ހަނދުމަކޮށްދިނުމެއް!: ކީރިތި ޤުރްއާން ކިޔެވުމުގައި ރައްކައުތެރިވާން ޖެހޭނެ މުހިންމު ބައެއް އަދަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ހަނދުމަކޮށްދިނުމެއް!: ކީރިތި ޤުރްއާން ކިޔެވުމުގައި ރައްކައުތެރިވާން ޖެހޭނެ މުހިންމު ބައެއް އަދަބުތައް-

ކީރިތި ޤުރްއާން ކިޔަވާއިރު ތމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް ކިޔެވުމުގެ މުހިންމުކަމާއިމެދު އަބަދުވެސް ވިސްނަންވާނެއެވެ. ހަމައެއާއިއެކު ރަމަޟާން މަހު ވީހާ ގިނައިން ކިޔަވަން މަސައްކަތްކުރާއިރު އެކަމަށްދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ.  

ތިރީގައިވާ ލިޔުމަކީ އެހީތެރިކަން ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އަލްޙަމްދުލިﷲ ރައްބިލް ޢާލަމީން. ވައްސަލާތު ވައްސަލާމް އަލާ އަޝްރަފިލް އަންބިޔާއި ވަލް މުރުސަލީން. ނަބިއްޔިނާ މުހައްމަދު ވައާލާއާލިހީ ވަޞަޙްބިހީ އަޖުމަޢީން.  

ލޮބުވެތި މުސްލިމް އަޚުނާއި އުޚްތުން އައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

އާދެ! އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ ކީރިތި ގުރުޢާންގެ މައްސަރު. އެހެންވީމާ  މިދުވަސްވަރުގައި މިމައްސަރުގައި ޚާއްސަގޮތެއްގައި ވީހާވެސް ގިނައިން ކީރިތި ޤުރުޢާން ކިޔެވުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. 

އެހެންކަމުން އަޅުގަނޑު މިއަދުގެ ބައްދަލުވުމުގައި ބަލާލަން ގަޞްތުކުރަނީ ޤުރުޢާން ކިޔެވުމުގެ އަދަބުތަކާއިބެހޭގޮތުން.  

އާދެ! އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކީރިތި ޤުރުޢާނަކީ މާތް ﷲ ގެ ޙަޟްރަތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ މައްޗަށް ބާއްވާލައްވާފައިވާ މުޢުޖުޒާތެއްކަން.  

އެޤުރުޢާނަކީ މާތްﷲ މިއުންމަތުގެ މީހުންނަށް ހިދާޔަތެއްގެ ގޮތެއްގައި ބާއްވާލެއްގި ފޮތެއްކަން އެޤުރުޢާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަޟްރަތުގައި ލޮބުވެތިކަން ބޮޑު ފޮތެއްކަން އެޤުރުޢާނަކީ އެޤުރުޢާނުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީގޮތް އަދި އަޅުގަނޑުމެން ކަންތައްތައް ކުރަންވީގޮތާއި ދުރުހެލިވާންވީ ކަންތައްތައް ބަޔާންކުރައްވާފައިވާ ފޮތެއްކަން.  

އެހެންކަމުން އެޤުރުޢާނުގެ މަތިވެރިކަން އަޅުގަނޑުމެން އަބަދުވެސް ހިތުގައި ބަހައްޓަންޖެހޭނެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާނުގެ މަތިވެރިކަން ކީރިތި ޤުރުޢާނުގެ އެތައް އާޔަތެއްގައިވަނީ ބަޔާންކުރައްވާފައި. އޭގެ ތެރެއިން އެއްއާޔަތެއްގައި ﷲ ވަހީކުރައްވަނީ  " މާތްﷲގެ ހަޟްރަތުން ތިއަބައިމީހުންނާ ހަމައަށް އަލިކަމެއް އަތުވެއްޖެއޭ." މާތްﷲ ކީރިތި ޤުރުޢާން ސިފަކުރައްވާފައި މިވަނީ އަލިކަމެއްގެ ގޮތުގައި. އަދި "ބަޔާންވެގެންވާ ފޮތެއް ﷲގެ ހަޟްރަތުން ތިޔަބައިމީހުންނާ ހަމައަށް އަތުވެއްޖެއޭ.  

ލޮބުވެތި މުސްލިމް އަޚުނާއި އުޚްތުން! 

އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެކީރިތި ޤުރުޢާނަށް ޤަދަރުކުރަންޖެހޭ. ޤުރުޢާނަށް އިޚްތިރާމް ކުރަންޖެހޭ. ޤުރުޢާނަށް އަދަބު ތައުޘީމް އަދާކުރަންޖެހޭ. ދެވަނަ ކަމަކީ ކޮންމެ އަޅުކަމެއްގައިވެސް އެކަމެއްގައި އަޅުގަނޑުމެން އެންމެ މުހިއްމު ކަމަކަށް ހަދަންޖެހޭނެ ކަމަކީ ﷲއަށް އިޚްލާސްތެރިވުން. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިހްލާސްތެރިކަމާއެކުގައި ކުރެވޭކަމެއްކަމުގައިވާންޖެހޭނެ. އޭރުން އެކަމަކީ ﷲ ގެ ހަޟްރަތުގައި ޤަބޫލުވެގެންވާ ކަމެއްކަމުގައިވާނީ. އަދި ﷲ ވަހީކުރައްވަނީ " ތިޔަބައިމީހުން ﷲ އަށް ދީން ޚާލިސްކުރާހާލުގައި އިޚްލާސްތެރިކަމާއެކުގައި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެ. އެހެން އާޔަތެއްގައި ވަހީކުރައްވަނީ " އެބައިމީހުންނަށް އަމުރުވެވިގެންނުވޭ. "އެބައިމީހުން ﷲއަށް ދީން ޚާލިސްކުރާ ހާލުގައި ﷲއަށް އަޅުކަންކުރަން މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވޭ.  

އާދެ. އަނެއްކަމަކީ ޤުރުޢާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ ތަޖުވީދު މަގަށް ޤުރުޢާން ކިޔެވުން. އާދެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާން ބާއްވާލައްވާ އެކީރިތި ޤުރުޢާން ކިޔެވުން އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ވަކި ހަމަތަކެއްގެ މަތިން. އަޅުގަނޑުމެން ހިތު ހުރިގޮތަކަށް އެއާމެދު ވިސްނާލުމެއްނެތި އަޅުގަނޑުމެން ބޭނުންހާގޮތަކަށްނުކިޔޭނެ. އޭގެ ބަދަލުގައި ކޮންމެ އަކުރެއްވެސް އެއަކުރެއްގެ މަހުރަޖުން އަދި އެއަކުރަކަށް ދޭންޖެހޭ ސިފަތަކާއި ހައްޤުތައް ދީގެން އެޤުރުޢާން ކިޔަވަން ޖެހޭނީ. އަޅުގަނޑުމެންނަށް ތަޖުވީދު މަގަށް ޤުރުޢާން ކިޔަވަން ނޭނގޭކަމަށްވަނީނަމަ ޤުރުޢާން ކިޔަވަން ދަސްކޮށްދޭ މީހަކާއި ގުޅައިގެން ޤުރުޢާން ކިޔަވަން ދަސްކުރަންވާނެ. އަދި އަޅުގަނޑުމެން އޯޑިއޯ ޖަހައިގެން ޓީވީ މެދުވެރިކޮށް ބަލައިގެންނަމަވެސް ޤުރުޢާން ތަޖުވީދުމަގަށް ކިޔަވަން ދަސްކުރުމަކީ އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން