފާނު ޚަލީފާކަން ދޫކޮށްލެއްވީ އުއްމަތުގެ މަސްލަހަތަށް ވިސްނާވަޑައިގެންފައެވެ. އުއްމަތުގެ މެދުގައި ލޭ އޮހޮރުނަ ނުދެއްވުމަށްޓަކައެވެ. އޭރު އަމީރު މުޢާވިޔަތުގެފާނުވަނީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވެވަޑައިގެންފައެވެ. އުދަރެސް ބައްދައިލައިފައިވަނީ ހަނގުރާމައިގެ ކަޅު ވިލާގަނޑުތަތަކުންނެވެ. އެހެންކަމުން ލޮބުވެތި ކާފާފުޅުގެ އުއްމަތުގައި ލޭ އޮހޮރުނަ ނުދެއްވުމަށްޓަކައި ޙަސަންގެފާނު ޚަލީފާކަން ދޫކޮށްލެއްވީއެވެ. މިއީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ނުބުއްވަތުގެ އަލާމާތެކެވެ. 

އަބޫ ބަކްރާ ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިންބަރުގައި ހުންނަވައި ޙަދީޘް ކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި ޙަސަންގެފާނު އިންނެވިއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  އެއްފަހަރު މީސްތަކުންނާ ދިމާއަށް އަނެއްފަހަރު ޙަސަންގެފާނާ ދިމާއަށް ބައްލަވަމުން ޙަދީޘް ކުރެއްވިއެވެ. 

[އަހަރެން މިދަރިފުޅަކީ ސައްޔިދެކެވެ. މީނާގެ ޒަރިއްޔާއިން، ދެކޮޅުވެރިން އުފެދިފައިވާ މުސްލިމުގެ ދެ ޖަމާޢަތް ޞުލްޙަކުރެވޭނެ ކަމަށް އަހަރެން އުއްމީދު ކުރަމެވެ.] { صحيح البخاري كتاب فضائل أصحاب النبى صلى الله عليه وسلم، باب مَنَاقِبُ الْحَسَنِ وَالْحُسَيْنِ رضى الله عنهما، ޙަދީޘް 3746} 

ޙަސަންގެފާނު އަވަހާރަވީ ހިޖުރައިން 49 ވަނަ އަހަރުގައެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ހިޖުރައިން 50 ވަނަ އަހަރުގައެވެ. ތާރީޚުގައި ލިޔެވިގެންވަނީ ޒަހަރު އަރުވައިގެން އެކަލޭގެފާނު އަވަހާރަކޮށްލީ ކަމަށެވެ. މާތް، ޙަސަންގެފާނަށް ރުއްސުންލައްވާށިއެވެ.

މިއަދު އޮންލައިން