ހާރުދަމު ކުރާ ކަމަކީ ހަމައެކަނި ހާރުކެއުން ކަމަށް ނުހަދާށެވެ! އެއީ ތިބާ އެދޭ ހުރިހާ ކަންކަން ޙާޞިލުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާ ވަޤުތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 11ސ
ހާރުދަމު ކުރާ ކަމަކީ ހަމައެކަނި ހާރުކެއުން ކަމަށް ނުހަދާށެވެ! އެއީ ތިބާ އެދޭ ހުރިހާ ކަންކަން ޙާޞިލުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާ ވަޤުތެއް!

ގިނަ ބައަކު އެންމެ އެންމެ ބޮޑަށް އިހްމާލުވާ އެއްކަމަކީ ހާރުދަމުގެ ވަޤުތުން ޙާޞިލްކުރެވެން އޮތް އެންމެ ބޮޑު ފައިދާ ޙާޞިލްކުރުމެވެ. މިބުނަނީ ތިމާ ބޭނުންވެގެން ހުރި ކަންކަމަށް އެދި ދުޢާކުރުމެވެ. ހާރުދަމުގެ ވަޤުތަކީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެކެވެ. 

ހާރުދަމުގެ ވަޤުތު ތެދުވެ ވެސް ދުޢާކުރެވިދާނެއެވެ. ހާރުކައިގެންވެސް ދުޢާކުރެވިދާނެއެވެ. ވީމާ އެކަމަށް އޮތް އަގުހުރި ފުރުޞަތު ނަގައިނުލާށެވެ! 

ޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ބަސްފުޅު: 

لحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް އަދި އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައިވެސް މުސްލިމުން އަދާކުރާ އަޅުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ހާރުދަމުގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެކެވެ. 

ޞާލިޙު އަޅުތަކުންގެ ވާހަކަ ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾‏ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ [سورة الذاريات]

މާނައީ: "އޭގެ ކުރިން ހަމަކަށަވަރުން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. (16) އެބައިމީހުން ނިދާ އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި ހާރުދަމުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ. (18)" 

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ وَالْمُسْتَغْفِرِينَ بِالْأَسْحَارِ﴾‏ [سورة آل عمران ١٧]

މާނައީ: "އަދި (އެބައިމީހުންނީ) ހާރުދަމުގައި ފާފަފުއްސެވުން އެދި ދުޢާކުރާ މީހުންނެވެ." 

އަދި ހާރުދަމުގެ ވަގުތުގައި ދުޢާކުރާ އަޅުތަކުންނަށް، ﷲ ތަޢާލާ އިޖާބަދެއްވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» [صحيح البخاري (1145) وصحيح مسلم 168 – (758)] 

މާނައީ: "ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. ‘ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެކަމެއް ދެއްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ." 

ތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުމަށް އުންމީދުކުރާ ޙާލު، ހާރުދަމުގެ ވަގުތު ރޭ އަޅުކަމުގައި ހޭދަކުރުމަކީ ޞާލިޙުންގެ އާދައެކެވެ. އަދި ޢަރަބި ޅެންވެރިން އެބޭކަލުންގެ ޅެންތަކުގައި ބުނެއުޅެއެވެ. 

سِهامُ اللَيلِ لا تُخطِي

މާނައީ: "ރޭގަނޑު (ދަންވަރު) އުކާ ދުނިދަނޑި އޭގެ އަމާޒަށް ވާސިލު ނުވެ ނުދާނެއެވެ." 

މީސްތަކުން ޣާފިލުވެފައިވާ އެ މަތިވެރި ވަގުތުގައި ދުޢާކޮށް އަޅުކަންކުރުމުގެ ތައުފީޤު ލިބިއްޖެ މީހަކަށް ހުރި ކާމިޔާބީގެ ބޮޑުކަމާއެވެ!

ދުޢާއަކީ އަޅަމެންނީ އެ ވަގުތުގައި ފާފަފުއްސެވުމަށް އެދި، ﷲ ތަޢާލާގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކުރުމުގެ ހެޔޮ ތައުފީޤު ލިބިގެންދާ ބަޔަކުކަމުގައި ލެއްވުމެވެ! އާމީން.

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން