ވަރިކުރުމަށްފަހު ދަރިންނަށް އެހީނުވުން- ޑްރަގަށްވުރެވެސް މާބޮޑު މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ވަރިކުރުމަށްފަހު ދަރިންނަށް އެހީނުވުން- ޑްރަގަށްވުރެވެސް މާބޮޑު މައްސަލައެއް!

ކައިވެނި ރޫޅާލުން ހުއްދައެވެ. ނަމަވެސް ލިބިފައިވާ ދަރިންނަށް އެމީހެއްގެ ފެންވަރުން އެހީތެރިނުވުން ހުއްދައެއް ނޫނެވެ. އެކަން ހުއްދަކުރެވޭނެ ގޮތެއްވެސް ނެތެވެ. ނަމަވެސް އެމައްސަލައަކީ މިއަދު އެންމެ ބޮޑުވެފައިވާ މައްސަލަކަމަށް އެއްބަސްވާން އެބަޖެހެއެވެ.  

ދުނިޔޭގައި ދިރިއުޅޭ އެންމެންނަށް ބެލިކަމުގައިވިޔަސް ކޮންމެވެސް ކަމަކުން ހިތްދަތިކަމެއް ކޮންމެވެސް މިންވަރަކަށް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. އެއްބައަކަށް ކުރިމަތިވެފައިވާނީ ބޮޑެތި ކަންކަމެވެ. އަނެއް ބައަކަށް ކުދިކުދި ކަންކަމެވެ. މިއިން އިސްތިސްނާވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

އެއްބައަކު ކުދިކަންކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެގެން އުޅެފާނެއެވެ. އަނެއް ބައަކަށް ބޮޑެތި ކަންކަން މެދުވެރިވުމުން އެއީ އެއްވެސް ކަމަކަށް ނުހަދައިވެސް އުޅެފާނެއެވެ. އެކަންކަން އެގޮތަށް މެދުވެރިވަނީ އެމީހެއްގެ ކިބައިގައި ކެތްތެރިކަމާއި ތަޤްވާވެރިކަން ހުންނަ މިންވަރެއްގެ މައްޗަށެވެ.  

ބުނެލަން ބޭނުންވަނީ ދިރިއުޅުމުގައި ޚާއްޞަ ޙާލަތެއް މެދުވެރިވިނަމަވެސް އެއީ އެހައި ބޮޑުކަމަކަށް ނުހަދާށެވެ. އިންތަކެއްގައި ހިފަހައްޓާށެވެ. އެކަމަކާއި ގުޅިގެން ބޮމެއްފަދައިން މީހާގެ ދިރިއުޅުން ގޮއްވައިނުލާށެވެ.  

މިހާރަށް ބަލައިފިނަމަ އެންމެ ގިނަބައަކަށް އެންމެ ބޮޑު ކަންބޮޑުވުންތަކެއް ލިބެމުންދަނީ ކައިވެނިތައް ރޫޅުން ގިނަވުމުންނެވެ. އެތައްބައިވަރު ދަރިންތަކަކާއިއެކު އެކަނިވެރި މައިންނަށްވާންޖެހޭ އަންހެނުންގެ ޢަދަދު ގިނަވާތީއެވެ.  

އެންމެންވެސް ޤަބޫލުކުރަނީ ޑްރަގުގެ ވަބާއަކީ އެންމެ ބޮޑު ވަބާކަމަށެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް ޑްރަގުގެ ވަބާއަކީ އެންމެ ބޮޑު ވަބާކަމަށް ދެކޮޅު ހެދޭކަށް ނެތެވެ. އެހެންކަމާއިއެކުގައިވެސް އެއްބައަކު ބުނާ ގޮތުގައި ދަރިންތަކަކާއިއެކު އެކަނިވެރިމައަކަށްވާންޖެހުމުގެ ވަބާ މިއީ ޑްރަގުގެ ވަބާއަށްވުރެ ނުބައިކަންބޮޑު އަދި މާގެއްލުންވެސް ބޮޑު ވަބާއެކެވެ.  

އެކަމުގެ ސަބަބެއްކަމަށް ބުނަނީ ޑްރަގް ބޭނުން ނުކުރީމާ އެމީހަކަށް އެއިން ގެއްލުމެއް ނުލިބި އެމީހަކަށް އުޅެވިފައި ތިމާގެ ކުށެއްނެތިވެސް ކައިވެނި ރޫޅޭތީ އެކަމުން ސަލާމަތްވާން ކުރެވޭނެ ކަމެއް އަނިޔާލިބޭ މީހާއަށް ނެތްކަމެވެ.  

މިފަދަ ބަސްތަކުންވެސް އެނގެނީ އެއްކަމެކެވެ. އެއީ ދަރިންތަކަކާއިއެކު އެކަނިވެރިމައިންނަށް ވާންޖެހުމުގެ މައްސަލަ ބޮޑުވެފައިވާ މިންވަރެވެ. މިކަމަށް ދަލީލުލިބެނީ އެންމެ މުއްސަނދި ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކަށްވެސް މިމައްސލަ ޙައްލުނުކުރެވިގެން ތެޅިފޮޅެމުން ގެންދާތީއެވެ. މުޖުތަމައުއަށް ކުރިމަތިވާ މައްސަލަތައް ޙައްލުނުކުރެވިގެން އުޅޭތީއެވެ.  

ވީމާ ބުނަން ބޭނުންވަނީ ދުނިޔޭގައި ކަންކަން ބަދަލުވަމުން މިއަންނަ ގޮތް ޤަބޫލުކުރުމަށެވެ. ތިމާ ކިތަންމެ ރަނގަޅަށް އުޅުނަސް ކޮންމެ ވަޤުތަކުވެސް ކައިވެނި ރޫޅިގެން ހިނގައިދާނެކަމަށް ޤަބޫލުކޮށްގެން އުޅުމަށެވެ. އެއިރުން ކައިވެނި ރޫޅުނަސް ކުރާ އަސަރުކުޑަވާނެތީއެވެ.  

ހަމައެއާއިއެކު އަބަދުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށެވެ. ފަރުޟުތައް އަދާކުރަމުން ސުންނަތް އަޅުކަންކުރުން ގިނަކުރުމަށެވެ. ދަމުނަމާދުކޮށް ޛިކުރުކުރުމާއި ދުޢާކުރުން ގިނަކުރުމަށެވެ.  

އެފަދަ މީހަކަށް ވެވިއްޖެނަމަ ކަންދިމާވާގޮތަކުން ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިވުމުގެ ބާރު ﷲ ތަޢާލާ ދެއްވަވާނެތެވެ. އެކަމަކުން އަރައިގަނެވޭނެ މަގުދައްކަވާނެތެވެ. ލިބުނު ހިތްދަތިކަމަށްވުރެ މާބޮޑު އުފާވެރިކަމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން