ރަމަޟާންމަހު 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރަމަޟާންމަހު 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ހަމަޖައްސައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކުރި ގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލެ ސަރަޙައްދުގެ 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތަކާއި އަދި ހުޅުމާލޭގެ 10 މިސްކިތެއް ހިމެނެއެވެ.

ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ފޭސް އެކެއްގެ 6 މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ 4 މިސްކިތެއްގައެވެ. އަދި މާލޭގެ ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުވެސް މި ލިސްޓުގައި ހިމެނެއެވެ.

އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ. ސަލްމާނު މިސްކިތުގައި ދަމުނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމް އަދި އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.

އާންމު ގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 02:00 އިން ފެށިގެންނެވެ. މިއީ ކޮންމެ ރަމަޟާން މަހެއްގައިވެސް މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ އާދަކާދައެކެވެ.

މީގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭގެ 23 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މީގެ ތެރޭގައި މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 7 މިސްކިތެއް ހިމެނެއެވެ.

މި އިންތިޒާމުތަކަކީ ރަމަޟާން މަހުގެ ބަރަކާތްތެރިކަން އިތުރުކޮށް، މުސްލިމުންނަށް އިބާދަތްތެރިކަމުގައި އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން