ކޮންމެ މީހަކަށްވެސް ހެޔޮ ނަޞީޙަތަށް ބޭނުންވާނެއެވެ. އެންމެ ހެޔޮ ނަބީޙަތް ފެންނަން ހުރީ ކީރިތި ޤްރްއާނާއި ސުންނަތުންނެވެ. ޙަދީޘްފުޅުތަކުންނެވެ. ހިތާމައަކީ އެކަމަށް ނުވިސްނައި މާދުރުން ނަޞީޙަތް ހޯދަން އުޅެވޭކަމެވެ. މަޝްހޫރު މީހުންގެ ބަސްތަކަށް ސަމާލުކަންދެވޭ ކަމެވެ.
ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު އެކައްޗަކީ ހެޔޮ ނަޞޭޙަތެވެ. ބައެއް ބޭކަލުން ބަޔާންކުރައްވަވާ ގޮތުގައި ހެޔޮ ނަޞޭޙަތަކީ ފައިސާއަށްވުރެވެސް މާއަގުހުރި އެއްޗެކެވެ. އެހެނީ ފައިސާ ކިތަންމެ ގިނައިން ލިބުމަކީވެސް ސުވަރުގެ ވަދެވެން އޮތް ސަބަބެއް ނޫނެވެ. ފައިސާ ގިނަވުމަކީ ސުވަރުގެ ވަދެވޭ ސަބަބެއް ނަމަ ހުރިހާ ފައިސާވެރިން ތިބޭނީ ސުވަރުގޭގައި ނޫންހެއްޔެވެ؟
އެއިގެ ބަދަލުގައި ހެޔޮ ނަޞޭޙަތް ލިބުމުން ތަންދޮރު އޮޅުންފިލައެވެ. ލިބުނު ނަބޭޙަތަށް ޢަމަލުކޮށްފިނަމަ ސުވަރުގެ ވަނުމަށް މަގުފހިވެގެންދެއެވެ. ސުވަރުގެ ލިބެއެވެ. އެހެންކަމުން ޞަޙާބީން އަބަދުވެސް އެންމެ ބޮޑަށް އެދިވަޑައިގަންނަވަމުން ގެންދެވީ ހެޔޮ ނަޞޭޙަތަށެވެ. ފައިސާއަކަށް ނޫނެވެ.
އަބޫ އައްޔޫބު އަލް އަންޞާރީ ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.
" މީހަކު ކީރިތި ރަސޫލާ (ﷺ) ގެ އަރިހުގައި، ވަރަށް ކުރު ނަސޭހަތެއްދެއްވުމަށް އެދުނެވެ. ދެން އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " ތިބާ ނަމާދަށް ތެދުވެ ހުންނައިރު، އެއީ ތިބާ ކުރާ އެންމެ ފަހު ނަމާދުގެ ގޮތުގައި ކުރާށެވެ. އަދި ތިބާ ފަހުން މަޢާފަށްއެދެންޖެހޭވަރުގެ އެއްވެސް ބަހެއް ނުބުނާށެވެ. އަދި މީހުންނަށް ލިބިފައިވާ އެއްޗެހި ތިބާއަށް ލިބުމަށްނޭދޭށެވެ. " ( ސުނަނު އިބުނު މަޖާހު 4169 )
1. ތިބާއަށް ކުރެވޭ އެންމެ ފަހު ނަމާދުގެ ގޮތުގައި ކޮންމެ ނަމާދެއްވެސްކުރުން
ތިބާ ކުރާ ކޮންމެ ނަމާދަކީ ތިބާއަށް ކުރެވޭ އެންމެ ފަހު ނަމާދުގެ ގޮތުގައި ކުރުމުގެ ސަބަބުން ނަމާދުގައި ތިބާ ޚުޝޫޢަތްތެރިވުމަށް އެހީތެރިވެދެއެވެ. ނަމާދަށް ތިބާ ހުއްޓިހުންނައިރު ގިނަފަހަރު ތިބާއަށް ވިސްނޭނީ ނަމާދުކުރުމަށްފަހު ކުރަންހުރި ކަންތައްތަކާމެދުއެވެ. الله أكبر ( ﷲއީ އެންމެ މަތިވެރި ރަސްކަލާނގެއެވެ ) މިފަދައިން ކިޔާ ތިބާގެ ނަމާދު ފަށްޓާއިރު، ޙަޤީގަތުގައި ތިބާ ތިބުނަނީ ތިބާގެ މަސައްކަތްތަކާއި، ދަރިންނާއި، މުދަލާއި ތިބާގެ އެހެން ހުރިހާ އެއްޗަކަށްވުރެ އެކަލާނގެ މަތިވެރިކަމެވެ. އެހެންކަމުން، ތިބާ ނަމާދުކުރާއިރު، އެއީ މިދުނިޔެމަތީ ތިބާ ﷲގެ ޙަޟްރަތުގައި ހުއްޓިހުންނަ އެންމެ ފަހު ފަހަރު ކަމަށް ވިސްނައި، ޤިޔާމަތްދުވަހު ތިބާއަށް އެއްމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއި މެދުކަން ހަނދުމަކުރާށެވެ. އަދި މިދުނިޔޭގައިވާ އެއްވެސް އެހެން އެއްޗަކާއި ތިބާއާއި އޮންނަ ގުޅުމަށްވުރެ ތިބާގެ ވެރި ރަސްކަލާނގެއާއި ތިބާއާއި ދެމެދު އޮންނަ ގުޅުމަށް އިސްކަންދޭށެވެ.
2. ފަހުން ތިބާ މަޢާފަށް އެދެންޖެހޭ ވަރުގެ ބަހެއް ނުބުނާށެވެ.
ކީރިތި ރަސޫލާ (ޞ)ގެ މި ބަސްފުޅަށް ބޯލަބައި ތިބާގެ މުޅި ޢުމުރު ހޭދަކޮށްފިނަމަ އޭގެ ނަތީޖާ ނިކަންވިސްނާލައްވާށެވެ. އޭގެ ސަބަބުން އެތައް ކައިވެންޏަކާއި، އެތައް އެކުވެރިކަމުގެ ގުޅުމަކާއި ތިބާ ފަހުން ދެރަވެ އެކަމުން އެތައް ވޭންތަކެއް ލިބިފައިވާ ކަންތައްތަކުން ސަލާމަތްކުރެވުނީހެވެ. ތިބާ މީހަކާއި ވާހަކަ ދައްކާއިރު، އެދެކެވޭ ވާހަކައާއި ވާހަކަ ދެކެވޭގޮތަކީ ތިބާ އެމީހަކާއި ވާހަކަދައްކާ އެންމެ ފަހުފަހަރު ކަމުގައިވެއްޖެނަމަ ތިބާ ހިތްހަމަޖެހޭނެތޯ އަމިށްލަ ނަފަސާއި ސުވާލުކުރާށެވެ. އަބްދުﷲ އިބުނު ޢުމަރު ވަރަށް ގިނައިން ވިދާޅުވި ބަސްފުޅެއްގައިވެއެވެ. " ރޭގަނޑު، ތިބާ ދުވާލު ވަންދެން ދުނިޔޭގައި ހުންނާނެކަމަށް އުއްމީދު ނުކުރާށެވެ. އަދި ދުވާލު، ތިބާ ރޭގަނޑުވަންދެން ދުނިޔޭގައި ހުންނާނެކަމަށް އުއްމީދު ނުކުރާށެވެ. " ( ބުޚާރީ )
3. މީހުންނަށް ލިބިފައިވާ ތަކެތި ލިބުމަށްނޭދޭށެވެ.
މިއީ ގިނަމީހުންނަށް ދެނެގަންނަށް އުނދަގޫކަމެކެވެ. ' މީހުންނަށް ލިބިފައިވާ ތަކެތި ތިބާއަށް ލިބުމަށް އުއްމީދުނުކުރާށެވެ. ' މިދުނިޔެމަތީ ތިބާއަށް ލިބިފައިވާ ތަކެތިން ނުފުދިގެން އެތައް ފަހަރަކު އެކަމާއި ކަންބޮނޑުވެ ހާސްވެއެވެ. އަދި މީހަކަށް ލިބިފައިވާ އެއްޗެއް ތިބާއަށް ނުލިބުމުގެ ސަބަބުން ހަސަދަވެރިވެ ތިބާގެ ދިރިއުޅުމާއިމެދު ހިތްހަމަނުޖެހޭ ފަހަރުވެސްއާދެއެވެ. މިއީ މުޅިއުމުރުދުވަހުވެސް ތިބާއަށް ކުރެވޭނެ އިހުސާސެކެވެ. ހަމައެކަނި ޒުވާނުންނަކަށްނޫނެވެ. އަޅުގަނޑުމެންނަށް މިދުނިޔެމަތީ ލިބިފައިވާ ތަކެއްޗާއިމެދު ހިތްހަމަނުޖެހުމަށް ޝައިޠާނާ އެތައް ގޮތަކުން މަސައްކަތްކުރާނެއެވެ. އޭގެ ސަބަބުން އާޚިރަތް ކާމިޔާބުކުރުމާމެދު ހަނދާންނެތި މިދުނިޔެއަކީ ތިބާއަށް ފުރިހަމަ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރެވޭނެއެވެ. ތިބާއަށް މިދުނިޔެމަތީ ލިބިފައިވާ ނިޢުމަތްތަކާއިމެދު ހިތްހަމަނުޖެހޭނަމަ ތިބާގެ އާޚިރަތް ކާމިޔާބެއްނުކުރެވޭނެއެވެ.
އެހެންކަމުން، ކީރިތި ރަސޫލާ (ﷺ) ގެ މި ޙަދީޘް ބަސްފުޅުން ތިބާ ޢިބުރަތް ޙާސިލްކުރާށެވެ. އަދި ތިބާގެ ދިރިއުޅުމުގައި މިއުސޫލުތައް ބޭނުންކުރާށެވެ. އަދި ފުރަތަމަ ކަމެއްގެ ގޮތުން ތިބާ ނަމާދަށް ރައްކާތެރިވާށެވެ. އެއީ، ނަމާދުގެ ސަބަބުން ތިބާއާއި ﷲ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެންދާނެތީއެވެ. އަދި ތިބާއާއި ﷲ އާއި ދެމެދު އޮންނަ ގުޅުން ރަނގަޅުވެއްޖެނަމަ، ތިބާއާއި ހުރިހާ އެއްޗަކާއި އެހެންފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ރަނގަޅުވެގެންދާނެއެވެ