ފިޠުރު ޒަކާތާއިމެދު އޮޅުން އަރާކަންކަން ޔަޤީންކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 35ސ
ފިޠުރު ޒަކާތާއިމެދު އޮޅުން އަރާކަންކަން ޔަޤީންކޮށްލައްވާ!

ސަމާލުކަންދޭންވީ ފިޠުރު ޒަކާތް ދެއްކުމަށެވެ. އެކަން މިހާރު އޮތީ ވަރަށް ފަސޭހަކޮށެވެ. އެމީހަކު ހުރި ރަށުގައި ފަޤީރުން މަދުވެ ޙަވާލުވާނެ ބައަކު ނެތްނަމަ ފަޤީރުން ގިނަ ރަށަކަށްވެސް ދެއްކިދާނެއެވެ. ޓްރާންސްފަރކޮށްލިޔަސް ފުދޭނެއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެރަށެއްގައި ފަޤީރުން ތިބިނަމަ ތިމާ ދިރިއުޅޭ ރަށުގައި އެކަންކުރުން ކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ.

ތިރީގައިވާ ލިޔުމަކީ ފިޠުރު ޒަކާތް ނެރުމުގައި މިހާރު ޚިޔާލުތަފާތުވުން އުފެދިގެން އުޅޭ ބައެއްކަންކަން ފާހަގަކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.   

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد::  

މިމައްސަލައަކީ އިޖްތިހާދީ މައްސަލައެކެވެ. ދެކޮޅަށްވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު އޮތް މައްސަލައެކެވެ. އެހެންކަމުން ޢިލްމުވެރިން މިކަމާއިމެދު، ބަޙުޘް ކުރައްވާ އެބޭކަލުންގެ މެދުގައި މިމައްސަލާގައިވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. އެހެންކަމުން، ވަކި ރައުޔެއްގައި ހިފައިފި ބަޔަކު ގޯސްކޮށް، އެމީހުންނާއި މެދު ނުރަގަޅު ބަޔެއްގެ ގޮތުގައި ޞިފަވާ ގޮތަށް ވާހަކަ ދައްކާ ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.  

ފައިސާ އިން ފިޠްރު ޒަކާތް ދެއްކިދާނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ ރައުޔުތައް ތިރީގައި މިވަނީއެވެ.  

ފުރަތަމަ ރައުޔު: އިމާމް އަބޫޙަނީފާ އަދި އެކަލޭގެފާނުގެ އަޞްޙާބުން ކަމުގައިވާ ޙަސަނުލް ބަޞަރީ އާއި ސުފްޔާނުއްޘައުރީ- ރަޙިމަހުމުﷲ-، އަދި މުސްލިމުންގެ ފަސްވަނަ ޚަލީފާ ކަމުގައިވާ ޢުމަރު ބިން ޢަބްދިލް ޢަޒީޒް-ރަޟިޔަﷲ ޢަންހު- ދެކިލައްވާ ގޮތުގައި ފައިސާ އިން މުދަލު ޒަކާތާއި ފިޠުރު ޒަކާތް ނެރުން ހުއްދަވެގެންވެއެވެ. މިއީ މާލިކީ މަޛްހަބްގެ އަލްއަޝްހަބް އާއި އިބްނުލް ގާސިމް- ރަޙިމަހުމުﷲ- ގެ ވެސް ރައުޔެވެ. 

އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. މިގޮތަކީ (ފައިސާ އިން ޒަކާތް ނެރުމަކީ) ހުއްދަކަމެއްގެ ގޮތުގައި އިމާމް ބުޚާރީ –ރަޙިމަހުﷲ- ދެކިލައްވައެވެ. 

އިބްނު ރުޝްދު- ރަޙިމަހުﷲ- ވިދާޅުވިއެވެ. އަބޫޙަނީފާ- ރަޙިމަހުﷲ- އާއި ގިނަ މައްސަލަ ތަކެއްގައި އިމާމް ބުޚާރީ-ރަޙިމަހުﷲ- ޚިޔާލު ތަފާތުވެވަޑައިގެންފައިވީނަމަވެސް، ފައިސާ އިން ޒަކާތް ނެރުމުގެ މައްސަލާގައި އަބޫޙަނީފާ-ރަޙިމަހުﷲ- އާއި އެއްބަސްވެވަޑައިގަންނަވައެވެ. އެހެން އެދިމާވީ ދަލީލުތައް އެކަމަށް ލެބެން ހުރުމުންނެވެ.  

ދެވަނަ ރައުޔު: އިމާމް ޝާފިޢީ އަދި ދާވޫދުއްޡާހިރީ-ރަޙިމަހުމުﷲ- ދެކިލައްވާ ގޮތުގައި ފައިސާ އިން ޒަކާތް ނެރުން ހުއްދަވެގެންނެއް ނުވެއެވެ.  

ތިންވަނަ ރައުޔު: މާލިކީ މަޛްހަބްގެ ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ފައިސާ އިން ޒަކާތް ނެރުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް، އެގޮތަށް ނެރެފިކަމުގައިވީނަމަވެސް، ޞައްޙަ ވާނެއެވެ.   

މައްސަލާގައި ޚިލާފު އުފެދެން ޖެހުނު ސަބަބު:

މި މައްސަލާގައި ޚިލާފު އުފެދެން މެދުވެރިވި އެއް ސަބަބަކީ ޒަކާތުގެ ޙަގީގަތަކީ ކޮބައިކަމާއި މެދު ދެކޭ ގޮތް ތަފާތުވުމެވެ. ޒަކާތަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެއްތޯ ނުވަތަ އެއީ ފަގީރުންގެ ޙައްގުގައި ތަނަވަސްކަމުގެ އަހްލުވެރިން އަދާކުރަން ޖެހޭ ޙައްގެއްތޯ؟ މިކަމާއިމެދު ޚިޔާލު ތަފާތުވުމެވެ. މީގެ އެންމެ ރަގަޅު ގޮތަކީ ޒަކާތަކީ މިދެކަންތައްވެސް އެކުލެވިފައިވާ އެއްޗެއް ކަމުގައި ބުނުމެވެ. އެހެންނަމަވެސް އިމާމް ޝާފިޢީ، ދާވޫދުއްޡާހިރީ، މާލިކީ މަޛްހަބްގެ ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޒަކާތަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އެހެންކަމުން ނައްޞުގައި އައިސްފައިވާ ގޮތަށް ތަކެތިން ޒަކާތް ނެރެން ޖެހޭނެ ކަމަށް އެބޭކަލުން ދެކިލައްވައެވެ. އަދި ފައިސާ އިން ޒަކާތް ނެރުން ހުއްދަ ނުވާނެ ކަމުގައިވެސް ވިދާޅުވެއެވެ.  

ފައިސާ އިން ޒަކާތް ނެރުން ހުއްދަކަމުގައި ވިދާޅުވާ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޒަކާތުގެ ޙަގީގަތަކީ ފަގީރުންގެ ޙާޖަތް ފުއްދައިދިނުމެވެ. އެހެންކަމުން، ފައިސާ އިން ޒަކާތް ނެރުމުންވެސް ފަގީރުންގެ ބޭނުން ފުދޭ ކަމަށްވަނީ ނަމަ، އެގޮތަށް އެކަން ކުރުން ހުއްދަވެގެންވެއެވެ[1][1].

ފައިސާ އިން ޒަކާތް ނެރުން ހުއްދަ ނުވާނެކަމަށް ބުނާ ޢިލްމުވެރިންގެ ބައެއް ދަލީލުތައް:

- ޝާފިޢީ މަޛްހަބްގެ ޢިލްމުވެރިއެއް ކަމުގައިވާ އިމާމުލް ޙަރަމައިނި އަލްޖުވައިނީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. އަހަރުމެންގެ އެންމެ ވަރުގަދަ އެއް ދަލީލަކީ: ޒަކާތަކީ ﷲ އަށް ކުށްތަންވުމުގެ ގޮތުން އަދާކުރެވޭ އަޅުކަމެކެވެ. އެގޮތުން ކުރެވޭ ކޮންމެ ކަމެއް ކުރަންވާނީ ﷲ އެންގެވި ގޮތަށެވެ. އިންސާނަކު އޭނާގެ ވަކީލުގެ ގާތުގއި ބާޒާރަށްގޮސް ހެދުމެއް ގަނެގެން އަންނާށޭ ބުނުމުން އޭގެ ބޭނުމަކީ ވިޔަފާރިކަން އޭނާގެ ވަކީލަށް އެނގިގެން، ހެދުމެއް ގަތުމުގެ ބަދަލުގައި އެޔަށްވުރެ ވިޔަފާރީގައި ފައިދާ ބޮޑު އެއްޗެއް ގަނެގެން ގެނައުމުން މުވައްކިލް މީހާގެ އަމުރަށް ނުކިޔަމަންތެރިވެވުނީއެވެ. އޭނާއަށް އެތައް ގޮތަކުން ފައިދާބޮޑު އެއްޗެއް ގެނައިކަމުގައިވީނަމަވެސް އެވެ. އެހެންކަމުން، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުން މާ އައުލާކަން ބޮޑުވެގެންވެއެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނޭ ބުނެ ސަޖިދާގައި ނިތްކުރިޔާއި ނޭފަތް ޖެއްސުމުގެ ބަދަލުގައި ކޮލާއި ދަތްދޮޅި ޖެއްސުމުން ނަމާދު ޞައްޙަ އެއް ނުވެއެވެ. ސަބަބަކީ ނައްޞާއި އިދިކޮޅުވީމައެވެ. އަދި އަޅުކަމުގެ މާނައިން ބޭރުވެވުނީމައެވެ. ހަމައެފަދައިން، ބަކައްޓެއް ނުވަތަ ޖަމަލެއްގެ ޒަކާތުގެ ގޮތުގައި އޭގެ އަގު ނެރުމަކުން ޞައްޙަ އެއް ނުވާނެއެވެ. ނައްޞާއި އިދިކޮޅުވީތީވެއެވެ. އަދި އަޅުކަމުގެ މާނައާއި ވެސް ތަފާތުވީތީވެއެވެ. ޒަކާތަކީ ނަމާދު ގެ އުޚްތެވެ. ނަމާދުގައި އަމިއްލަ ގޮތެއް ހެދުމުން ޞައްޙަ ނުވާ ފަދައިން ޒަކާތުގައިވެސް އަމިއްލަގޮތް ހެދުމުން ޞައްޙަ އެއް ނުވާނެއެވެ. (އަލްމަޖްމޫޢު ލިއްނަވަވީ، 5/43). ޒަކާތް ދިނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ- ކުރައްވާފައިވާ އަމުރުފުޅުގައިވަނީ މުޖްމަލްކޮށްނެވެ. ﷲ ވަޙީ ކުރެއްވިއެވެ. (وآتوا الزَّكَاةَ) މާނައަކީ: "ތިޔަބައިމީހުން ޒަކާތްދޭހުށިކަމެވެ". މިކަމުގެ ތަފްޞީލް އުއްމަތަށް ބަޔާންކޮށްދެއްވީ ސުންނަތުގައެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. (في كل أربعين شاة شاة) "ކޮންމެ ސާޅީސް ބަކަރިއަކަށް ބަކަރިއެކެވެ". (فيكلخمسةمنالإبلشاة) "ކޮންމެ ފަސް ޖަމަލަކަށް ބަކަށްޓެކެވެ". އެހެންކަމުން "ތިޔަބައިމީހުން ކޮންމެ ބަކަށްޓަކަށް ބަކަށްޓެއް ޒަކާތުގެ ގޮތުގައި ނެރޭށެވެ. އަދި ކޮންމެ ފަސްޖަމަލަކަށް ބަކަށްޓެއް ޒަކާތުގެ ގޮތުގައި ނެރޭށެވެ" މިފަދައިން ވަޙީ ކުރެއްވި ފަދައެވެ. އެހެންކަމުން ޒަކާތަކީ ފަގީރުންގެ ޙައްގަކަށް ވެއްޖެއެވެ. އެކަމުގެ ޢިއްލަތަކީ ނުވަތަ ފަގީރުންގެ ޙައްގަކަށް ޒަކާތްވީ ކީއްވެތޯ ބަލާ ހޯދުމަކީ އަޅުގަޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ.

- ޒަކާތް ފައިސާ އިން ދެއްކުން ހުއްދަނުވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދެވަނަ ދަލީލަކީ: ޒަކާތް ވާޖިބު ކުރައްވާފައިވަނީ ފަގީރުންގެ ޙާޖަތްތައް ފުއްދަވައި ދެއްވުމަށްޓަކައެވެ. އެއީ، ﷲ ދެއްވި މުދަލުގެ ނިޢްމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ޙާޖަތްތައް ތަފާތުވެގެންވެއެވެ. އެހެންކަމުން ވާޖިބު ކަންތައްވެސް ތަފާތުވެގެންވެއެވެ. ފަގީރުންގެ ޙާޖަތްތައް ފުއްދައިދީ އެމީހުންގެ ހިތާމަތަކުގައި ބައިވެރިވަނީ އެމީހަކަށް ދެއްވި ނިޢްމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. (އަލްމުޣްނީ 3/66).

ފައިސާއިން ޒަކާތް ނެރުން ހުއްދަވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބައެއް ދަލީލުތައް :

- ސޫރަތުއް ތައުބާގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خُذ مِن أَموٰلِهِم صَدَقَةً) މާނައަކީ: "އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهرކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭصدقاتއެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ". މިއިން ދޭހަވަނީ ޞަދަގާތުގެ ގޮތުގައި މުދާ ނެގޭ ކަމެވެ. ފައިސާއަކީ ވެސް މުދަލުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެންކަމުން ފައިސާ އިން ޒަކާތް ދެއްކި ކަމުގައިވީނަމަވެސް ފުދޭނެއެވެ.

- أن النبي -صلى الله عليه وسلم- قال: "أغنوهم - يعني المساكين - في هذا اليوم) މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިއަދުގައި މިސްކީނުން ގެ ޙާޖަތްތައް ފުއްދައިދޭށެވެ".

މިސްކީނުންގެ ޙާޖަތްތައް ކާބޯތަކެތިން ފުއްދައިދެވޭފަދައިން، ފައިސާ އިންވެސް ފުއްދައިދެވެއެވެ. ބައެއް ފަހަރު ފައިސާ މާބޮޑަށް ރަގަޅުވެސްމެއެވެ. ސަބަބަކީ މިސްކީންމީހާގެ އަތުގައި ކާބޯތަކެތިގިނަވެގެންގޮސް ބައެއް ފަހަރު ވިއްކަންވެސް ޖެހިދާނެއެވެ. ފައިސާ ދީފިނަމަ އޭނާ ބޭނުން ޚަރަދެއް އެއިން ކުރެވޭނެއެވެ. ކާބޯތަކެތި ނުވަތަ ހެދުން ނުވަތަ އެނޫންވެސް އޭނާ އަށް ބޭނުންވާ ތަކެތި ގަނެވިދާނެއެވެ. 

-ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި ކާބޯތަކެތިން ޒަކާތް ނެރުމަށް އަމުރުކުރައްވާފައިވަނީ އެޒަމާނުގެ ޙާލަތަށް ބައްލަވާފައެވެ. އެޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރާ ރަނާއި ރިހި ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ގިނަފަހަރަށް މީސްތަކުންގެ އަތުގައި އެތަކެތި ނުވެސް ހުރެއެވެ. އަދި މިސްކީނުންނާއި ފަގީރުން ބޮޑަށް ބޭނުންޖެހިފައިފަނީވެސް ބަނޑުފުރާނަ މުއްތިކުރާނެ ކާބޯތަކެތި ކޮޅަކަށެވެ. އެހެންނަމަވެސް، މިޒަމާނުގައި ކާބޯތަކެތިން ޒަކާތް ނެރުމަށްވުރެ ދެފަރާތަށްވެސް (ޒަކާތް ނެރޭފަރާތާއި ލިބިގަންނަ ފަރާތް) ފައިދާބޮޑީ ފައިސާ އިން ނެރުމެވެ. އެހެންކަމުން ފައިސާ އިން ޒަކާތް ނެރުމަކީ ހުއްދަ ކަމެކެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ) މާނައަކީ: "اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ".والله أعلم.

މިއަދު އޮންލައިން