ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަނީ

މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ މަސައްކަތް ރަމަޟާންމަސް ނިމުމުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ދާރުލް އަރުޤަމް ވަޤްފް އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީކުރެވޭ އިމާރާތެއް ކަމަށެވެ. މި އިމާރާތުގެ ކުރެހުންތައް ވަނީ އާންމުކޮށްފައެވެ. މި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ އީޕޮކް އެސޯސިއޭޓްސް ކިޔާ ކުންފުންޏަކުންނެވެ.

ވަޒީރު ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުގެ ތެރޭގައި ދާރުލްއަރުޤަމް މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫޢު ހިމެނޭ ކަމަށެވެ. ހުޅުމާލޭގައި އިމާރާތްކުރާ ދާރުއްސަލާމް ވަޤުފް އިމާރާތަކީވެސް 12 ފަންގިފިލާގެ އިމާރާތެއް ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވެފައިވަނީ، މި ދެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވުމުން އެ ވުޒާރާގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މި ދެ މަޝްރޫޢުގެ ސަބަބުން ވުޒާރާއަށް އިތުރު އާމްދަނީ ލިބި، ވުޒާރާގެ ޚަރަދުތައް ކުޑަކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ދެ މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ޘަޤާފަތް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢުތަކެއް ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން