ޚަދީޖަތުގެފާނު 13: ތުއްޕުޅު ދަރިކަލުން ޢަބްދުﷲ އަވަހާރަވުމާއި ދަރިކަނބަލުންނާ ވަކީން އުޅުއްވަން ޖެހިވަޑައިގެންނެވުމުން ނުހަނު ކެތްތެރިވެވަޑައިގެންނެވި

ކިޔުމަށް ހޭދަވާނީ 7މ 38ސ
ޚަދީޖަތުގެފާނު 13: ތުއްޕުޅު ދަރިކަލުން ޢަބްދުﷲ އަވަހާރަވުމާއި ދަރިކަނބަލުންނާ ވަކީން އުޅުއްވަން ޖެހިވަޑައިގެންނެވުމުން ނުހަނު ކެތްތެރިވެވަޑައިގެންނެވި

ޢަލީ އިޙްޞާން ފިރާޤް

 

ދަރިކަލަކު ލިބިވަޑައިގަތުން: 

އެހެން އިންސާނުންނެކޭ އެއްބީދައިން أمّ المؤمنين السّيدة خديجة رضى الله عنها  ވެސް އެކަމަނާގެ ޙަޔާތްޕުޅުގައި، އުފަލާ ހިތާމަ ޙިއްޞާކުރެއްވިއެވެ. ޖެހިޖެހިގެން ހަތަރު ދަރިކަނބަލުން ލިބިވަޑައިގަތުމަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށާއި ޚަދީޖަތުގެފާނަށް ދަރިކަލަކު ލިބިވަޑައިގަތެވެ. އެދަރިކަލުންނަށް ނަންފުޅު ދެވިފައިވަނީ، އެދަރިކަލުންގެ ކާފާކަލުން عبد الله ގެ ނަންފުޅުންނެވެ. އެދަރިކަލުންނަށް الطيّب  އާއި الطاهر ގެ ނަންފުޅުން ނަންކިޔިގެންވެއެވެ. عبد الله ލިބިވަޑައިގަތުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها  ގެ އާލުންނަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަތެވެ. އޭރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެންދެވީ އެކަލޭގެފާނުގެ ރިސާލަތު މައްކާގެ މުޝްރިކުންނަށް ފޯރޮކޮށްދެއްވުމުގެ ބުރަ މަސްޢޫލިއްޔަތު އަދާ ކުރައްވަމުންނެވެ. 

عبد الله ލިބިވަޑައިގެން މާގިނަ ދުވަސްތަކެއް ނުވަނީސް އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އެކަމުގެ ސަބަބުން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ނުހަނު ހިތާމަފުޅު ކުރެއްވިއެވެ. މިކަން މައްކާގެ މުޝްރިކުންނަށްވީ ވަރަށް ބޮޑު ޢީދަކަށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ދެރަނިކަމެތިކޮށްލުމަށް ބޭނުންކުރާނެ ހަތިޔާރަކަށް އެބައިމީހުން މިކަން ހަދައިލިއެވެ.  العاص بن وائل އެކަލޭގެފާނަށް އިހާނެތިކުރުމުގެ ގޮތުން الأبتر އޭ ގޮވައި އުޅުނެވެ. الأبتر އަކީ، އެމީހެއްގެ އެއްވެސް ފިރިހެން ދަރިއަކު ނުވާ މީހާއެވެ. 

العاص بن وائل ގެ އިތުރުން މައްކާގެ އެހެން މުޝްރިކުންވެސް މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ފުރައްސާރަކުރުމުގެ ގޮތުން އެކަލޭގެފާނާ ދިމާއަށް الأبتر އޭ ގޮވައި އުޅުނު ކަމަށް ތާރީޚު ޢިލްމުވެރިން ލިޔުއްވައިފައިވެއެވެ. އޭގެ އެންމެ އިސް މޭސްތިރިއަކީ، أبو لهب އެވެ. عبد الله ގެފާނު އަވަހާރަވުމުން ފާޅުގައި އޭނާ އުފާފާޅުކޮށް އުޅުނެވެ. އެކަމުގެ ސަބަބުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަދާކުރައްވަމުން ގެންދެވި ދީނުގެ ދަޢުވަތު މަޑުޖެހިގެން ދާނެ ކަމަށް أبو لهب އުއްމީދު ކުރިއެވެ. އެކަލޭގެފާނަށްފަހު، އެކަލޭގެފާނުގެ ދީނީ ދަޢުވަތާގެން ތެދުވެވަޑައިގަންނަވާނެ، ދަރިކަލަކު ނެތުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ރިސާލަތު އުވިގެން ހިނގައިގެން ދާނެކަމުގެ ކުށްހީތައް أبو لهب ކުރިއެވެ. 

عبد الله ގެފާނު އަވަހާރަވި ޙާދިޘާއާ ވިދިގެން މައްކާގެ ތެރޭގައި ފަތުއަޑު ކިޔައިފައި ފެތުރެމުން ގެންދިޔަ ޚަބަރުތަކުގެ ސަބަބުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها ގެ ހިތްޕުޅަށް ދަތިކަން ލިބިވަޑައިގަންވަމުން ގެންދިޔައެވެ. މި ދަނޑިވަޅުގައި، އަރަހުށި މާތްﷲ ކައުޘަރު ސޫރަތް ބާވައިލައްވައި އޭގެ ދެކަނބަލުންގެ ހިތްޕުޅަށް ހަމަޖެހުން ގެނެސް ދެއްވިއެވެ. އެ ސޫރަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުރިހާ ފިރިހެންބޭފުޅުން ތުއްޕުޅު އިރު އަވަހާރަވުމުގެ ސަބަބުން އެކަލޭގެފާނަށް މަލާމާތް ރައްދުކުރި އެންމެހައި އަބާއްޖަވެރިންވަނީ ބަދުރު ހަނގުރާމައިގައި މަރުވެ ގޮސްފައެވެ. ކޮންމެއަކަސް މިދެންނެވި ޙާދިޘާއިންވެސް أمّ المؤمنين السّيدة خديجة رضى الله عنها  ކެތްތެރިވެވަޑައިގެން ސާބިތުވެވަޑައިގެން އިންނެވިކަން ދޭހަވެއެވެ. 

ރުޤައްޔަތުގެފާނު ހިޖުރަކުރެއްވުން: 

މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން އޭގެ ނިހާޔަތަށް ފޯރުމުން، އެބައިމީހުން ޙަބަޝާއަށް ހިޖުރަކުރެއްވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އިރްޝާދު ދެއްވިއެވެ. އޭރު ޙަބަޝާގެ ވެރިއަކަށް ހުންނެވީ ނަޖާޝީއެވެ. އޭނާއަކީ ވަރަށް އަދުލުވެރި ރަސްކަލެކެވެ. ރައްޔިތުން އެންމެހައި އަނިޔާވެރިކަމަކުން ދަފަރާ ކުރައްވަމުން ގެންދެވި ރަސްކަލެކެވެ. ޙަބަޝާއަށް މީސްތަކުން ހިޖުރަކުރަން ފެއްޓެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها  އެކަމާ ހިތާމަފުޅު ކުރެއްވިއެވެ.

أمّ المؤمنين السّيدة خديجة رضى الله عنها  އާއި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެދެބޭކަނބަލުންގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން رُقيَّة رضى الله عنها  އާއި ދަނބިދަރިކަލުން عثمان بن عفّان رضى اللّـه عنه އަށް އަލްވަދާއު ވިދާޅުވާން ޖެހިވަޑައިގެންނެވިއެވެ. عثمان بن عفّان رضى اللّـه عنه އާއި رُقيَّة رضى الله عنها  މައްކާ ދޫކުރައްވައި ޙަބަޝާއަށް ހިޖުރަ ކުރެއްވީ ނަބީކަމުން ފަސްވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އޭރު رُقيَّة رضى الله عنها  އަކީ ވަރަށް ޒުވާން އުމުރުފުޅެއްގެ ބޭކަނބަލެކެވެ.

ނުނިމޭ 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

 

 

 

 

މިއަދު އޮންލައިން