ޒިނޭގެ ދަރިއަކު ލިބިފައިވާ ކޮންމެ މައަކުވެސް ދަރިން ތަރުބިއްޔަތުކުރުމުގަ ސަމާލުކަން ދެހޭ މައްސަލައެއް- ވޭން އުފުލަމުންދާ މައެއްގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 43ސ
ޒިނޭގެ ދަރިއަކު ލިބިފައިވާ ކޮންމެ މައަކުވެސް ދަރިން ތަރުބިއްޔަތުކުރުމުގަ ސަމާލުކަން ދެހޭ މައްސަލައެއް- ވޭން އުފުލަމުންދާ މައެއްގެ ދުލުން-

އަޅުގަނޑުގެ ދޮށީ ދަރިފުޅަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ދަރިއެކެވެ. އެކަން މެދުވެރިވި ސަބަބުގެ ޥާހަކަ ދައްކާކަށް ނެތީމެވެ. އެހެން މީހަކު ކޫށްވެރިކުރާކަށްވެސް ނެތީމެވެ. ދެރަ ލިބުނީ އަޅުގަނޑުގެ ހޭލުންތެރިކަން ކުޑަކަމުންކަމަށް ބުނެ ނިންމައިލާނަމެވެ. 

އެކަމަކާއި އަޅުގަނޑު ކަންބޮޑެއްވެސް ނުވަމެވެ. އަޅުގަނޑު މިހުރީ ތައުބާވެގެންނެވެ. އަޅުގަނޑަށް އުފާވެރި ދިރިއުޅުމެއްވެސް ވަނީ ލިބިފައެވެ. ނަމަވެސް ވަރަށް ބޮޑު މައްސަލައެއް އެބަ އޮތެވެ. 

އަޅުގަނޑުގެ ދަރިފުޅާއި ގުޅެން ބޭނުންވާ ކުދިންގެ ގާތުގައި ކައިވެނިކުރަން ބުނީމާ ތިއައީ ޒިނޭގެ ދަރިއެއް ކަމަށް އެބަބުނެއެވެ. ހިތުން އެހެން ބުނަނީ ދަރިފުޅު ދެރަކޮށްލާށެވެ! ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑު ތައުބާވެ ދަރިފުޅު ބޮޑުކޮށްފައި އެހުރީ އަޅުގަނޑަށް ދިން ދެރަ ނުދެވޭނެ ގޮތަށެވެ. ދަރިފުޅަށް ދަރިފުޅުގެ ޙަޤީޤަތް އެނގޭނެއެވެ. މިއީ ކުރިމަތިވާނެ ދުވަހެއްކަން ކުރިއަށް ވިސްނައި ދަރިފުޅު ހުންނާނީ ހޭލުންތެރިކުރުވާފައެވެ. 

ނިކަން ވިސްނައިބަލާށެވެ! ދަރިފުޅު ދެކެ ރުޅި އަންނަނީ ލޯބީގެ ކުޅިގަނޑު ކުޅެ ޒިނޭ ނުކުރާނެ ކަމަސް ބުނާތީއެވެ. އެކަމަށް ރުޅިއަންނާނީ ޒިނޭކުރަން ދެވިހިފާފައި ތިބި މީހުން ނޫންތޯއެވެ؟ އެފަދަ މީހުންނަށް ބޯނުލެނބީމާ ނުވަތަ ޙައްލުވައި ނުލެވުނީމާ ކުށެއް ނުކުރާ ދަރިފުޅަށް ދެރަބަސް ބުނުމަށް އޮތީ ކޮން ޙައްޤެއްތޯއެވެ؟ ކުރެވުނު ކުށެއް ކުރެވުނީ އަޅުގަނޑަށެވެ. ދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. އެކަމަކު ރުޅިއަންނަ މީހާއަކީ ޒިނޭކުރާ ކުށްވެރިއެއް ނޫންތޯއެވެ؟ 

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ އަޅުގަނޑު ފަދައިން ކައިވެނީގެ ބޭރުން ދަރިން ލިބިފައިވާނަމަ އަޅުގަނޑު މިބުނި ފަދައިން އެކަންކަމަށް ސަމާލުކަންދީގެން ދަރިން ބޮޑެތިކުރުމަށް ބުނުމަށެވެ.

- މިއަދު ނޫހުގެ ކިޔުންތެރިއެއް 

ގުޅުންހުރި ލިޔުމެއް:

ޒިނޭގެ ދަރިން ގިނަވަމުން އަންނައިރު އެކުދިންނަށް ބުލީކުރުމުގެ މައްސަލަތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ. އެކުދިން ދެރަކޮށް ނިކަމެތިކޮށްލުމުގެ ގޮތުން "ކަލޭމެން ސުވަރުގެ ނުވައްދަވާނެ" ކަމަށްވެސް އެކުދިންނާއި ދިމާއަށް އެބަ ބުނެވެއެވެ. މިފަދަ ބަސްތައް އެބުނަނީ ދީނުގައި އެކުދިންނާއިމެދު އެއްގޮތަކަށްވެސް ނުއެނގިތިބެއެވެ. 

އެހެންކަމުން މިގެނެސްދެނީ އެފަދަ ކުދިންނާއިމެދު ކޮންމެހެން އެނގެންޖެހޭ ބައެއް މަޢުލޫމާތެވެ. 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

ބައްޕަނެތް ކުދިންނަކީ އެކުދިންގެ ޒާތުގައި މަޢުޞޫމް ބަޔެކެވެ. އެކުދިންގެ މައިންބަފައިން ކުރި ނުބައިކަމެއްގެ ސަބަބުން އެކުދިން އެކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. އެއީ އެކުދިންނަކާ ބެހޭވެސް ކަމެއްނޫނެވެ. ގިޔާމަތްދުވަހުން އެކުދިންނަކީވެސް އެހެންމީހުންނެކޭ އެއްފަދަ ބަޔެކެވެ. ޞާލިޙް ރަގަޅު ޢަމަލުކޮށްފައިވަނީ ނަމަ އަކަމުގެ ހެޔޮ ޖަޒާ ލިބޭނެއެވެ. 

ނުބައިކަމެއް ކޮށްފައިވަނީނަމަ އެކަމެއްވެސް ދެކޭނެއެވެ. މުސްލިމެއްކަމުގައިވާ ޙާލު މަރުވެއްޖެނަމަ ސުވަރުގެލިބޭނެއެވެ. އިންޝާ ﷲ. 

ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު ޖިމާޢުވި ކަމަށް ދަޢުވާކުރިކަމަށްވީނަމަވެސް އެވެ. 

އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. 

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر) މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ.(މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ. ( އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވައެވެ. 

ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ، ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ. 

އަލްއިމާމް އަބޫޙަނީފާ ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ. 

ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން