އަންގަވާފަ އޮތީ ނަމާދަށް ޒީނަތްތެރިވާން! ގޭގަލާ ފޭރާމާ ނިދާ ހެދުމުގަ ނަމާދު ނުކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
އަންގަވާފަ އޮތީ ނަމާދަށް ޒީނަތްތެރިވާން! ގޭގަލާ ފޭރާމާ ނިދާ ހެދުމުގަ ނަމާދު ނުކުރައްވާ!

ފިރިހެނުން މިސްކިތަށްދާއިރުވެސް އަދި އަންހެނުން ގޭގައި ނަމާދުކުރާއިރުވެސް ޒީނަތްތެރިވެ ތިބެގެން ނަމާދުކުރާށެވެ! ގޭގައިލާ ދައުވެފައި ހުންނަ އެއްޗެތީގައި ނަމާދުނުކުރާށެވެ! އަދި އަޢުރަނިވާވިކަމުގައިވީނަމަވެސް ނިދާ ހެދުމުގައިވެސް ނަމާދުނުކުރާށެވެ! 

ރޭގަނޑުގެ އަޅުކަމަށް ފަސޭހައީ ނިދާހެދުން ކަމަށްވާނަމަ ހެދުންމަތިން ގައުނެއް ނުވަތަ އެހެދުން ނިވާވަރުގެ ބުރުގާއެއް އަޅުއްވައި ޒީނަތްތެރިވެލައްވާށެވެ! ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ނަމާދަށް އަރާ އިރުގައި ރީތިވެ ޒީނަތްތެރި ވުމަށް މާތް ﷲ ވަނީ އަންގަވާފައެވެ. އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ) މާނައަކީ: " އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!". 

ނަމާދަށް ޒީނަތްތެރިވުމަކީ ޢައުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރެކެވެ. އަންހެނުންނަށް އެކަނބަލުންގެ މަޙްރަމުން ނުވަތަ ކައިވެނި ޙަރާމް މީހުންގެ ކުރިމަތީގައި ބޯ ނިވާ ނުކޮށް ތިބުން ހުއްދަވާ އިރުގައިވެސް ނަމާދުގައި ބޯ ނިވާ ކުރުމަށް އަންގަވާފައިވަނީ އެހެންވެގެންނެވެ. 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. " ނަމާދަށް ޒީނަތްތެރިވުމަކީ ޢައުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރެކެވެ. މިކަމުގެ ދަލީލަކީ ގުރްއާނާއި ސުންނަތާއި ދަންނަ ބޭކަލުންގެ އިޖްމާޢެވެ. 

އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. )يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ)މާނައަކީ: " އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!". މިއާޔަތް ބާވާލެއްވުނު ސަބަބަކީ މައްކާގެ މުޝްރިކުން އޮރިޔާމުންތިބެ ކަޢްބާ ވަށާ ޠަވާފު ކުރުމެވެ. މިއިން ދޭހަވަނީ ﷲ އަށް އަޅުކަން ކުރުމަށް އަންނަވަގުތުގައި ޢައުރަ ނިވާ ކުރުމުގެ އިތުރުން ޒީނަތްތެރިވާން ޖެހޭނެ ކަމެވެ. އެހެންކަމުން މިއާޔަތުގައި އައިސްފައިވަނީ ވެސް "ޒީނަތު" ގެ ލަފްޡެވެ. "ސަތްރު" ނުވަތަ ޢައުރަ ނިވާ ކުރުމުގެ ލަފްޡެއް ނޫނެވެ. 

ސުންނަތުގެ ދަލީލަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. ) لا يقبل الله الصلاة حائض إلا بخمار  ... ( .މާނައަކީ: ބާލިޣްވެފައިވާ އަންހެނާގެ ނަމާދު ޚިމާރަކާއި އެކު މެނުވީ- ބޯނިވާ ކުރުމާއި އެކު މެނުވީ- ﷲ ގަބޫލެއް ނުކުރައްވާނެއެވެ". 

ނަމާދަށް އަރާ އިރުގައި ޒީނަތްތެރި ވުމަކީ ވާޖިބު ކަމެއް ކަމުގައި ދަންނަ ބޭކަލުން އިޖްމާޢު ވެލައްވައެވެ. ވީމާ، ނިދާ ހެދުންލައިގެން ނަމާދަށް އެރުމަކީ ރަގަޅު ކަމެއް ނޫނެވެ. واللهأعلم  

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން