ހަމައެކަނި ރޯދަހިފައި ނަމާދުކުރުމަކުން ނުފުދޭނެ! ނަރަކައިން ސަލާމަތްވުމަށް މިމަގުން ޢަމަލުކުރީމާ ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހަމައެކަނި ރޯދަހިފައި ނަމާދުކުރުމަކުން ނުފުދޭނެ! ނަރަކައިން ސަލާމަތްވުމަށް މިމަގުން ޢަމަލުކުރީމާ ކާމިޔާބުވާނެ! އިން ޝާ ﷲ

ރަމަޟާން މަސް ފެށުނީންސުރެ ކޮންމެ މުސްލިމަކަށްވެސް އޮތީ ރޯދަހިފައި ވީހާގިނަ އަޅުކަންކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ނަރަކައިން މިންޖުވާން ގަދައަޅައި މަސައްކަތްކުރުމެވެ. ހަމަ އެކަނި ރޯދަ ހިފުމަކުން ނުފުދެއެވެ. އަދި ނަމާދުކުރުމަކުން އެކަނިވެސް ނުފުދެއެވެ.  

ރޯދަ ހިފައި ނަމާދުކުރުމަކުންވެސް ނުފުދެއެވެ. އެހެނީ އެދެކަންތައް ކުރަނީ ފަރުޟުކުރައްވަވާފައިވާތީއެވެ. ވާޖިބު އަދާކުރުމަށެވެ. ނޫންނަމަ ދަރާނެތީއެވެ. ވީމާ ރޯދަހިފުމާއި ނަމާދުކުރުމާއިއެކު ވީހާ ގިނައިން އަޅުކަންކުރަން ސަމާލުކަންދޭން އެބަ ޖެހެއެވެ.  

ރޯދައަށް ހުރެގެން ހިތްހަމަޖެހޭނެ ކަމެއް ކޮށްލުން ހުއްދައެވެ. ނަމަވެސް ކުރަންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެކެވެ. އެގޮތުން ކުޅިވަރެއްވެސް ކުޅެލެވިދާނެއެވެ. ނަމަވެސް އެކަން ވާންޖެހޭނީ ސިކުނޑިތާޒާކޮށްލަން ކުރާ ކުޑަކުޑަ ކަމަކަށެވެ. އަދި ކުޑަ ވަޤުތުކޮޅަށްކުރާ ކަމަށެވެ. ގިނަ ވަޤުތު ހޭދަކުރަންވާނީ އަޅުކަމުގައެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގައެވެ.  

ރޭގަނޑު އެއްވެސް ކުޅިވަރެއް ނުކުޅޭށެވެ. ތަރާވީޙް ނިމުމުން އަވަހަށް ނިދައި ރޭއަޅުކަމަށް ހޭލާށެވެ! އެންމެ ދެރަކްޢަތް ނަމަވެސް ކޮށްލުމަށްފަހު ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަޤުތުކޮޅެއް ހޭދަކުރާށެވެ!  

އެއްގޮތަކީ ހާރު ކެއުމުގެ ކުރިން ރޭއަޅުކަންކުރުމެވެ. އެއީ ހާރުކެއުން ވީހާ ލަސްކޮށް އެކަމުގެ ޘަވާބު ލިބިގަތުމަށެވެ. ދެވަނަ ގޮތަކީ ހާރުކައިގެން ފަތިސްނަމާދަށް އިންތިޒާރުކުރާ ވަޤުތު ރޭއަޅުކަންކުރުމެވެ. އެމީހަކަށް ފަސޭހަގޮތެއް އިޚްތިޔާރުކުރާށެވެ. އެކަމުގައި ަމއްސަލައެއް ނެތެވެ.  

ސަމާލުކަން ދޭންވީ ކުޅިވަރަށް ވަޤުތު ގިނަ ނުކުރުމަށާއި ރޯދައަށް ފައިދާކުރާނެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށެވެ. މިރަމަޟާން މަހު ނަރަކައިން ސަލާމަތް ކުރައްވަވާނެ އަޅަކަށް ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ  

ނިންމާލަމުންވެސް ބުނެލާނަމެވެ. ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް މީސްތަކުންގެ ތެރެއިން ބައަކު ނަރަކައިން ސަލާމަތްކުރައްވަވަތެވެ! އެކަމަކު ތިބާ އަޅުކަންނުކޮށް ކުޅިވަރާ މަޖަލުގައި ހޭދަކުރާނަމަ ތިބާ ހިމެނޭނެ ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން