އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީއެވެ.

ޖޭއެސްސީން މިމަހުގެ 10 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދު ހެނދުނު 11:00 އަށް ހަމަވިއިރު، ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ސިވިލް ކޯޓުގެ ޤާޟީކަމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވާ މަރްޔަމް ނިހާޔަތެވެ.

ޖޭއެސްސީން ކުރި ދެވަނަ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވެއެވެ. ނަމަވެސް، 10 މާރިޗުގައި ކުރި އިޢުލާނާ ގުޅިގެން ފުރިހަމަކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އަލުން ހުށަހަޅަން ނުޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެވޭނީ ޢުމުރުން 30 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަކީ ޤައުމުގެ އެންމެ މަތީ ޝަރުޢީ މަޤާމު ކަމުން، މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއަދު އޮންލައިން