ކައިވެނިކުރަނީ ނުލާހިކު ލޯބިންނެވެ. ކައިވެނިކުރުމަށްފަހު ލޯބިވުން ކުޑަވާނަމަ އެކަމަށް ސަބަބެއް އޮންނާނެއެވެ. ކޮންމެ ސަބަބަކީ އަނެކާ ގޯސްވުމެއް ނޫނެވެ. ދެމީހުން ގޯސްވުމެއްވެސް ނޫނެވެ. ވެވޭ އިހްމާލްތައް މަދެއް ނޫނެވެ. މާގިނައެވެ. ޙައްލަކީ އެކަންކަމަށް ސަމާލުކަން ދިނުމެވެ.
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އަދި އަންހެނުންނާއި ފިރިހެނުންނަކީވެސް ތަފާތު ބައެކެވެ. އެހެންކަމުން އެކި މީހުން ބޭނުންވާނީ އެކި ކަންކަމެވެ. އެކި ގޮތަށެވެ. ވީމާ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭއިރު އަނެކާ އެންމެ ބޭނުންވާނެ ކަންކަމާއި އެންމެ ބޮޑަށް އުފާވާނެ ކަންކަން ދެމެގަންނަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ.
އަންހެނުންނަކީ އެމީހުންދެކެ ލޯބިވާކަން ހާމަކުރާ އަޑުއަހަން ވަރަށް ގިނައިން ބޭނުންވާބައެކެވެ. ފިރިހެނުންވެސް އެކަން ބޭނުންވާނެއެވެ. ނަމަވެސް ފިރިހެނުންނަށްވުރެ މާބޮޑަށް އެކަން އަންހެނުން ބޭނުންވެއެވެ. ވީމާ ދެމަފިރިން ވީހައި ގިނައިން އެކަކު އަނެކަކުދެކެ ލޯބިވާކަން ހާމަކުރަންވާނެއެވެ. އަދި ފިރިހެނުން މިކަމަށް ސަމާލުކަން އިތުރުކުރަންވާނެއެވެ.
ޙަދީޘްފުޅެއްގައިވެއެވެ. "ޢައިޝަތުގެފާނު ރަސޫލް (ﷺ) އަށް ދެންނެވިއެވެ. އެކަމަނާ ދެކެ ރަސޫލް (ﷺ) ލޯބިފުޅުވެވަޑައިގަންނަވާ މިންވަރާއިމެދުގައެވެ. ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވިއެވެ. އެކަން އޮތީ ބާރަށް ޖެހިފައިވާ ގޮށެއް ފަދައިންނެވެ.
އަދިވެސް އެ ޙަދީޘްފުޅުގައިވެއެވެ. ދެކަނބަލުންގެ މެދުގައި މައްސަލައެއް ޖެހޭހިނދު "ގޮށް މިހާރު އޮތްގޮތަކީ ކޮބައިތޯ ޢައިޝަތުގެފާނު ސުާލުކުރައްވަވައެވެ. ޖަވާބުގައި ޙަދީޘްފުޅުކުރައްވަވައެވެ. "ހަމައެހައި ބާރަށެވެ!"
މިއީ ޗޭނުގެ ގޮތުން ޟަޢީފް ޙަދީޘްފުޅެއްކަމަށްވެއެވެ. އެހެންކަމާއިއެކުވެސް ދިރިއުޅުމަށް ފައިދާހުރި ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާ ކަމެއްގައި ހާމަކުރުމަކީ މައްސަލައެއް ނޫންކަމަށްވާތީ ހާމަކޮށްލީއެވެ.
ކޮންމެ އަންތބަކުވެސް އޭނާގެ ފިރިމީހާ އޭނާގެ ފިރިމީހާގެ ދުލުން ގިނަގިނަގިނައިން ބުނުވަން ބޭނުންވާނެއެވެ. ލޯބިވާކަން ހާމަކުރުމުން އުފާވާނެއެވެ.
މައްސަލައަކ ބައެއް ފިރިހެނުން އެމީހުންގެ ހައިބަތުބޮޑުކަން ދައްކަން، ނުވަތަ ޤަދަރުވެރިކަން ދައްކަން، ނުވަތަ ފިރިހެންވަންތަކަން ދައްކަން ބޭނުންވާވަރުން އަނބިންދެކެ ލޯބިވާކަން ހާމަނުކުރުމެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެގޮތަށް އެކަން ކުރުމުން ދެމަފިރިންގެ ލޯތްބަށް އުނިކަން އާދެއެވެ. ވީރާނާވެއެވެ. ބަނގުރޫޓުވެސްވެއެވެ. އަދި އެއީ ދެމަފިރިންގެ ލޯތްބަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ޚާއްޞަ ނަމެއް ކޔުމަކީވެސް ލޯބިިއތުރުވާ ކަމެކެވެ. އެކަމުން އަނަގައިދެނީ ދެމަފިރިންގެ މެދުގައި ލޯބި އޮތް މިންވަރެވެ. ރަސޫލް ( ﷺ) ޢައިޝަތުގެފާނަށް ތަފާތު އެތައް ނަންފުޅަކުން ޙަދީޘްކުރެއްވެވިއެވެ. އެއިގެ ތެރެއިން އެއް ނަންފުޅަކީ "ޢައިޝް" އެވެ. އެނަންފުޅަކީ ދެވަނަ އެއްވެސް މީހަކު އެކަމަނާއަށް ކިޔާފައިވާ ނަމެއް ނޫނެވެ.
މީގެއިތުރުން ދެމަފިރިންގެ މެދުގައި ހެއްވާ ވާހަކަ ދައްކައި ސަމާސަ ކުރުމަކީވެސް ދެމަފިރިންގެ ލޯބި އިތުރުވާ ކަމެކެވެ. އެއީ ލޯތްބަށް ދިރުން ލިބި އުޖާލާކަން އިތުރުވާ ކަމެކެވެ.
-- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން